ކަނޑުމަތީގެ ހާދިސާ

ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު މީހަކު ހޯދަނީ

ލޯންޗެއް ބަންޑުން ޖަހާލައި ހިނގި ހާދިސާއެއްގައި ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ލޯންޗަކީ އިއްޔެ 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެކެވެ.

ލޯންޗު ފުރީ މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާއިން ކަމަށާއި އެ ލޯންޗުން ދިވެހި ދެ ފިރިހެނުން ދަތުރުކުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ލޯންޗްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށް، އެ ލޯންޗް ބަންޑުން ޖަހާލާފައި އޮއްވާ އއ. މާޅޮސް ކައިރިން މިއަދު ފެނިފައިވާ ކަމަށެވެ.

ލޯންޗުން ދަތުރުކުރި އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފައިވާ ކަމަށާއި އެ މީހާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ.

އެ މީހާ ފެނިއްޖެ ނަމަ ނުވަތަ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.