ވާހަކަ

އިޙްސާސްވޭ

( 4 އޮކްޓޯބަރ 2022 އާ ގުޅޭ )

"އައި އޭމް ހޯމް... މާޔާ ކޭމް ބެކް. ޝީ އިޒް ފައިނަލީ ހޯމް." ހެމުން ރޮމުން މާޔަލް ބުނެލިއެވެ. ގޮނޑިން ކުޑަކޮށް ތެދުވެލުމާއެކު އައިރިކްގެ ދެއަތުގެ ތެރެއަށް މާޔަލް ގެނެސްލައިފިއެވެ. ލޯބިން މާޔަލްގެ ކޯތާފަތުގައި އޭނާ ބޮސްދިނެވެ.

"އައި އޭމް ހިއާ... ވެއިޓިން ފޯ ޔޫ... ވެލްކަމް ބެކް ލަވް." ލުއި ހީނލުމާއެކު މަޑުމަޑުން އައިރިކް ބުންޏެވެ.

"އައި ލަވް ޔޫ. އައި ރިއަލީ ޑޫ." މާޔަލް ބުންޏެވެ. އެ ލަފުޒުތައް އެހުމަށް ޓަކައި އައިރިކްގެ ހިތް އިންތިޒާރު ކުރާތާ ކޮންދުވަހެއް ހެއްޔެވެ. އިންތިހާއަށް ލޯބިވާކަން މާޔަލްގެ ކަންފަތްދޮށުގައި އައިރިކް ހާމަކޮށްލިއެވެ. މާޔަލް ދުރުކޮށްލަން ބޭނުންނުވެ އޭނާގެ ގައިގާ ބައްދާލި ގޮތަށް އައިރިކް ހުރީއެވެ. ދެމެދުގައި ވާހަކަތަކެއް ނުދެކެވި ވަގުތުކޮޅެއް ހޭދަވެގެން ދިޔައެވެ.

"ރިކް..." މާޔަލް ގޮވާލިއެވެ. އެއާއެކު އައިރިކް ހޫނ ލައްވާލިއެވެ. އައިރިކް ދުރަށް ޖެހިލީ މާޔަލް އެކަމަށް އިޝާރާތް ކުރީމައެވެ. އެ ހަށިގަނޑު ދޫކޮށްލައި އެނދުގައި މާޔަލް ހަމަޖެހެން އައިރިކް އެހީތެރިއެވެ. ދެން ގޮނޑީގައި އިށީނުމުގެ ކުރީން މާޔަލްގެ މޫނުގައި ދެއަތުން ފިރުމާލުމާއެކު ނިތްކުރީގައި ބޮސްދިނެވެ.

"އަހަރެން އެބައޮތް ވާހަކައެއް ބުނަންވެފަ. އެރޭ... އައި މީން އެކްސިޑެންޓްވީ ރޭ އަހަރެން ދިޔައީ ރިކްއަށް ހުރިހާކަމެއް ކިޔާދޭން ނިންމައިގެން." މާޔަލް ބުންޏެވެ.

"ލެޓް މީ ގެސް. އިވާންގެ ވާހަކަތަ؟." އެނދުކައިރީ ހުރި ގޮނޑީގައި މާޔަލްގެ އަތުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ އައިރިކް ވާހަކަދެއްކިއެވެ. އޭނާއަށް މާޔަލްގެ ފަރާތުން ނޭނގި އޮތް ކަމަކަށްވާތީ ޔަގީންކުރީއެވެ.

"އާން." ކުށްވެރި އިޙްސާސެއްގެ އަސަރު މާޔަލްގެ ދެ ލޮލުގައި ވިއެވެ.

"އަހަރެން މާޔާ ބޭނުމޭ ބުނީމަ ދުވަސްކޮޅަކު މަޑުކޮށްދޭށޭ ބުނީ އިވާންއާ ރައްޓެހިވެގެން އުޅޭތީތަ." އައިރިކް އަނެއްކާ ވެސް ސުވާލު ކުރިއެވެ.

"ރިކް... އިވާންއާ އަހަރެން ރައްޓެހިވީއިރު ލޯތްބަކީ ކޮބާކަމެއް، އެއީ ކޮންކަހަލަ އިޙްސާސްތަކެއް އެކުލެވޭ ޖަޒުބާތެއްކަމެއް ނޭނގޭ. އަހަންނާއެކީ އެންމެ ގާތްކޮށް، ބެސްޓް ފްރެންޑޭ ބުނާހާ ގާތްކޮށް އުޅުނު އެކުވެރިޔާ އައިމީގެ ބޭބެ އިވާނަކީ، އަހަންނަށް ލޯބި ހުށަހެޅީ އޭނާ. ކިޔެވުން ނިމެންދެން މަޑުކުރަން އަހަރެން އޭނާ ކައިރިން އެދުނިން. އޭރު އަދި ރިލޭޝަންޝިޕަކާމެދު އެއްގޮތަކަށް ވެސް ނުވިސްނަން. އިވާންއާ ރައްޓެހިވުމުގެ މާބޮޑު ޝައުގެއް ވެސް ނެތް. އަހަރެން އެދުނީތީ އޭނާ އެއްބަސްވި މަޑުކުރަން. އެންމެންނާ ގުޅޭ މިޒާޖެއްގެ މީހެއް އިވާނަކީ. އަހަރެންގެ ފެމެލީ މީހުންނަށް އައިމީއަކީ ކާކުކަން އެނގޭނެ، އޭނާގެ ޢާއިލާއަކީ ކޮންކަހަލަ ޢާއިލާއެއްކަން އެނގޭނެ، އެހެންވެ އެމީހުންނަށް އިވާން ބަލައިގަންނަން ފަސޭހަވީ. ލޯބީގެ ރިލޭޝަންޝިޕެއް ފަށަން ރެޑީ ނުވިޔަސް އަހަރެން އެ ފުރުޞަތު އިވާނަށް ދިނީ އޭނާ ވަރަށް އާދޭސްކުރީމަ. ގާތް އެންމެން ވެސް އެކަން ކުރާން އެއްބާރުލުން ދިން. ޓްރުތް އިޒް، އެއީ މާބޮޑު ވިސްނުމަކާނުލާ އަހަރެން ނިންމި ނިންމުމެއް. އިވާން ވަރަށް ލޯބިވާކަން އެނގޭ، ވަރަށް ކެއާ ވެސް ކުރޭ. އެކަމަކު ދެ މީހުންގެ ޚިޔާލު މެޗެއްނުވޭ. ރިލޭޝަންޝިޕަށް ގިނަދުވަސްވީވަރަކަށް ދެ މީހުންގެ ހުރި ނުގުޅޭ ކަންކަން ފާހަގަވާންފެށީ. އޭނާ ކިތަންމެ ލޯބިން އުޅުނަސް އަހަންނަށް ފީލްވަނީ އެ ގުޅުމުގައި ކޮންމެވެސް ކަމެއް އުނިވެޔޭ. އޭރު ވެސް ނޭނގޭ އަހަރެންނަށް މި ހުރިހާކަމެއް މިވަނީ އިވާން ލޯބިވާވަރަށް އޭނާދެކެ އަހަންނަށް ލޯބި ނުވެވޭތީކަމެއް. ބައެއްފަހަރު އަހަރެންގެ އެ ކެއާލެސްކަމަށް ވަރަށް ގިލްޓީ ވެސް ވެވޭ. އަހަރެންގެ ހަޔާތަށް އަލަށް ވެސް އައީ މީހަކީ އެއީ. ދެ މީހުންގެ ދެމެދުގައި ބައެއްފަހަރު ވަރަށް މައްސަލަ ބޮޑުވެ ވާހަކަނުދައްކާ ވެސް ތިބެން. އެކަމަކު އެހާ ގިނަ ދުވަހަކަށްނޫން. އޭނާ މަޢާފަށް އެދޭނެ. ބައެއް ފަހަރު އަހަރެން ވެސް އިސްވެ މަޢާފަށް އެދެން. ތެދަށް ބުނަންޏާ މި ގުޅުން ކަނޑާނުލާ ކުރިޔަށް ގެންދަން ބޮޑަށް މަސައްކަތް ކުރާ މީހަކީ އިވާން. އޭނާ އެފާޓް ލާ ވަރާ ކައިރިއަށް ވެސް އަހަންނަށް އަޅާނުލެވޭ. ބައެއްފަހަރު އޭނާ މާބޮޑަށް ސަމާލުކަން ދޭތީ ވެސް އަހަންނަށް އުނދަގޫވޭ. މިކަހަލަ ސްޓޭބަލް ނޫން ރިލޭޝަންޝިޕެއްގައި ހުއްޓާ ރިކްއާ ބައްދަލުވީ. ޒިލްގެ ވެޑިން އެއީ އަހަރެމެންގެ ފުރަތަމަ ފެނިލުން. އިވާން ނޫން ފިރިހެނަކު އަހަންނާ މެދު ޝައުގުވެރިކަން ފާޅުކުރި ފުރަތަމަ ފަހަރު ވެސް މެ. އެރޭ ހަޤީޤަތުގައި އަހަންނާއެކު އިވާން ހުންނަން ޖެހޭނެ. އޭރު އަހަރެމެންގެ މެދުގަ މައްސަލައެއް ޖެހިގެން އުޅުނީ. އެހެންވިޔަސް އެރޭ އޭނާ އަންނާނޭ ކަމަށް އަހަރެން ހީކުރިން. އޭނާއަށް ވެސް އެނގޭނެ ޒިލްއަކީ އައިމީ ފަދައިން އަހަރެންނަށް ވަރަށް ޚާއްޞަ އެކުވެރިއެއްކަން. އޭނާގެ ވެޑިންއަށް މާކުރިން ތައްޔާރުވާން ފަށައިފިކަން. އެކަމަކު އެރޭ އިވާން ނެތުންވީ ރިކްގެ އިސްނެގުމަށް އަހަރެން ދެކޮޅު ނުހެދި އެއް ސަބަބު. އެހެންވިޔަސް އަހަންނަށް އެނގެނީ އިވާން ފުރަތަމަ ފެނުނު ދުވަހު ވެސް އަދި އޭނާ އަހަންނަށް ލޯބި ހުށައެޅިއިރު ވެސް އަހަރެންގެ ހިތަށް ނުވާގޮތެއް އެރޭ އެ ޕާޓީއިން ރިކް ފެނުމުން ވެއްޖެކަން. އެރޭގެ ބައްދަލުވުމުން އެކަނިވެސް އަހަންނަށް ރިކް ފާހަގަވެއްޖެ، އެކަމަކު ސަމާލުކަމެއް ނުދިނީ އަހަރެން ހުރީ ހުސްކޮށްނޫންވީމަ. އެގޮތަށް ޕާޓީއަކުން ދެ މީހަކު ބައްދަލުވެ ވާހަކަދެއްކުމަކީ ސީރިއަސްކޮށް ވިސްނަންވާނޭ ކަމެއްނޫނޭ ހިތަށް އެރީ. އެހެންވެ އެރޭ ފީލްވި އެޓްރެކްޝަން ހަނދާންނައްތާލީ. ދެން އަހަރެންނަށް ރިކް ފެނުނީ ލާސްޓް އިޔާގަ... ވުމެންސް ޑޭގަ... އަހަރެންނަކީ މާވިއްކާ ފިހާރައެއް ހިންގާ މީހެއް. އެކަހަލަ ޚާއްޞަ މުނާސަބާއާ ގުޅިގެން ބޮޑެތި އޯޑަރު އަންނާނެ. އޮފީހަކުން އައި ބޮޑު އޯޑަރެއް ހިފައިގެން އަހަންނާއި ދޮންތި ދިޔައީ ރިކްއާ އެ ދުވަހު ބައްދަލުވި ހިސާބުގައި ހުރި އޮފީހަކަށް. ހިތަށް ވެސް ނާރާ އަލުން ރިކްއާ ދިމާވެދާނޭ. ރިކް ފެނުނީމަ އެރޭ ޕާޓީގައި އަހަންނަށް ފީލް ކުރެވުނު ހުރިހާ ޖަޒުބާތެއް އެނބުރި އަންނަން ސުކުންތެއް ވެސް ނުނެގި. ދަމާބާރެއް ވާހެން ހީވީ. އެ ދުވަހު ލަންޗަށް އިންވައިޓް ކުރިއިރު އަހަރެން ވެސް އަސްލު ހުރީ ރިކްއާ ވާހަކަދައްކާލަން ބޭނުންވެފަ. ހިތަށް އެރި މީ ޑެސްޓިނީގެ ސައިންއެކޭ. ހެ ހެ ހެ... އައި ނޯ އިޓް ސައުންޑްސް ފަނީ. އޭރު ނޭނގޭ ކީއްވެކަމެއް ރިކްއާ މެދު ޝައުގުވެރިވެވެނީ. އެ އިޙްސާސަށް ދޭނޭ ނަމެއް އޭރު ނެތް. ރިކްއާ ވާހަކަދައްކާ ވަރަކަށް އަހަރެންނަށް ރިކް ކަމުދާންފެށީ... ވަރަށް ބޮޑަށް. ޚިޔާލު ވެސް ކުރެވެނީ. ދެން ބިރުގަންނަންފެށީ އިވާންއާ ރައްޓެހިވެގެންކަން ހުރީ އެނގޭތީ. ރިކްއަށް އެނގިއްޖެއްޔާ އަހަންނާ ދުރަށް ހިނގައިދާނެއޭ ހީވީ. އަހަރެންގެ ކެރެކްޓަރއާ މެދު ގޯސްކޮށް ހީކުރާނޭ ހީވީ. އޭރު ރިކް ލޯބިވޭ ބުނެފި. އަހަރެން ވެސް އެފަދައިން ޖަވާބުދޭން ބޭނުންވެފަ ހުރީ. އެކަމަކު އިވާންއާއެކު ހުރެ އެހެން ބުނާން ބޭނުންނުވީ. އިވާންއާ އޮތް ގުޅުން ނިންމާލަން އަހަރެން ގަސްދުކޮށްގެން ހުއްޓާ އަހަންނަށް އިވާންގެ ސިއްރެއް އެނގުނީ. އެހިސާބުން އަހަރެން އެންމެ ދުވަހެއް ވެސް ބޭކާރެއް ނުކުރަން. އިވާންއާ އޮތް ގުޅުން ނިންމާލުމަށްފަހު އޭގެ އަނެއް ދުވަހު ރިކްއާ ރައްޓެހިވާން އެއްބަސްވުން ރަނގަޅު ގޮތެއްކަމުގައި ފީލެއްނުވި. އެހެންވެ އަހަރެން ރިކްއަށް ޖަވާބެއްނުދީ ހުރީ. އެކަމަކު ރިކްއާ ވާހަކަދައްކާ ކޮންމެ ފަހަރަކު ލޯބިވެޔޭ ބުނާއިރު އަހަރެންގެ ޓްރޫ ފީލިންގްސް ހާމަނުކޮށް ހުންނަން ވަރަށް އުނދަގޫވި. ކެތްކުރާން ދަތިވަނީ... ވީ އެންމެ އަވަހަކަށް ރިކްއާއެކު ރިލޭޝަންޝިޕަކަށް ދާން ބޭނުންވަނީ. އަހަންނަށް އެނގޭ އަހަރެންކަން މި ފަސްޖެހެނީ. އެރޭ އެއީ އަހަރެންގެ ކެތްތެރިކަން ބްރޭކްވީ ރޭ. އެނގޭ ރިކްއަށް ލޯބި ހުށަހަޅަން އަހަރެން ވަރަށް ޕްލޭންތައް ކޮށްފައިކަން އޮތީ. އެހެންވިޔަސް އެރޭ މާބޮޑަށް މިސްވާންފެށީ. ރިކް ކައިރިއަށް ދާން ބޭނުންވީ. ވާރޭ ވެހޭކަން ވެސް އެނގޭ. ރިކް ހުޅުމާލޭގައި މަޑުކުރަނީކަން އެނގުމުން އަހަރެން ވެސް ބޭނުންވީ ރިކްގެ ކައިރީ އެރޭގެ ހުރިހާ ވަގުތެއް ހޭދަކުރާން. ރިކްއަށް ޓަކައި ހުރިހާ ބައުންޑަރީސްއެއް ކްރޮސްކުރާން ތައްޔާރުވެ ހުރެ އެރޭ ކާރަށް އެރީ... އައި އޭމް ވިލިންގް ޓު ގިވް އެވްރިތިން ޓު ޔޫ އެންޑް އައި ވޯންޓް ޔޫ ޓު ބީ މައި ފޮރެވާ. އެހެން އެއްވެސް ލޯތްބެއް ބޭނުމެއްނޫން."

"ފޮގިވް މީ ލަވް." މާޔަލްގެ ވާހަކަތައް އިވިފައި އައިރިކްއަށް ދުރަކު ނީދެވުނެވެ. ގޮނޑިން ފޫހިއްލާލި ގޮތަށް އޭނާ މާޔަލްގެ ކޯތާފަތުގެ ދެފަރާތުން ހިފާލައި އެ މޫނާއި މޫނު ގާތްކޮށްލިއެވެ. އައިރިކް ދިން ހަދިޔާގެ މާޔަލް ޤަބޫލުކުރީ ހިތުން ރުހުމުންނެވެ. މެރިގެންދިޔަ ދެ ލޮލުގެ އެސްފިޔަތައް ލަސް ހަރަކާތެއްހެން މަޑުމަޑުން ދުރުކޮށްލުމާއެކު އައިރިކްއަށް މާޔަލް ބަލާލިއެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ވެއެވެ. އެ ދެ ލޮލުން އިމެއްނެތްހާ ލޯބިވެތިކަން މާޔަލްއަށް ފެނެއެވެ. އައިރިކްގެ ލޮލުގައި މާޔާ ފިރުމާލިއެވެ. އައިރިކްގެ ދެ ލޮލުގައި މާޔަލް ބޮސްދިނެވެ.

"ރިކްއަށް ނުފެނެޔޭ ބުނީ އަހަންނަށް އޮޅުވާލަންތަ؟." މާޔަލް އަހާލިއެވެ. އެއްމިޔަކަނުން އައިރިކް ހީނލިއެވެ. ހިސާބެއްގެ ލާނެތްކަން އެކުލެވިފައިވާ ފަދައިންނެވެ.

"ރިސޯޓުގަ ވާރެއާ ތެމުނު ރޭ... ލޮލުގައިވާ ފޮތިކޮޅު ނެގީ. އެރޭ ލޮލަށް ފެންނަންފެށީ. އެކަމަކު އޭރު ހިސާބެއްގެ ފުސްކަމެއް ހުރި. އެހެންވިޔަސް އަހަންނަށް މީހުން ވަކިކުރަން އެނގުނު. ގާލާ ނައިޓް އޮތް ރޭ އަހަންނަށް މާޔާ ފެނުނު. އަހަރެން ހިތަށް އެރި ކަންކަމުގެ ވާހަކަ ނުދެއްކިޔާ އެންމެ ރަނގަޅުވާނީ. ހެ ހެ ހެ... ޝަހާގެ ސަބަބުން މާޔާގެ މޫނުން ޖެލަސީގެ އަސަރު އަހަރެން ދުށީން. އެއްބަސްނުވިޔަސް އަހަންނަށް އެރޭ މާޔާގެ ކޮންމެ ހަރަކާތެއް ރީޑްކުރާން އެނގުނު. ފެންވަރައިގެން ނުކުމެ ހުރި ގޮތުން ކިރިޔާ އަހަރެން މޮޔަނުވީ. މާޔާގެ ޚިޔާލަށް ވެސް ނުގެނެވޭނެ އެރޭ އަހަރެންގެ ނަފްސުގެ ކޮންޓްރޯލު ގެއްލިދާނެތީ ޖެހިލުންވެފައި ހުރިވަރެއް." ހެވިފައި އިނދެ މާޔަލްގެ ކޯތާފަތުގައި އެއްވަރަކަށް އިނގިލީގެ ނުފުށުން ފިރުމަމުން އައިރިކް ވާހަކަދެއްކިއެވެ.

"އެކްޓް ކުރެވިދާނެ ރިކްއަށް." ހީނލަމުން މާޔަލް ބުންޏެވެ.

"މާޔާ..." އައިރިކް ގޮވާލިއެވެ. އޭނާ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެގެން ގޮވާލި ކަހަލައެވެ. ނަމަވެސް ވަގުތުން އައިރިކް ޚިޔާލު ބަދަލުވީކަން އޭނާ ބަދަލުކޮށްލި ހިނިތުންވުމުން މާޔަލް ދެނެގަތެވެ.

"ބުނެބާ." މާޔަލް އެދުނެވެ.

"އަވަހަށް ރަނގަޅުވޭ." އައިރިކް ބުންޏެވެ. އެކްސިޑެންޓްގެ ވާހަކައާއި އެމީހުންގެ މުސްތަޤުބަލްގެ ވާހަކަ ދައްކަން އައިރިކް ބޭނުންވެއެވެ. ނަމަވެސް އޭނާ މިވަގުތު އެ ވާހަކަތައް ނުދެއްކީއެވެ. އޭނާގެ މާޔާ އެނބުރި އައި ނަމަވެސް މާޔާގެ ހާލު ރަނގަޅެއް ނޫންކަން އައިރިކްއަށް އެނގެއެވެ. މާޔަލްގެ ސިކުނޑިއަށް ބުރަވާނޭ ފަދަ ވާހަކަތަކެއް މިވަގުތު ދައްކަން އޭނާ ބޭނުންނުވާ ސަބަބަކީ އެއީއެވެ. އިތުރަށް މާޔަލްގެ ހާލު ގޯސްވާން ނޭދޭތީއެވެ. މިހާރުގެ ހާލަތައް މާޔަލް ދިޔައީ ވެސް އައިރިކްގެ ސަބަބުންކަން ޚުދު އޭނާއަށް އެނގެއެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިއްޖެކަން އައިރިކްއާއި މާޔަލްއަށް އެނގުނެވެ. ދެ ޒުވާނުންނަށް ތިބެވުނީ ކިހާ ގާތްކޮށްކަން އެނގި ދުރުވެލިއެވެ. އެހާ ކުއްލި ގޮތަކަށް މީހަކު ވަދެދާނޭކަމަށް އެމީހުން ތިބީ ތައްޔާރުވެއެއް ނޫނެވެ. މާޔަލް އެނދުގައި ހަމަޖެހިލިއިރު އެނދު ކައިރީ ހުރި ގޮނޑީގައި އައިރިކް އިށީނދެއްޖެއެވެ. އެތެރެއަށް ވަދެގެން އައި އިވާނަށް ފާހަގަވިއެވެ. އެމީހުން ކުރަން ތިބީ ކީއްކަން ނޭނގުނަސް ދެ ޒުވާނުން ހަމަޖެހުނުތަން އޭނާއަށް ފެނުނީއެވެ. ދަތްކުނޑިވިކާލުމާއެކު އިވާނަށް ބަލަން ހުރެވުނީ އައިރިކްއާ ދިމާއަށެވެ. ނަމަވެސް އައިރިކް އަޅައެއް ނުލިއެވެ. އޭނާގެ ނަޒަރު އިވާންއާ ވަކިކޮށްލުމާއެކު މާޔަލްއަށް ސަމާލުކަން ދީފިއެވެ. އިވާން އައިސް އެއްފަރާތުގައި ހުރި ސޯފާގައި އިށީނެވެ. އައިރިކްއާއި މާޔަލްއަށް އެކަނި ތިބޭނޭ ފުރުޞަތެއް ދޭން އިވާން ބޭނުންނުވަނީއެވެ.

"އޮފީހަށް ނުދަންތަ؟." އިރުކޮޅަކު ހިމޭނުން އިނދެފައި އިވާން އަހާލިއެވެ.

"މި ދުވަސްކޮޅު ގޭގަ ހުންނަނީ." އައިރިކް ވަގުތުން ޖަވާބު ދިނެވެ.

އިވާން އެކިއެކި ސުވާލު ކުރިއެވެ. އޭނާގެ ސުވާލުތަކަށް އައިރިކް ޖަވާބު ދިނެވެ. ކުރީން އިވާންދެކެ ހިތްހަމަނުޖެހުނަސް އެ އަސަރުތައް އައިރިކްގެ ހިތުން ފިލުވާލައިފިއެވެ. އިވާންގެ މީހަކަށް މާޔަލް ނުވާނެކަމުގެ ޔަގީންކަން އައިރިކްއަށް އެބައޮތެވެ. ވީއިރު އިވާންއާމެދު އޭނާ ކަންބޮޑުވުންވާނީ ބޭކާރު ކަމަކަށެވެ. މާޔަލްގެ ހިތަކީ އޭނާގެ މިލްކެކެވެ. ޚުދު މާޔަލް އަމިއްލައަށް އޭނާއަށް އެ ހިތް ވެދުންކޮށްފިއެވެ. ކައިވެންޏެއް ކުރެވެންޏާ ކުރެވޭނީ އޭނާއާއި މާޔަލްގެ ކައިވެންޏެވެ. އެކަން ވަރަށް އަވަހަށް ނިންމަން އައިރިކް ގަސްދުކޮށްފައި ވެއެވެ. ތިލަފަތުގެ އެއްކޮޅަށް ލެވޭ ލޯތްބެއްގެ މިސާލަކީ އެއްއަތް ތެޅުން ކަހަލަ ކަމެކެވެ. ދެ އަތް ޖަހައިގެން ނޫނީ އަޑެއް ނުކިޔާނެއެވެ. އިވާން ލޯބިވިޔަސް އޭނާއަށް މާޔަލްގެ ހިތެއް ނުހޯދުނެވެ. އެ ހިތުގައި ލޯތްބެއް އުފަން ނުކުރެވުނެވެ. ދެމިގެންދާނޭ ދާއިމީ ގުޅުމަކަށް ދެ ހިތުގެ ޗެނަލް ދިމާވުން މުހިންމެވެ. އެންމެ ފުރަތަމަ ބައްދަލުވުމުން ވެސް އައިރިކްއާއި މާޔަލްއަށް ދެމެދުގައި ބާރެއްވާކަމުގެ އިޙްސާސް ކުރެވުނެވެ. ވަގުތީ ވަކިވުމަކުން ދެ ހިތުގައިވީ ލޯތްބެއް ފަނޑުވެގެން ނުދިޔައެވެ. އަލުން ބައްދަލުވާނޭ އިރެއްގެ އިންތިޒާރުގައި ދެ ހިތް ކެތްމަދުވެފައިވާ ތިބި ކަހަލައެވެ. ތަޤްދީރު ކޮންމެ ސަމާސާއެއް ކުރި ނަމަވެސް އެ ދެ ހިތް ވަކިވުން ނުވާކަން ގައިމެވެ.

* * * * *

ހޮސްޕިޓަލުގައި ދެ ދުވަހު ބާއްވާފައި މާޔަލް ގެއަށް ފޮނުވާލިއެވެ. އޭނާ އެކަނި ހިނގާ އުޅެވެއެވެ. އެހެންނަމަވެސް އެއްޗެއްގައި ހިފާއިރު އަތަށް ބާރުލާން އުނދަގޫވަނީއެވެ. ފިޒިއޯ ހަދަން ފެށުމުން ރަނގަޅުވާނޭކަން ޑަކްޓަރުވަނީ ޔަގީންކޮށްދީފައެވެ. އެހެންވެ ގެއަށް ފޮނުވާލިޔަސް ކޮންމެ ދުވަހަކު ފިޒިއޯ ހަދަން ހޮސްޕިޓަލަށް މާޔަލްއަށް ދާން ޖެހޭނެއެވެ. ޑަކްޓަރުން އޭނާ ރަނގަޅޭ ބުނަންދެނެވެ. ކުރީން ދީފައި ހުރި ބޭސް ވެސް ބަދަލުވެފައި ވިއެވެ. މިހާރު ކާން ޖެހޭ ބޭސް މަދުވީތީ މާޔަލް ނިކަން ހިތްހަމަޖެހުނެވެ. ހީކުރި ވަރަށްވުރެ އަވަހަށް މާޔަލްގެ ފަރާތުން ނަތީޖާ ފެންނަން ފެށީ ޢާއިލާގެ ލޯތްބާއި އެއްބާރުލުމުގެ ސަބަބުންނެވެ.

ހުޅުވާފައި ހުރި ދޮރުން އެތެރެއަށް ބޯދިއްކޮށްލީ މަލަކްއެވެ. އޭނާ ބޭރަށް ދަމުން މާޔަލްގެ ހާލު ބަލާލަން އައީއެވެ. ނަމަވެސް ކޮޓަރީގައި އިވާން ހުރުމުން އަޅާނުލާ އޭނާ ދިޔައީއެވެ. އެނދާ ކުރިމަތިވާނޭހެން ފާރުކައިރީ ހުރި ބޮޑު ގޮނޑީގައި އިވާން އިނެވެ. މާޔަލް އިނީ އެނދުގެ ފައިލާކޮޅުގައެވެ.

"އިވާން... އަހަރެންގެ ހަނދާންތައް އަތުވެއްޖޭ ބުނީމެންނު." މާޔަލް ބުންޏެވެ.

"އެހެންވީމަ." ގޮތްދޫނުކުރާ ރާގެއް އިވާންގެ އަޑުގައި ވިއެވެ.

"އިވާން ހަނދާންނެތުނީތަ؟. އަހަރެމެން ބްރޭކަޕްވިތާ ކޮންދުވަހެއް." މާޔަލް ބުންޏެވެ.
(ނުނިމޭ)