ލައިފްސްޓައިލް

"އެންމެ ފުރިހަމަ ޖޯޑަށް" ވާނީ ކިހިނެއް؟

ލޯބީގެ ގޮތުން ދެ މީހަކު ގުޅިގެން އުޅޭއިރު އެ ދެ މީހުންނަށް ތަފާތު ގިނަ އާ ކަންތައްތައް ތަޖުރިބާކުރަން ޖެހެއެވެ. ތަފާތު ގިނަ ކަންތައްތަކާ ކުރިމަތިލާންޖެހެއެވެ. ބައެއް ފަހަރަށް ދިމާވާ ކަންތައްތަކުގެ ސަބަބުން ގުޅުން ހީނަރުވެގެންދެއެވެ. ގުޅުން ހީނަރުނުވެ، ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭނެ ކަންތައްތަކެއް އެބަހުއްޓެވެ. އެފަދަ ކަންތައްތައް ކުރުމަކީ މުހިންމު ކަމެކެވެ. އެއީ "ފުރިހަމަ ޖޯޑަކަށް" ތިމާގެ ޖޯޑު ހެދުމަށް މުހިންމު ކަންތައްތަކެކެވެ.

1- ބައިވެރިޔާ އިތުބާރު ހޯދައި އިތުބާރު ދެމެހެއްޓުން

އިތުބާރަކީ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް އެންމެ މުހިންމު ކަމެވެ. އިތުބާރަކީ ހޯދީމަ ލިބޭ އެއްޗެކެވެ. ބައިވެރިޔާ އިތުބާރު ލިބޭފަދަ ކަންތައްތައްކޮށް އިތުބާރު ދަމަހައްޓާށެވެ. ވައުދެއް ކޮށްފިނަމަ އެ ވައުދެއް ފުއްދަން ބައިވެރިޔާ އިސްކަން ދޭންވާނެއެވެ.

2- ކަންކަން ހިއްސާކުރުން

ދިރިއުޅުމުގައި ދިމާވާ ކަންކަން، ބައިވެރިޔާއާ ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކަންކަން ފޮރުވާނަމަ ބައިވެރިޔާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރައި ގުޅުން ދުރުވެދެއެވެ. ދެ މީހުންނަށް ދިމާވާ ކަންކަން އެކަނި ތިބެ، އެކަކު އަނެއްކަކާ ހިއްސާކުރުމަކީ ގުޅުން ބަދަހިކުރުމަށް ވަރަށް ރަނގަޅު ކަމެކެވެ. މީގެ ސަބަބުން ތިމާއަށް ހިންހަމަ ޖެހުން ލިބެއެވެ. އުފާވެރިކަން ލިބިގެންދާނެއެވެ. ކަންކަން ހިއްސާކުރުމަކީ ޖަޒުބާތީ ގޮތުން ވެސް ދެ މީހުން އިތުރަށް ގުޅިގެން ދާނެ ކަމެކެވެ.

3- އިހުތިރާމްކުރުން

ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު އެކަކު އަނެއްކަކަށް އިހުތިރާމްކުރުމަކީ ވެސް މުހިންމު ކަމެކެވެ. އިހުތިރާމް ދިނުމުގެ ގޮތުން އެކަކު އަނެއްކަކު ދައްކާ ވާހަކަތައް އަޑުއަހަން ވާނެއެވެ. އެކަކު އަނެއްކަކަށް އަޑު އުފުލައި ހަޑި ހުތުރު ބަހުން ވާހަކަ ދައްކައިގެން ނުވާނެއެވެ.

4- ހިތްވަރު ދިނުން

ފުރިހަމަ ޖޯޑަކަށް ވެވޭނީ އެކަކު އަނެއްކަކަށް ހިތްވަރު ވެސް ދީގެންނެވެ. ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ހިތްވަރު ދީގެންނެވެ. ކަންކަމާއި ކުރިމަތިލުމަށާއި ކަންކަން ހާސިލުކުރުމަށް ބައިވެރިޔާއަށް ހިތްވަރު ދޭން ވާނެއެވެ.

5- ބައިވެރިޔާއާއެކު އުފާވެރި ވަގުތަކެއް ހޭދަކުރުން

ބައިވެރިޔާ ގޮވައިގެން ދުއްވާލަން ގޮސް ނުވަތަ އެކަކުގައި ކާން ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. ނުވަތަ އެކީގައި ޗުއްޓީއަށް ގޮސްލައި މަޖާކޮށްލުމަކީ ގުޅުން ބަދަހިވެ، "ފުރިހަމަ ޖޯޑަކަށް" ވާނެ ކަމެކެވެ. އުފާވެރި ވަގުތައް ހޭދަނުކުރެވޭނަމަ ގުޅުމަށް ބުރު އެރުން އޮންނަނީ ކައިރިވެފައެވެ.