ބޮލީވުޑް

ރާނީއަށް ބޮލީވުޑަށް ވަދެވުނީ އެކްސިޑެންޓަކުން

ރާނީ މުކަރުޖީ ހިންދީ ފިލްމުތައް ކުޅޭތާ 20 ވަރަކަށް އަހަރު ވެއްޖެ އެވެ.

މި ދިގު މުއްދަތުގެ ތެރޭގައި ވަރަށް ރީތި އެހާމެ ކާމިޔާބު ފިލްމުތަކެއް ރާނީ ކުޅެފައި ވެއެވެ. އަދި ރާނީ އަކީ މިހާރުވެސް ވަރަށް ގިނަ ބައެއްގެ ފޭވަރިޓް ބަތަލާ އެވެ.

ރާނީގެ ފުރަތަމަ ފިލްމަކީ 1996ގައި ރިލީޒްކުރި ބެންގާލީ ފިލްމެއް ކަމަށްވާ "ބިޔޭރް ޕޫލް" އެވެ. އޭނާގެ ފުރަތަމަ ހިންދީ ފިލްމަކީ "ރާޖާ ކީ އާއޭގީ ބާރާތު" އެވެ.

ރާނީ ދާދިފަހުން ދިން އިންޓަވިއު އެއްގައި ބުނީ ފިލްމު އިންޑަސްޓްރީއަށް ވަންނަން މެދުވެރިވީ އެކްސިޑެންޓަކުން ކަމަށެވެ. އޭރު އޭނާގެ ވިސްނުމެއް ފިލްމު ކުޅުމަކަށް ނެތެވެ.

"އާއިލާއަށް އޭރު ފައިސާގެ ދަތިކަން އޮތީ ވަރަށް ބޮޑަށް ކުރިމަތިވެފައި. އެ ދުވަސްވަރު ފިލްމެއް ކުޅެން ފުރުސަތު ލިބުމުން އެ ފުރުސަތު ގަބޫލުކުރީ އޭގެ ސަބަބުން ފައިސާގެ މައްސަލަ ހައްލު ކުރެވޭނެތީ،" ރާނީ ބުންޏެވެ.

ރާނީ ބުނީ އާއިލާ އަށް ފައިސާގެ ދަތިކަން ކުރިމަތިވެ ވަރަށް ބޮޑަށް އެކަމާ ފިކުރު ބޮޑުވެފައި ހުއްޓާ ފިލްމެއް ކުޅެން ލިބުނު ފުރުސަތުގެ ބޭނުން ހިފީ މަޖުބޫރު ހާލަތުގައި ކަމަށެވެ.

"ސްކޫލްގައި ކިޔަވަނިކޮށް ފުރަތަމަ ފިލްމު ކުޅުމުގެ ފުރުސަތު ލިބުނީ. މަންމަ ބުނި ޓްރައި ކުރަންވީ ނޫންހޭ މި ފިލްމު. ހިތްހަމަނުޖެހެންޏާ ދެން އިތުރަށް ފިލްމު ނުކުޅެ ކިޔެވުމައިގެން ކުރިއަށް ދާނިއްޔޭ. އޭރަކު ނޭނގެ އާއިލާއަށް ފައިސާގެ ދަތިކަން ހުރި ވަރެއް. މައިންބަފައިންނަށް ކިތަންމެ ދަތިވިޔަސް އެމީހުން ދަރިން ކައިރީ އެ ވާހަކަ ނުދައްކާ،" ރާނީ ބުންޏެވެ.

ރާނީގެ ފުރަތަމަ ފިލްމު ނަސީބަކުން ވަރަށް ކާމިޔާބެވެ. އަދި އޭނާގެ ހުނަރު ފުރަތަމަ ފިލްމުން ވެސް ގިނަ ބަޔަކު ފާހަގަކުރި އެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ފިލްމުތަކެއް ކުޅުމުގެ ފުރުސަތު ރާނީ އަށް ލިބެން ފެށި އެވެ. އޭނާގެ ފިލްމީ ކެރިއަރުގެ ބިންގާ އެޅި ކުރިއަށް ދިޔައީ މިގޮތުގެ މަތިންނެވެ.

ރާނީ ބުނި ގޮތުގައި އިންޓީރިއާ ޑިޒައިނަރަކަށް ނުވަތަ ގާނޫނީ ވަކީލަކަށް ވާން ވެސް އެއް އިރެއްގައި އޭނާ ވިސްނި އެވެ. ނަމަވެސް ތަގުދީރުގައި ހުރީ އެކްޓަރަކަށް ވާން ކަމުން އެގޮތަށް ކަންތައްވީ ކަމަށް ރާނީ ދެކެ އެވެ.

ރާނީ ވަނީ މަޝްހޫރު ޕްރޮޑިއުސަރު-ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާއާ ކައިވެނިކޮށްފަ އެވެ. އަދި ރާނީ އާއި އަދިތުޔާ އަށް އަންހެން ދަރިއަކު ލިބިފައިވެ އެވެ.

ރާނީ އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ "ބަންޓީ އައުރު ބަބްލީ 2" އިންނެވެ. އަދި މިހާރު އުޅެނީ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"ގެ ޝޫޓީންގް ގައެވެ.