އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި ސަރަހައްދީ ކަރަންޓީން ފެސިލިޓީއެއް ހަދާނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީގައި ޑިޒައިން ބިލްޑް އުސޫލުން ރީޖަނަލް ކަރަންޓީން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތައް ޝައުގުވެރިވާ ރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށް ބިޑް ހުށައެޅޭނެ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކަރަންޓީން ފެސިލިޓީ އަކީ ބޭރު ގައުމުތަކުން ރާއްޖެއަށް ގެންނަ ގަސްގަހާގެއްސާއި ދިރޭތަކެތި ބަހައްޓާ ހާއްސަ ރީޖަނަލް ފެސިލިޓީ އެކެވެ.

މި މަހު ނަވާރަ ވަނަ ދުވަހު އޮންނަ ބީލަމުގައި ބައިވެރިވެވޭނީ 300 ރުފިޔާ ދައްކައިގެންނެވެެ. މިއީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކުރާ ކަރަންޓިން ފެސިލިޓީގެ މަސައްކަތް އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި ހުށަހަޅަންޖެހެނީ 33،814.2 ރުފިޔާ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 90 ދުވަހެވެ.

ކަރަންޓީން ފެސިލިޓީއާ ގުޅޭ މައުލޫމާތު ދިނުމަށްޓަކައި މިމަހުގެ 13 ދުވަހު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް އިންޓަނޭޝަނަލް އެއާޕޯޓެއްގައި ގަސްގަހާގެއްސާއި ދިރޭތަކެތި ބެހެއްޓޭނެ ކަރަންޓީން ފެސިލިޓީއެއް މިވަގުތު ގާއިމުކޮށްފައެއް ނުވެ އެވެ.