ބޮލީވުޑް

ރާނީގެ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ޓްރެއިލާ ހީބިހި ނަގާވަރުވޭ

އަސަރާއި ޖަޒުބާތުން ފުރިފައިވާ ވަރަށް މޮޅު ފިލްމަކާ އެކު އަނެއްކާވެސް ރާނީ މުކަރުޖީ ސްކްރީނަށް އަންނަން ތައްޔާރުވެއްޖެ އެވެ.

މިފަހަރު އޭނާ ކުޅެފައިވަނީ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ކިޔާ ފިލްމެކެވެ.

މި ފިލްމުގައި ކިޔައިދެނީ މަންމައަކު އޭނާގެ ދަރިން ނޯވޭގެ ފޮސްޓާ ކެއާ ސިސްޓަމުން ސަލާމަތްކުރަން ކުރާ މަސައްކަތެވެ.

މި މަންމަގެ އަތުން ދަރިންތައް އަތުލައި ފޮސްޓާ ކެއާއާ ހަވާލުކުރަނީ ސަގާފީ މައްސަލަތަކަކާ ހެދި އެވެ.

މިހާރު މި ފިލްމުގެ ޓްރެއިލާ ދައްކަން ފަށާފައިވާއިރު އިޝްތިހާރު ބެލި ގިނަ ބަޔަކު ބުނީ އިޝްތިހާރު ބަލާފައި ގައިން ހީބިހި ނެގި ކަމަށެވެ.

ފިލްމުގައި ރާނީ ކުޅެނީ ނޯވޭގައި ދިރިއުޅޭ އިންޑިއާ އަންހެނެއް ކަމަށްވާ ދޭވިކާ ޗެޓަޖީގެ ރޯލެވެ.

ނޯވޭ މީހަކާ ކައިވެނި ކޮށްގެން ދެ ދަރިން ލިބި، ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް ދޭވިކާގެ ހަޔާތަށް ބޮޑު ތޫފާނެއް އައިސް މުޅި ދިރިއުޅުން ސުންނާފަތިވެގެން ދެއެވެ.

ޓްރެއިލާ ބެލި ރާނީގެ ފޭނުން ބުނަނީ ރާނީ ކުޅޭ ކޮންމެ ފިލްމެއް ވެސް ވަރަށް މޮޅު ކަމަށާއި އަދި މި ފިލްމުގެ ވާހަކަ މޮޅުވެފައި ރީތިކަމުން މި ފިލްމު އަދި ޚާއްސަކޮށް ފާހަގަ ކޮށްލެވޭ ކަމަށެވެ. ޓްރެއިލާ ބަލާފައި ހިފެހެއްޓުމެއް ނެތި ރޮވުނު ކަމަށް ވެސް އެތައް ބަޔަކު ބުނެފައި ވެއެވެ.