ރާއްޖޭގެ ކަނޑުތަކުގެ ފުން ސަރަހައްދުތައް ފުރަތަމަ ފަހަރަށް ދިރާސާކުރުމަށް ނެކްޓަން މޯލްޑިވްސް މިޝަންގެ ނަމުގައި ކުރިއަށް ގެންދިޔަ ސާވޭގައި އެއްކުރެވުނު ވީޑިއޯތަކާއި މައުލޫމާތުތައް އަންނަ ހޯމަ ދުވަހު އެންމެނަށް ފެންނަ ގޮތަށް އާންމުކުރާނެ ކަމަށް ނެކްޓަންގެ ސީއީއޯ އޮލިވާ ސްޓީޑްސް ވިދާޅުވެއްޖެ އެވެ.
ނަމަވެސް މިދިރާސާތަކުގެ ފުރިހަމަ ނަތީޖާތައް އާންމުކުރަން ނިންމާފައިވަނީ އަންނަ އަހަރު އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ އޮލިވާ ސްޓީޑްސް ބައްދަލުކުރެއްވިއިރު ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ކެރަން ރޮސްލާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް ޑރ. ލޫސީ ވުޑްވޯލް އާއި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްގެ މެރިން ބަޔޮލޮޖިސްޓު މުހައްމަދު ޝިމާލްވެސް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރެއްވި އެވެ.
އޮލިވާ ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގެ ދިރާސާއަކަށް ނެކްޓަންއިން މިސްރާބު ޖެހީ ސީޝެލްގައި ކުރިއަށް ގެންދިޔަ ކަނޑުގެ ދިރާސާއަކަށްފަހު އެ ގައުމުގެ ރައީސް ދެއްވި ހިޔާލުފުޅަކާ ގުޅިގެންނެވެ. ނެކްޓަންގެ ޓީމާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެންމެ ފުރަތަމަ ބައްދަލުވީ ވެސް ސީޝެލްގެ ރައީސް މެދުވެރިވެގެން ކަމުގައި ވިދާޅުވި އެވެ. ރާއްޖޭގައި ސާވޭ ކުރިއަށް ގެންދަން ނިންމީ ސާވޭގައި ހޯދާ ހުރިހާ މައުލޫމާތަކީ ދިވެހިރާއްޖޭގެ މިލްކެއްގެ ގޮތުގައި އެއްބަސްވުމަށްފަހުގައި ކަމަށްވެސް ވިދާޅުވި އެވެ.
"ސާވޭގެ ހުރިހާ މަރުހަލާއެއްގައި އަދި ހޯދުންތައް ދިރާސާ ކުރުމުގައާއި ދިރާސާތަކުގެ ނަތީޖާތައް އާންމުކުރާނީ ނެކްޓަން އާއި ރާއްޖެ ގުޅިގެން" އޮލިވާ ވިދާޅުވި އެވެ.
އޮލިވާ ވަނީ ދިވެހިރާއްޖޭގެ ފިޝަރީޒް މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ފަރާތުން ލިބުނު އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މި ސާވޭގައި ދިވެހި މެރިން ސައިންސްވެރިންނާއި ބައިންލައަގުވާމީ ސައިންސްވެރިންގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކުގެ ސައިންސްވެރިންވެސް ބައިވެރިވި ކަމަށެވެ.
މި ދިރާސާގައި ސަބްމާސިބަލްގެ އެހީގައި 500 މީޓަރު އަޑިން މައުލޫމާތު ހޯދައި 900 މީޓަރާ ހަމައަށް ރިމޯޓް އޮޕަރޭޓެޑް އުޅަނދެއްގައި ވީޑިއޯއާއި ސާމްޕަލްތައް ނަގާފައިވެ އެވެ.
ދިރާސާ ކުރެވުނީ މާލެ އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކުގެ އިރުމަތީ ބިތުގެ ސަރަހައްދުގެ ތެރެއިން ޖުމްލަ 300 އަކަކިލޯމީޓަރުގެ ސަރަހައްދެއް ކަމަށާއި މި ސަރަހައްދު މިހާރު ވަނީ މެޕް ކުރެވިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"300 އަކަކިލޯމީޓަރަކީ ރާއްޖޭގެ ހިކިފަސް ބިމުގެ ބޮޑުމިނާ އެއްވަރުގެ ސަރަހައްދެއް. ރާއްޖޭގެ ހިކިފަސް ބިމާއި އެއްވަރުގެ ސަރަހައްދެއް މިވަނީ މި ދިރާސާގައި މެޕްކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ފުންކަނޑުތަކުގެ އެކަށީގެންވާ ދިރާސާއެއް މިހާތަނަށް އަދި ކުރެވިފައެއް ނުވެ އެވެ. ފުންކަނޑުގެ 1000 މީޓަރު އަޑީގެ މި ހޯދުންތަކުގެ އަލީގައި ކުރިއަށް ދުވަސްތަކުގައި ރާއްޖޭގެ ސައިންސްވެރިންނަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.