ބޮލީވުޑް

އަހަރެންނަކީ ބަތަލާއެއް ކަމަކަށް ދަރިފުޅަށް ގަބޫލެއް ނުކުރެވޭ: ރާނީ

ރާނީ މުކަރުޖީގެ ހުނަރުވެރިކަމާއި ކުޅަދާނަކަން އޭނާ އެންމެ ފަހުން ކުޅެފައިވާ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ބަލާލުމުން ވެސް ޔަގީންވެ އެވެ. ނަމަވެސް ރާނީ އަކީ ބަތަލާއެއްގެ ގޮތުގައި ބަލައިގަންނަން އޭނާގެ ދަރިފުޅު އަދިރާ ޗޯޕްރާ ބޭނުން ނުވާ ކަމަށް ރާނީ ބުންޏެވެ.

ރާނީ ބުނި ގޮތުގައި އޭނާގެ ހަތް އަހަރުގެ ދަރިފުޅަށް އޭނާގެ މަންމަ ފިލްމުތަކުގައި އެކްޓްކުރާ ތަން ބަލާކަށް އެހާ ފަސޭހައެއް ނޫނެވެ. ސަބަބަކީ އެކްޓިން އާއި ހަގީގީ ދިރިއުޅުން ވަކިކުރަން އޭނާއަށް އަދި ނޭނގުމެވެ.

ރާނީ ކުޅޭ ފިލްމުތަކުގެ ޝޫޓިންގް އަށް އޭނާ ދަނީ ދަރިފުޅު ގޮވައިގެންނެވެ. އެގޮތުން ރާނީ ރޯ މަންޒަރެއް ޝޫޓް ކުރިޔަސް ދަރިފުޅު އޭނާގެ މަންމަ ރޮނީ ކަމަށް ހިތާ ދެރަވެގެން ރޯ ކަމަށް ރާނީ ބުންޏެވެ.

ރާނީ، 45، ބުނި ގޮތުގައި އޭނާގެ ފިލްމުތައް އަދި އަދިރާ އަކަށް ނުދައްކަ އެވެ. ސަބަބަކީ އެ ފިލްމުތައް ބަލާފައި އޭނާ ރޯ ކޮންމެ މަންޒަރެއް ފެނުމުން އަދިރާ ވެސް ރޯނެތީ އެވެ.

ރާނީ އާއި ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާ ކައިވެނިކުރީ 2014 ގައެވެ. އަދި އަދިރާ އުފަންވެފައިވަނީ 2015 ގައެވެ.

އަދިރާގެ ބައްޕަ އަކީ ވެސް އާއްމުންގެ ލޯތަކަށް ވަރަށް ބޮޑަށް ފިލައިގެން އުޅޭ މީހެކެވެ. އެގޮތުން އޭނާ އަދިރާ ވެސް އެމީހުން ގެންގުޅެނީ ވަރަށް ބޮޑަށް ފޮރުވައިގެންނެވެ.