ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)

ގެވެށި އަނިޔާކުރާ މީހުން އިސްލާހު ކުރަން ޕްރޮގްރާމެއް

ގެވެށި އަނިޔާކުރާ މީހުން އިސްލާހު ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ނިންމައިފި އެވެ.

އެފްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ގެވެށީ އަނިޔާކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް މިއަހަރު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރޮގްރާމް ފުރަތަމަ ފަށާނީ ގެވެށި އަނިޔާގެ މައްސަލަތަކުގައި ޖަލުގައި ހުކުމް ތަންފީޒުކުރާ މީހުންނަށް ކަމަށާއި ޕްރޮގްރާމް އިތުރަށް ފުޅާކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ޕާޕަޓްރޭޓާ ރިހެބިލިޓޭޝަން ޕްރޮގްރާމް އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގައިދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް އެފްޕީއޭ އިން ވަނީ އިއުލާނުކޮށްފަ އެވެ.

ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިސްލާހުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫއަވުމަށް އެހީތެރިވުމުގެ ގޮތުން އެންގާ މެނޭޖްމަންޓް ތެރަޕީއާއި ކައުންސިލިންގެ ހިދުމަތް ދިނުމަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެފްޕީއޭގެ މަސްއޫލިއްޔަތެކެވެ.

އެފްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ގެވެށި އަނިޔާގެ 720 މައްސަލަ އެ އޮތޯރިޓީއަށް ހުށަހަޅާފައިވެ އެވެ.