ދުނިޔެ

އޯޕެކުން ތެޔޮ އުފައްދާ ވަރު ދަށްކުރުން އެމެރިކާއަށް މައްސަލައަކަށް ވެއްޖެ

އޯޕެކް ޕްލަސްއިން ތެޔޮ އުފައްދާ ވަރު މަދުކުރުމުން އެމެރިކާއަށް ވަރަށް ބޮޑު މައްސަލައަކަށްވެ މަސްރަހު ހޫނުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ހަވާލާ ދެއްވައި ވައިޓް ހައުސްއިން ވަނީ ތެޔޮ އުފައްދާ ވަރު މިވަގުތު ދަށްކުރުމުން އާމްދަނީ މަދުން ލިބޭ ގައުމުތަކަށް ދެރަ ގޮތްތަކެއް ވާނެ ކަމަށް ބުނެފަ އެވެ.

އޯޕެކް ޕްލަސްގެ ކޮންޓްރޯލް އޮންނަ ދުނިޔޭގެ ތެލުގެ ބާޒާރަށް ތެޔޮ ނެރޭ އަދަދުން ދުވާލަކު ދެ މިލިއަން ފީފާ މަދުކުރަން އެ ޖަމާއަތުން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް އެއީ ކުއްލިއަށް އަމަލުކުރަން ހަމަޖައްސާފައި އޮތް އަދަދެއް ނޫނެވެ. ފުރަތަމަ ބުރުގައި -- ނޮވެމްބަރުން ފެށިގެން މަދުކުރަން ހަމަޖައްސާފައިވަނީ އެއްމިލިއަން ފީފާ އެވެ.

އޯޕެކް ޕްލަސްގެ މި މިންމުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި ހަކަތަ ލިބުން ދަތިވެދާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ. އެެހެން ނަމަވެސް އޯޕެކް ޕްލަސްގެ މެމްބަރު ގައުމުތަކުން ބުނާ ގޮތުން ބާޒާރަށް ތެޔޮ ނެރޭ ވަރު ދަށްކުރުމުގެ ބޭނުމަކީ އަގުތައް އެއްވަރެއްގައ ދެމެހެއްޓުމެވެ.

ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ގުޅިގެން ވެސް ތެޔޮ އުފެއްދި މިންވަރު ދަށްކުރި ކަމަށް އޯޕެކް ޕްލަސްއިން ބުނެ އެވެ. އެ ޖަމާއަތުން އަދި ބުނީ ތެލުގެ އަގު ދެމެހެއްޓި އަދި ސަޕްލައި ވެސް ދެމެހެއްޓޭނީ އަގު ކޮންޓްރޯލްކޮށްގެން ކަމަށެވެ.

އެމެރިކާ ބުނާ ގޮތުން އޯޕްކެ ޕްލަސްއިން ވަނީ ރަޝިއާގެ ސިހުރުގައި ރަނގަޅަށް ޖެހިފަ އެވެ. ދުނިޔެއަށް ޒަރޫރަތު އޮތް މުހިންމު ބާވަތެއް އުފައްދާ ބަޔަކު ރަޝިއާ ކޮޅަށް ބުރަވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް އެމެރިކާ ބުނެ އެވެ.

އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުން ތެޔޮ އުފައްދާ ގައުމުތަކުން ތެޔޮ ބޭނުން ކުރަނީ ހަތިޔާރެއް ގޮތަށެވެ. އެ މީހުން ބޭނުން ބަޔަކަށް ދަތިކޮށް ބޭނުން ގޮތަށް އަގުތައް ކޮންޓްރޯލް ކުރުމަކީ އަނިޔާވެރިކަމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

އޯޕެކް ޕްލަސްގައި ރަޝިއާ އާއި ސައުދީ އަރަބިއްޔާ ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އީރާގު، އީރާން އަދި ވެނެޒުއެލާ ވެސް ހިމެނެ އެވެ.