ކަނޑުމަތީގެ ހާދިސާ

ޑިންގީގެ ބުރަފަތިން ޖެހި ޒަހަމްވި ފަތުރުވެރިޔާގެ ތިން ތަނެއް ކަފައިގެންގޮސްފައިވޭ

ސްނޯކްލިންގްއަށް ގޮސް އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތިން ޖެހި ޒަހަމްވި ފަތުރުވެރިޔާގެ ހަށިގަނޑުގެ ތިން ތަނެއް ކަފައިގެން ގޮސްފައިވާ ކަމަށް ތޮއްޑޫ ކައުންސިލުން ބުނެފި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް "އަވަސް" އަށް ވިދާޅުވީ ޒަހަމްވި ފަތުރުވެރިޔާ އިތުރު ފަރުވާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށާއި ފަތުރުވެރިޔާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "އަވަސް" އަށް ވިދާޅުވީ އެކަހަލަ ހާދިސާއެއް ހިނގައިގެން އެއްވެސް މީހަކަށް އެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަން އެނގިފައިނުވާ ކަމަށާއި ތަފުސީލު ލިބުނުހާ އަވަހަކަށް ފޯރުކޮށްދޭނެ ކަމަށެވެ.

ޑިންގީއެއްގެ ބުރަފަތިން ޖެހި ފަތުރުވެރިއަކު ޒަހަމްވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު 5:15 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ހާދިސާގައި އަނިޔާވެފައިވަނީ ރަޝިއާގެ އަންހެނަކަށެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ތޮއްޑޫގެ މޫދުގައި މޮޓޮރައިޒްޑް އޭރިޔާ އާއި ނޮންމޮޓޮރައިޒްޑް އޭރިއާ ހުންނަނީ ވަކިކޮށްފަ އެވެ. ނަމަވެސް އެ ސަރަހައްދުތައް ވަކިކުރާ ބޮއެތައް އައްސާފައި ހުރި ވާތައް މި ދުވަސްކޮޅު ހުރީ ކަނޑައިގެން ގޮސްފަ ކަމާށް ވިދާޅުވި އެވެ. މޫސުން ރަނގަޅުވުމުން އަލުން ބޮއެތައް ރަނގަޅުކޮށް ސަރަހައްދު ވަކިކުރާނެ ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.