ބޮލީވުޑް

ރާނީ މުކަރުޖީ: އުފަންވި ދުވަހު ހޮސްޕިޓަލުން އޮޅުނު ކުއްޖެއް

ބޮލީވުޑް ބަތަލާ ރާނީ މުކަރުޖީ އަކީ ފިލްމު ޑައިރެކްޓަރު ރާމް މުކަރުޖީ އާއި އޭނާގެ އަންހެނުން ކްރިޝްނާ މުކަރުޖީގެ ދަރިއެކެވެ.

ރާނީ ފިލްމު ކުޅެން ފެށީ 1996 އަހަރު ރިލީޒްކުރި "ބިޔޭރް ޕޫލް" ކިޔާ ބެންގޯލީ ފިލްމަކުންނެވެ. ހަމަ އެ އަހަރު "ރާޖާ ކީ އާޔޭގީ ބާރާތު" ކިޔާ ފިލްމަކުން އޭނާ ބޮލީވުޑަށް ވެސް ތައާރަފް ވިއެވެ.

ގާތްގަނޑަކަށް 25 އަހަރަށް ދެމިގެން ގޮސްފައިވާ ފިލްމީ ކެރިއަރުގައި ރާނީ ވަނީ ރީތި ގިނަ ފިލްމުތަކެއް ކުޅެފަ އެވެ.

މީގެ އެތައް އަހަރެއް ކުރިން ދެއްކި "ދަ ސިމީ ގަރެވާލް ޝޯ"ގައި ބައިވެރިވެ ރާނީގެ ތުއްތުއިރު ދިމާވި ކަމެއްގެ ވާހަކަ ރާނީ ކިޔައިދީފައި ވެއެވެ.

ސިމީ އަށް ރާނީ ކިޔައިދިން ގޮތުގައި އުފަންވީ ދުވަހު ހޮސްޕިޓަލުން އޭނާ ބަދަލުވެ އެހެން އާއިލާއަކާ ހަވާލު ކުރި އެވެ. ރާނީގެ މަންމައާ ހަވާލު ކުރީ އެހެން މީހެއްގެ ދަރިއެކެވެ.

ރާނީ ކިޔައިދިން ގޮތުގައި އެއީ އޭނާގެ ދަރިފުޅު ނޫން ކަން ރާނީގެ މަންމައަށް ކޮންމެވެސް ގޮތަކުން ވިސްނުނީ އެވެ.

"ތުއްތު ކުދިން އުފަން ވުމާއެކު ޓެގްކޮޅެއް އަޅުވާނެ. ނަމަވެސް ޓެގްކޮޅު ނާޅުވާ ކޮންމެވެސް ކަމެއްކުރަން ނަރުސް ކުއްޖާ އަހަރެން ގެންދިޔައީ. ފަހުން ގެނައިއިރު އެހެން ބޭބީ އަކާ އޮޅުނީ. ނަސީބަކުން މަންމަ ހަނދާން ހުރި މަންމަ ވިހޭ ކުއްޖާގެ ހުރީ މުށި ކުލައިގެ ކަޅިއެއްކަން. އެހެންވެ އެ ބޭބީ މަންމަ އަތަށް ދޭއިރަށް މަންމަ ބުނެފި ތިއީ މަގޭ ދަރިފުޅެއް ނޫނޭ. މަގޭ ދަރިފުޅުގެ ލޮލުގެ ކަޅި ހުންނާނީ މުށި ކުލައިގައޭ. ދާށޭ އަވަހަށް. ގޮސް މަގޭ ބޭބީ ހޯދައިގެން ގެންނާށޭ،" ސިމީގެ ޝޯގައި ވާހަކަ ދައްކަމުން ރާނީ ކިޔައިދިނެވެ.

ރާނީ އިތުރަށް ކިޔައިދިން ގޮތުގައި އޭރު އޭނާގެ މަންމަގެ ބޭބީ (ރާނީ) އޮތީ އެހެން ދެމަފިރިއެއްގެ ކޮޓަރީގަ އެވެ.

"އޭރު ވިހައިގެން ތިބި ހުރިހާ އެންމެންގެ ކޮޓަރިއަށް ވަކިވަކިން އަހަރެންގެ މަންމަ ގޮސް ބޭބީ ފެނޭތޯ ހޯދި. ދެން ލޮލުގެ ކުލައިން މަންމައަށް އަހަރެން ފާހަގަ ކުރެވުނީ،" ރާނީ ބުންޏެވެ.

ރާނީ ބުނި ގޮތުގައި މަންމަ އަތަށް ނަރުސް ކުއްޖާ ފުރަތަމަ އައިސް ބޭބީ ދިނުމުން މަންމަ ތިއީ މަގޭ ބޭބީ އެއް ނޫނޭ ބުނުމުން ނަރުސް ކުއްޖާ އެއީ މަންމަގެ ބޭބީކަން ވިސްނައިދޭން ވަރަށް މަސައްކަތް ކުރި އެވެ. ނަސީބަކުން ވިހޭ ވަގުތު ވެސް މަންމަ އަށް ލޮލުގެ ކުލަ މަޑުކަމުން ފާހަގަ ކުރެވިފައިވާތީ އެއީ މަންމަގެ ބޭބީ ނޫންކަން ޔަގީން ކުރެވުނީ އެވެ.