ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)

ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތަށް ހިޔާލު ހޯދަނީ

ގެވެށި އަނިޔާ ހުއްޓުވުމެ ގައުމީ ސިޔާސަތު އެކުލަވައިލުމަށްޓަކައި އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށްޓަކައި ގައުމީ ސިޔާސަތެއް އެކުލަވައިލާންޖެހެ އެވެ. މިގޮތުން މި ސިޔާސަތު އެކުލަވައިލައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އަށެވެ.

އެފްޕީއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ތިންވަނަ ގައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ރާއްޖޭގެ ކޮންސަލްޓަންޓެއްގެ އެހީތެރިކަމާއިއެކު މިހާރު ކުރިއަށްދާ ކަމަށެވެ.

މި މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން ކަމާ ގުޅުން ހުރި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއެކު ބައްދަލުވުންތަކެއް މިހާރު ކުރިއަށްދާ ކަމަށްވެސް އެފްޕީއޭ އިން ބުނެ އެވެ. މި މަސައްކަތް ފުރިހަމައަށް ކުރުމަށްޓަކައި ގެވެށި އަނިޔާއާއި ކުރިމަތިލައި އެކަން ތަޖުރިބާކޮށްފައިވާ ފަރާތްތަކާއި އާންމުންގެ ހިޔާލު ބޭނުންވާނެ ކަމުގައި އެފްޕީއޭ އިން ބުނެ އެވެ.

އާންމުންގެ ހިޔާލު ހޯދުމަށްޓަކައި މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 9:00 ގައި މިކަމަށް ހާއްސަ ވެބިނާއެއް ބޭއްވުމަށްވެސް އެފްޕީއޭ އިން ވަނީ ނިންމާފަ އެވެ. 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މި ވެބިނާގައި ބައިވެރިވެވޭނެ އެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓް ކުރަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.