ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި މިއަހަރުގެ މިހާތަނަށް ގެވެށި އަނިޔާގެ 278 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފެލިމީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ހާމަކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެފްޕީއޭގެ ސީއީއޯ އައިމިނަތު ޝިރާނީ ނައީމު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ 194 މައްސަލައަކާއި ފިރިހެނުންނަށް ގެވެށި އަނިޔާ ކުރަމުންދާތީ ހުށަހަޅާފައިވާ 84 މައްސަލަ އެވެ. ފިރިހެނުންނަށް ގެވެށި އަނިޔާ ގިނަ ފަހަރަށް ލިބިފައިވަނީ އަގަ ބަހުން ނުވަތަ ނަފްސާނީ ގޮތުންނެވެ.
ރާއްޖޭގައި ގެވެށި އަނިޔާ ލިބޭ ފިރިހެނުން އިތުރުވަމުން ދިޔަ ނަމަވެސް އެފަދަ މައްސަލަތައް އޮންނަނީ ވަރަށް ބޮޑަށް ސިއްރުކުރެވިފައި ކަމަށް ކަމާ ގުޅޭ އިދާރާތަކުގެ އިސް ބައެއް ބޭފުޅުންގެ ވާހަކަތަކުން އެނގެ އެވެ.
ޝިރާނީ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ ނަފްސާނީ އަނިޔާގެ ގޮތުގައި ދޭ އަނިޔާ އިތުރުވަމުންދާތީ އެވެ. އެފަދަ އަނިޔާތަކާ ގުޅުންހުރި 162 މައްސަލައެއް ހުށަހެޅިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޒާތީ ގުޅުންތަކާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ކައިވެނިކޮށްގެން އުޅޭ ނުވަތަ އިނދެވަރިކުރި ފަހުން ދިމާވި މައްސަލަތަކާ ގުޅޭ 123 މައްސަލަ އަކާއި މައިންބަފައިން ނުވަތަ ބަލަދުވެރިންނާ ގުޅޭ 92 މައްސަލައެއް ލިބިފައިވާ ކަންވެސް ޝިރާނީ ފާހަގަކުރެއްވި އެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުންގެ ފަރާތުން އެ މީހުންގެ މައިންބަފައިންނަށް ދައުލަތުން ދޭ އެލަވަންސް ހިފަހައްޓާ މާލީ ގޮތުން ގެއްލުންދޭ މައްސަލަތައް ހުށަހެޅިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ހިފެހެއްޓުމާއި ބޭނުންކުރުން ހިމެނޭ މައްސަލަތައް އެބަހުރި،" ޝިރާނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައިބާ ކްރައިމްސް އިތުރުވެ އެފަދަ ކުށްތައް ކުރާ މީހުންގެ ފަރާތުން ބްލެކްމެއިލް ވެފައިވާ މީހުންގެ މައްސަލަތަކެއްވެސް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރެއްވި އެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ބުނީ ގެވެށި އަނިޔާ ލިބޭ މީހުން ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން އެފަދަ މީހުންނަށް ގާނޫނީ ވަކީލަކު ބޭނުންވާނަމަ އެކަން ކޮށްދިނުމާއި ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބުންޏެވެ. އަދި ގެވެށި އަނިޔާ ކުރާ މީހުންނަށް ގާނޫނީ ގޮތުން ދޭންޖެހޭ އަދަބުތައް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.