ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ވަކީލެއް ހަމަޖައްސައިދެނީ

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ފުދުންތެރިކަން ނެތް މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބޭނެ އިންތިޒާމު މާދަމާ އިން ފެށިގެން ހަމަޖައްސައިދިނުމަށް ނިންމައިފި އެވެ.

މި އިންތިޒާމު ހަމަޖައްސައިދެނީ ފެމިލީ ޕްރޮޓެކްސް އޮތޯރިޓީ (އެފްޕީއޭ)ގެ ފަރާތުންނެވެ.

އެފްޕީއޭ އިން މިއަދު ބުނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ފުދުންތެރިކަން ނެތް މީހުންނަށް ގާނޫނީ ވަކީލެއް ހަމަޖައްސައިދިނުމުގެ ބޭނުމަކީ އެފަދަ މީހުންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުން ކަމަށެވެ.

އެފްޕީއޭ އިން ބުނީ މިހިދުމަތުގެ ސަބަބުން ގެވެށި އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ނިޒާމު ހަރުދަނާވެ ގެވެށި އަނިޔާ ހުއްޓުވުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.

ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ ފޯމު އެ އޮތޯރިޓީގެ ވެބްސައިޓް އަދި ކައުންޓަރުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ޖެންޑާ މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު ގެވެށި އަނިޔާގެ މައްސަލަތައް ފާހަގަކުރެވެނީ އެންމެ ގިނައިން ހުށަހަޅާ ބާވަތުގެ މައްސަލައިގެ ގޮތުގައެވެ.