ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ގެވެށި އަނިޔާގެ މައްސަލަތައް އަވަސްކުރަން ކޯޓަށް ސިޓީއެއް ފޮނުވަނީ

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމައިދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެ އޮފީހުން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެ ގޮތުން އެ އޮފީހުން ދައުވާކުރާ ގެވެށި އަނިޔާއާގުޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހުރި މުއްދަތުތަކާ އެއްގޮތަށް ވީ އެންމެ އަވަހަކަށް މައްސަލަ ތާވަލުކޮށް އެ ގާނޫނުގެ 142 ވަނަ މާއްދާ (އަދުލުވެރިކަމާއި ތެދުވެރިކަމާއި އަދި މެދުކެނޑުމެއްނެތި ޝަރީޢަތް ހިންގުން) ގައި ބަޔާންކުރާ ގޮތުގެ މަތިން މެދުކެނޑުމެއް ނެތި މައްސަލައިގެ ޝަރީއަތް ހިންގަވައިދެއްވާ މައްސަލަ ނިންމަވައިދެއްވުން އެދި މިބާވަތުގެ ކޮންމެ މައްސަލައެއްގައި އެމައްސަލައެއް ހުށަހަޅާ ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށާފައިވާ ކަމަށެވެ.

އެމައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއް ކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި އެސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެވެމުން ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.

މައްސަލަ ލަސްވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް އެމުއާމަލާތުތައް ފެންނަން ހުންނާނެ ކަމަށާއި މީގެ ބޭނުމަކީ ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމައިދިނުމަށް ކޯޓުތަކަށް ބާރު އެޅުން ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް މައްސަލަ ހިނގަމުންދާ ގޮތާއި ޝެޑިއުލްކުރާ ދުވަސްތަކާއި އެދުވަސްތަކުގައި މައްސަލައަށްވީ ގޮތް ޕީޖީ އޮފީހުގެ ވެބްސައިޓުން ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އޭގެ ބޭނުމަކީ ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ އަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މައުލޫމާތު ދިނުމާއި އޭނާއަށް އިންސާފު ހޯދައި ދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އޭނާއަށް އަންގައި ދިނުމެވެ.