މީހުން

ދުނިޔޭގެ ސެލެބްރިޓީންނަށް ދިވެހި ކެއުންދޭ މީހާ

  • ސޮނޭވާ ފުށީގައި ސޮބާހުގެ ނަމުގައި ރެސްޓޯރެންޓެއް ހުރޭ
  • ދުނިޔޭގެ މަޝްހޫރު މީހުން މި ތަނުން ހިދުމަތް ހޯދާ
  • ސޮބާހު ކޮންމެ އަހަރަކު 100 ކުދިންނަށް ތަމްރީން ދޭ

ދުނިޔޭގެ ފެންވަރުގެ ރިސޯޓެއްގައި ދިވެއްސެއްގެ ނަމުގައި ރެސްޓޯރެންޓެއް ހުރިކަން އެނގޭ ހެއްޔެވެ؟ މި ރެސްޓޯރެންޓު ހުރީ ބ. އަތޮޅު ސޮނޭވާ ފުށި ރިސޯޓުގަ އެވެ. މި ފަހުރު ލިބިފައިވާ ދިވެއްސަކީ ބ. އޭދަފުއްޓަށް އުފަން، އަބްދުﷲ ސޮބާހު އެވެ. އޭނާގެ ނަމުގައި ސޮނޭވާފުށީގައި ހިންގާ "ސޮބާ ރެސްޓޯރެންޓަކީ" ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްގައި ހުރި ހަމައެކަނި ދިވެހިނަމެވެ. ސޮބާހު ދަނީ މި ރެސްޓޯރެންޓުގައި ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީނާއި މަހުޖަނުންނަށް ދިވެހި ކެއުންތައް ފޯރުކޮށްދެމުންނެވެ.

"މި ފުރުސަަތަކީ ސޮނޭވާފުށީގެ އޯނަރުން މަހުޖަނު [ސޮނޫ ސިވްދަސަނީ އާއި އަންހެނުން އީވާ] ދިން ފުރުސަތެއް. އެކަމަށްޓަކައި އެ ދެ މީހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިތަނަށް އަންނަ ގިނަ އަދަދެއްގެ ސެލެބްރިޓީން މި ރެސްޓޯރެންޓަށް އާދެ. އެ މީހުންނަށް ދިވެހި ރަހަތައް ވަރަށް ކަމުދޭ،" ޑޭވިޑް ބެކަމް އާއި މެޑޯނާ ފަދަ ތަރިން ޗުއްޓީ ހޭދަކުރާ ރިސޯޓުގައި މަސައްކަތްކުރާ ސޮބާހު ބުންޏެވެ.

ސޮބާހުގެ ކެއްކުމުގެ ހުނަރު ފެށުނު ގޮތުގެ ވާހަކަ ދައްކާނަމަ ދަތުރުކުރަން ޖެހެނީ ތަންކޮޅެއް ފަހަތަށެވެ. ކެއްކުމުގެ ޝައުގުވެރިކަން ސޮބާހުގެ ހިތުގައި އުފެދުނީ ސްކައުޓްގައި އުޅުނު ދުވަސްވަރެވެ. ސްކޫލުގައި އުޅުނުއިރު އެވެ. ތެލި ލައްޓާ ކައިރިވީ އެ ހިސާބުންޏެވެ.

"ދިރިއުޅުމުގައި ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ސްކައުޓްގައި އުޅުނުއިރު އެނގުނު. އޭރު އަމިއްލައަށް ކައްކަން ވެސް ޖެހޭ. އެހެންވެ މިކަމަށް [ކެއްކުމަ] ށް ޝައުގުވެރިވީ،" ޓޫރިޒަމް ދާއިރާއިން؛ ކެއްކުމުގެ ހުނަރުވެރިކަން ކުރިއެރުވުމުގެ ރޮނގުން މިދިޔަ އަހަރު ގައުމީ އިނާމު ލިބިފައިވާ ސޮބާހު ބުންޏެވެ.

ސޮބާހު އެންމެ ފުރަތަމަ ވަޒީފާއަކީ "ވަރަަށް އާދައި" ގެ ކަމެކެވެ. އެންމެ ފުރަތަމަ އުޅުނީ ރިސޯޓެއްގެ ބަދިގޭގައި ތެލި، ތަށި ދޮންނާށެވެ. އެކަންވެސް ކުރީ ޝައުވެރިކަމާއެކުގަ އެވެ.

"ކުރެއްދޫ އައިލެންޑް ރިސޯޓުގައި ފުރަތަމަ އުޅުނީ. އެ ތަނުގައި އުޅެނިކޮށް ލިބުނީ ޔޫއެއްޑީޕީގެ ބޭސިކް ކޯސް ތަކެއް،" ކެއްކުމުގެ ދާއިރާއިން ފުރަތަމަ ލިބުނު ތަމްރީންގެ ވާހަކަ "އަވަސް" އާ ހިއްސާކުރަމުން ސޮބާހު ބުންޏެވެ.

ސޮބާހު ބުނި ގޮތުގައި ކެއްކުމުގެ ދާއިރާ އިން ކުރިއަށް ދިއުމުގެ ފެށުން އައީ މި ހިސާބުންނެވެ. އެކަމަށް އޭނާ އެޅި ފުރަތަމަ ފިޔަވަޅަކީ ހޮޓެލް ސްކޫލުން ތިން އަހަރުގެ ކޯހެއް ހެދުމެވެ. ބޭނުމަކީ ރިސޯޓެއްގައި ޕްރޮފެޝަނަލް ކައްކާއަކަށްވުމަށް އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަމެވެ. ކުރަމުން ދިޔަ އުންމީދެވެ.

"މި ކޯސް ނިންމައިގެން ޗޫޒްކުރީ އެފްއެންބީ [ފުޑް އެންޑް ބެވަރޭޖް] ދާއިރާ. އެހެންވެ ދިޔައީ ރަންގަލި ރިސޯޓަށް،" ސޮބާހު ބުންޏެވެ.

ސޮބާހުގެ ނަސީބު "އަތުގައި ހިފީ" ރަންގަލި ރިސޯޓަށް ބަދަލުވި ފަހުންނެވެ. އޭނާ އެ ތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް، އެ ރިސޯޓު މަޝްހޫރު ކޮންރެޑް ބްރޭންޑަކަށް ބަދަލުވި އެވެ. އެހާހިސާބުން އޭނާއަށް ފުރަތަމަ ފަހަރަށް ރާއްޖޭން ބޭރުގައި ތަމްރީންވުމުގެ ފުރުސަތު ހުޅުވުނެވެ.

"ހިލްޓަން އަށް ޖޮއިންކުރިއިރު ހުރީ ޝެފް ދި ޕާ ތޭއަކަށް. އެހާ ހިސާބަށް ގޮސްފައި ހިލްޓަންގައި ހުރެފަ ދިޔައީ ދި މެރިޑިއަންގެ ރިސޯޓަކަށް. އޭގެ ފަހުން ޖޮއިންކުރީ 2000 ވަނަ އަހަރު ކޮކޯޕާމް އަށް. އެ ރިސޯޓުގައި އެއް އަހަރު އުޅުނިން،" ރިސޯޓް ލައިފްގެ ތަޖުރިބާ ހިއްސާކުރަމުން، ސޮބާހު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ގިނަ ރިސޯޓުތަކެއްގައި އުޅުނުނަމަވެސް ތަމްރީންވުމުގެ ފުރުސަތުތައް އެންމެ ފުރަތަމަ ހުޅުވުނީ ރޯޔަލް އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރަން ފެށުމުނެވެ. އެ ރިސޯޓުގައި ސޮބާހު 10 އަހަރު މަސައްކަތް ކުރި އެވެ.

"އެ ތަނުން [ރޯޔަލް އައިލެންޑް ރިސޯޓުން] ބޮޑެތި ކޮމްޕެޓިޝަންތަކުގައި ބައިވެރިވީ. ހޮޓެލް އޭޝިޔާގައި ވެސް ބައިވެރިވީ. އަސްލު ކުރިއަށް ދާން ފުރަތަމަ ފުރުސަތު ލިބުނީ އެ އިރު. އެ ހިސާބުން ޝޫ ޝެފް [އައުޓްލެޑް އިންޗާޖު] އަކަށް ބަދަލުވީ. އެ ތަނުގައި އުޅެނިކޮށް ރާއްޖޭން ބޭރަށް ދާން ލިބުނީ. އޭރު ލަންކާގައި އޮތް އެގްޒިބިޝަންގައި ބައިވެރިވީ. ރަނގަޅު ނަތީޖާއެއް ވެސް އެ ފަހަރު ލިބުނު،" ސޮބާހު ބުންޏެވެ.

މިހާ ހިސާބުން ސޮބާހުގެ ކާމިޔާބީ ފެށުނީ އެވެ. ކާމިޔާބުގެ ޗެއިނަށް ބޮޅުތައް މެހެން ފެށީ އޭނާ ނުވެސް އެނގި ހުއްޓަ އެވެ. ކާމިޔާބުތަކުގެ ތެރެއިން 2006 ވަނަ އަހަރު 100 އަށް ވުރެ ގިނަ ކައްކާ އިން ބައިވެރިވި ކެއްކުމުގެ ބޮޑު މުބާރާތަކުން ސޮބާހު ވިދާލި އެވެ.

"އެ ފަހަރު ބެސްޓް މޯލްޑިވިއަން ޝެފް ލިބުނު. އޭގެ ފަހުން 2007 ވަނަ އަހަރު ލަންކާގެ ކޮލަމްބޯގައި ބޭއްވި 1،000 އަށްވުރެ ގިނަ ކައްކާއިރު، ބައިވެރި މުބާރާތަކުން ވެސް ރާއްޖެއަށް ހައެއްކަ ގޯލްޑް ލިބުނު،" ސޮބާހު ބުންޏެވެ.

ސޮބާހުގެ މިހާރުގެ ވަޒީފާ މަޝްހޫރު ސޮނޭވާ ބްރޭންޑުގެ ބ. ސޮނޭވާ ފުށި ރިސޯޓަށް ބަދަލުވީ މި ހިސާބުންނެވެ. ސޮނޭވާ ފުށީގައި މަސައްކަތް ކުރަން ފެށުމާއެކު މުޅި ދުނިޔެއަށް މަޝްހޫރު ބްރޭންޑްތަކުގައި ތަމްރީންވުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ.

"ވޯލްޑް ހައި ކްލާސް ތަންތަނުގައި މަސައްކަތް ކުރަން އަސްލު ލިބެން ފެށީ މި ތަނުން. އެތަނުގައި އޯނަރު [އީވާ އާއި ސޯނޫ] މީގެ އިތުރުން ޝެފް ސަންޖީވް އާއި ހެޑް ޝެފް ސެނެކާ ވަރަށް ހިތްވަރު ދޭ. އެ މީހުން ވަރަށް ބޮޑު ފީޑްބެކް ދޭ،" ސޮބާހު ބުންޏެވެ.

ސޮބާހު ސޮނޭވާ ރިސޯޓުގައި މަސައްކަތް ކުރަން ފެށުމާއެކު އެ ގްރޫޕުގެ ވެރިޔާ ސޯނޫގެ އެއްބާރުލުމާއެކު "ސޮބާ ރެސްޓޯރެންޓް" އެ ރިސޯޓުގައި ހުޅުވިގެން ދިޔަ އެވެ. އަދި ދިވެހި ކެއުންތަކަށް ޒަމާނީ ބަދަލު ގެނެސް ޓޫރިސްޓުންނާ ހަމައަށް ފޯރުކޮށްދޭން ފެށިފަ އެވެ. އެގޮތުން މިހާރު މި ރެސްޓޯރެންޓަކީ ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންނާއި މަހުޖަނުން ވެސް ޝައުގުވެރިވާ ތަނެކެވެ.

"އެ ތަނުގައި [ސޮބާހު ރެސްޓޯރެންޓް] ގައި ހުންނާނެ ތިން ވައްތަރެއްގެ މެނޫ. ވަރަށް ގިނަ މީހުން ޝައުގުވެރިވޭ އެތަނަށް. ވަރަށް ސުވާލުވެސް ކުރޭ މަޝްހޫރު މީހުން ދިވެއްސެއްގެ ނަމުގައި އެހާ ބޮޑު ބްރޭންޑެއްގައި ރެސްޓޯރެންޓު ހިންގާތީ،" މި އަހަރު ބޭއްވި ކަލިނަރީ ޗެލެންޖުގައި ބެސްޓް މޯލްޑިވިއަން ޝެފްގެ މަގާމު ލިބުނު ސޮބާހު ބުންޏެވެ.

"ސޯނޫ އާއި އީވާގެ ވަރަށް ބޮޑު މަގުސަދެއް ކޮމިއުނިޓީއަށް ކަންތައް ކޮށްދިނުން. އެތަނުގައި ބޭނުންކުރަނީ ރާއްޖޭގެ ސަޕްލައިކުރާ ސާމާނު. ރާއްޖެއިން ނުލިބޭ އެއްޗިހި ބޭރުން ގެންނަނީ."

ސޮބާހު ބުނީ އޭނާގެ ނަމުގައި ރެސްޓޯރެންޓެއް ސޮނޭވާ ފުށީގައި ހުރުމުން ވަރަށް ގިނަ ބޭރު މީހުން ހައިރާންވާ ކަމަށެވެ.

"ގެސްޓުން ސުވާލުކުރޭ. ވަރަށް ރަނގަޅު ފީޑް ބެކް ލިބޭ. އެ މީހުން ވަރަށް އުފާވޭ. ރެސްޓޯރެންޓަށް އައިސްފައި ހުރިހާ މީހުން ވެސް ބުނޭ މިތަނުގެ ކެއުންތަކަކީ އެ މީހުން މިހާތަނަށް ކެއި އެންމެ މީރު ކެއުމޭ. ހާއްސަކޮށް ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީ ޝެފުން ކަމަށްވާ ގޯލްޑަން ރަމްސޭ ފަދަ މީހުން. އަޅުގަނޑު ވަރަށް އުފާވި ގޯލްޑަން ރަމްސޭ އަށް ކެއުން ތައްޔާރު ކޮށްދެވުނު ދުވަހު،" ސޮބާހު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކެއްކުމުގެ ދާއިރާއަކީ ދިވެހިންނަށް ވަރަށް ރަނގަޅު ދާއިރާއެކެވެ. ހާއްސަކޮށް މި ދާއިރާއަކީ އަބަދު ވެސް ކިޔަވަން ޖެހޭ ދާއިރާއެއްކަން ސޮބާހު ފާހަގަ ކުރި އެވެ.

"މިއީ ވަރަށް އިންޓްރެސްޓިން ދާއިރާއެއް. މީގައި އޮވޭ މީހާގެ ކްރިއޭޓިވިޓީ،" ސޮބާހު ބުންޏެވެ.

މި ކާމިޔާބީ އާއެކު ސޮބާހު މިހާރު ދަނީ ކުޑަ ކުދިންނަށް ކެއްކުމުގެ ދާއިރާގެ ތަމްރީން ދެމުންނެވެ. އެގޮތުން ކޮންމެ އަހަރަކު 100 ކުދިން ތަމްރީން ދެ އެވެ. މި ކުދިންނަށް ތަމްރީން ދެނީ ސޮނޭވާ ފުށީގަ އެވެ. އޭނާ މި ހިދުމަތްކުރުމުގެ ބޭނުމަކީ މުސްތަގުބަލަށް ދިވެހި ކައްކާ އިން އުފެއްދުމެވެ.

"މަސައްކަތް ކުރަމުން މިހާރު މިދަނީ 10 މެންބަރުންނާއެކު ޝެފް ގްލިޑް އޮފް މޯލްޑިވްސް އުފައްދައިގެން ދިވެހިން ތަމްރީން ކުރަން. އެހެންވެ މުސްތަގުބަލުގައި ރަނގަޅު ވާނެ،" ސޮބާހު ބުންޏެވެ.

އޭނާ ބުނީ މި ހިސާބަށް އައުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ދިޔަ ކަމަށެވެ.

"އެންމެ ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވަނީ މާތްﷲ އަށް. މީގެ އިތުރުން އާއިލާ އަށާއި ސޯނޫ އަދި އީވާގެ އިތުރުން ބައިވަރު ޝެފުން ހިމެނޭނެ. އަޅުގަނޑު މި ހިސާބަށް އާދެވުނީ ސޯނޫ އާއި އީވާގެ ސަބަބުން. ކެރިއަރުގައި ވަރަށް ބޮޑު އެހީތެރިކަމެއް އެ މީހުން ދޭ،" ވާހަކަ ނިންމާލަމުން ސޮބާހު ބުންޏެވެ.