ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރަނިކޮށް އިއްޔެ އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ. މަރުވީ ބަންގްލަދޭޝްގެ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ.
އދ. ތުނޑިފުށި އައިލެންޑް ރިސޯޓްގައި އޮތް ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރަމުންދިޔަ ތިން ބިދޭސީއަކަށް އަނިޔާ ވެގެން އދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ އެވެ. ފަރުވާއަށް ގެންދިޔަ ތިން ބިދޭސީންގެ ތެރެއިން ބޮލަށް އަނިޔާ ލިބުނު ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނައީ ރޭގެ ވަގުތެއްގަ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް މިއަދު ވިދާޅުވީ އޭޑީކޭ އަށް ގެނައި ދެމީހުން ތެރެއިން އެކަކު މިއަދު ހެނދުނު މަރުވެފައިވާ ކަމަށެވެ. އަދި ގެނައި މީހުންގެ އެދުމުގެ މަތިން އަނެއް މީހާ އައިޖީއެމްއެޗަށް މިއަދު ބަދަލު ކޮށްފައިވާ ކަމަށެވެ.
"އދ. ހޮސްޕިޓަލުން އޭޑީކޭއަށް ގެނައި ދެ މީހުންގެ ތެރެއިން މިއަދު ހެނދުނު އެކަކު މަރުވެގެން ޑެތު ޑިކްލެއާ ކުރި. ދެވަނަ މީހާ އައިޖީއެމްއެޗް އަށް ބަދަލު ކުރީ ގެނައި ފަރާތުގެ އެދުމުގެ މަަތިން" އައްފާލް ވިދާޅުވި އެވެ.
އިއްޔެ ހިނގި އެ ހާދިސާގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކެއްގެ އިނގިއްޔެއް ވަނީ ޗިސްވެފަ އެވެ. ނަމަވެސް އެމީހާއަށް އިތުރު ފަރުވާ ބޭނުން ނުވާތީ އދ. އަތޮޅު ހޮސްޕިޓަލުގައި ފަރުުވާ ދިނުމަށް ފަހު ދޫކޮށްލީ އެވެ.
ކޮޅުވެއްޓީގައި ހިނގި ހާދިސާގައި އަނިޔާވި އަނެއް ދެ މީހުންގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވެސް ރޭ ބުންޏެވެ.
އެ މީހުންނަށް އަނިޔާވީ ކޮޅުވެއްޓީގެ ރޭމްޕް ހިއްލުމަށް ޗެއިން ބްލޮކް ބޭނުން ކުރިއިރު، އޭގެ އެއްފަޅި ފެއިލްވެ ވެއްޓިގެނެވެ. އެ ވަގުތު އެ މަސައްކަތު މީހުން ތިބީ ރޭމްޕް މަތީގަ އެވެ. ހާދިސާ ހިނގި ވަގުތު ތިން މީހުން ވިއްސައިގެން ގޮސް ކޮޅުވެއްޓީގެ ބައެއްގައި ޖެހި އަނިޔާވީ އެވެ.