ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހެކަތަންއެއް އިފްތިތާހުކޮށް ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
އަލަށް ތައާރަފްކުރި އިނޮވޭޝަން ލެބަށް ބައިވެރިން ހޮވުމަށް ހެކަތަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 'ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއެންސް" ތީމްގެ ދަށުންނެވެ.
ހެކަތަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 48 ގަޑިއިރަށެވެ. މި ހެކަތަންގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް އަމިއްލަ ފަރުދުންނާއި ޓީމްތަކަށް ރަޖިސްޓާ ކުރެވޭނެ ގޮތް ހަދައިދީފައިވެ އެވެ.
ހެކަތަންގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް ނިންމާފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 50 ފަރާތަކަށެވެ. ހެކަތަން ފެށުމަށް ނިންމާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު މެންދުރުފަހު 2:00 ގައި ހޮޓެލް ޖެންގަ އެވެ.
ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ އެންމެ ފަހުގެ ޓެކްނޮލިޖީގެ އެހީގައި ބޭންކިން ދާއިރާއަށް ބަދަލު ގެނައުމަށް ފިންޓެކް ކޮމިއުނިޓީ އާއި ޑިވެލޮޕަރުންގެ ފަރާތުން އަބަދުވެސް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.
"މި ހެކަތަންގެ އެހީގައި ރާއްޖޭގެ ޓެކް ކޮމިއުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމަށް ބޭންކިން ސޮލިއުޝަންސް ފޯރުކޮށްދިނުމާއި އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިގެން ދިޔުމަކީވެސް އަޅުގަނޑުމެންގެ އަމާޒު. ހެކަތަން ކާމިޔާބު ކުރާ ޓީމުތަކުން ހުށަހަޅާ ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބްގައި އިންތިޒާމު ވެގެންދާނެ." އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.
މި ހެކަތަންގައި ތިން ޓީމު ހޮވައި ޓީމުތަކުން ހުށަހަޅާ ހިޔާލު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަމަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ. މި މުއްދަތުގައި މަސައްކަތް ކުރުމަށް ހާއްސަ އޮފީހަކާއި ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާގެ އިތުރުން ޑިވެލޮޕްކުރާ ސޮލިއުޝަނަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ބީއެމްއެލް އިން ހަމަޖައްސައިދިނުމަށް ނިންމާފައިވެ އެވެ.