އެޗްޑީސީ

ބީޗް ފްރަންޓުން ބިން ގަންނަން 18 ބީލަން

ހުޅުމާލޭގެ ބީޗް ފްރަންޓުން ބިން ގަތުމަށް 18 ފަރާތަކުން ބީލަން ހުށަހަޅައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބީލަމުގެ އުސޫލުން ހުޅުމާލޭގެ ބީޗް ފްރަންޓުން 22 ބިން އަދި ބީޗް ސައިޑުން 52 ބިން ވިއްކަން އިއުލާނުކޮށްފަ އެވެ.

ހުޅުމާލޭގެ ބީޗް ފްރަންޓުން ބިން ގަތުމަށް ހުޅުވާލި ފުރުސަތުގައި، މިއަދު އެންމެ ބޮޑު އަގެއް ހުށަހެޅީ އަކަފޫޓަކަށް 8،141.23 ރ. އެވެ. އެންމެ ކުޑަ އަގުގެ ގޮތުގައި ހުށަހަޅާފައިވަނީ އަކަފޫޓަކަށް 6،501 ރ. އެވެ.

ބީޗް ފްރަންޓުން ބިން ގަންނަން ބޭނުންވާ ފަރާތްތަކުން ބީލަން ފޯމު ހުށަހެޅުން އޮތީ މިއަދު ހެނދުނު 9:00 އިން 11:00 އަށެވެ. ބީލަން ފޯމު ހުޅުވުން އޮތީ މިއަދު މެންދުރު 12:15 ގައެވެ.

ހުޅުމާލޭގެ ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން ވިއްކުމަށް ހަމަޖެހިފައިވާ 52 ބިމަށް ބީލަން ހުށަހެޅުން އޮންނާނީ މާދަމާ ހެނދުނު 9:00 އިން 11:00 އަށެވެ. ބީލަން ހުޅުވުން އޮންނާނީ މެންދުރު 12:15 ގައެވެ.

ބީލަން ފޯމު ބަލައިގަތުމާއި ހުޅުވުން ކުރިއަށް ގެންދަނީ ހ. މީރުމާގެ ދެވަނަ ފަންގިފިލާގައި ހުންނަ ކީރަންމާ މާލަމުގަ އެވެ.

އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1095.05 އަކަފޫޓާއި 2588.14 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

ބީޗު ފްރަންޓުގެ ބިންތަކަށް ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 6،500 ރުފިޔާ އެވެ. ބީޗް ސައިޑްގެ ބިމެއް ނަމަ ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 5،500 ރުފިޔާ އެވެ.

ގޯތި ގަންނަ މީހުންގެ ޝަރުތުތައް

  • އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން.
  • އެޗްޑީސީން ވިއްކި ހުޅުމާލޭގެ ބިމެއް ބީލަމުގެ އުސޫލުން ގަނެފައިވާ މީހަކަށް ނުވުން.
  • ދިރިއުޅުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް - މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައި ނެތުން.
  • އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާނަމަ 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން.
  • ބީލަމުން ބިމެއް ގަތުމަށްފަހު އެ ބިން އެހެން މީހެއްގެ ނަމަށް ބަދަލުކޮށްފައިވާ މީހަކަށް ނުވުން.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިއަހަރުގެ ފެބްރުއަރީ މަހުވެސް ބިން ވިއްކާފައިވެ އެވެ. އޭރު ބީލަމުގެ އުސޫލުން ދެ ބުރެއްގެ މަތިން ޖުމްލަ 60 ބިން ވިއްކައިގެން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ އެޗްޑީސީއަށް ލިބުނެވެ.