ނެކްޓަން މޯލްޑިވްސް މިޝަން

ކަނޑުގެ ދިރާސާ ހެދި އުޅަނދު ފުރުން ހުއްޓުވައިފި

Oct 10, 2022

ރާއްޖޭގެ ކަނޑުތަކުގެ ފުން ސަރަހައްދުތައް ފުރަތަމަ ފަހަރަށް ދިރާސާކުރުމަށް ނެކްޓަން މޯލްޑިވްސް މިޝަންގެ ނަމުގައި ކުރިއަށް ގެންދިޔަ ދިރާސާގައި ބޭނުންކުރި އުޅަނދު -- އޮޑިސީ ރާއްޖެއިން ފުރުން ހުއްޓުވައިފި އެެވެ.

އޮޑިސީ ފުރުން މަނާކުރީ ރާއްޖޭގައި ތެޔޮ ވިއްކަމުންދާ އަމިއްލަ ކުންފުނި -- ހޯކްސް އަށް ދައްކަން ޖެހޭ 2.8 މިލިއަން ރުފިޔާ ނުދައްކާ އޮތުމުންނެވެ. މި ފައިސާ އަކީ އޮޑިސީ ދުއްވަން ހޯކްސް އިން ގަނެފައިވާ ތެލުގެ ފައިސާ އެވެ.

އޮޑިސީ ފުރުން މަނާކޮށް ސިވިލް ކޯޓުން އިއްޔެ އަމުރެއް ނެރުނީ މި އުޅަނދު ރާއްޖެ އިން ފުރައިފިނަމަ ހޯކްސް އަށް ލިބެންޖެހޭ ފައިސާ ލިބުން ބަންދުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ ހޯކްސް ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައިގައި އުޅަނދު ފުރުން މަނާކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި އޮތުމުން ނެރުނު އަމުރެކެވެ.

ހޯކްސް އިން ވަނީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބެންދެން އޮޑިސީގެ ކެޕްޓަންގެ ގޮތުގައި މިވަގުތު ރާއްޖޭގައި ހުރި ޑަމްކޮނޮކްސް ވަޑިސްލާވް ފުރައިގެން ދިއުން ހުއްޓުވުމަށްޓަކައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށްވެސް އެދިފައިވެ އެވެ. ނަމަވެސް ސިވިލް ކޯޓުގައި އަމުރުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުކޮށްފައެއް ނުވެ އެވެ.

ހޯކްސް އިން ކޯޓަށް ހުށަަހަޅާފައިވާ މައްސަލައިގައި ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް ދައްކަން 2.8 މިލިއަން ރުފިޔާ އަކީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އެކެވެ.

ސިވިލް ކޯޓުގެ އަމުރާ ގުޅިގެން ނެކްޓަން އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ތެލުގެ ބިލަށް ފައިސާ ދެއްކުމަކީ އޮޑިސީގެ ވެރިފަރާތް ކަމުގައިވާ ދި އޯޝަން ކޮންޒަވޭޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިޔުކޭޝަން ފައުންޑޭޝަން (އޯސީއީއީއެފް) އިން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އޯސީއީއެފްގެ ރާއްޖޭގެ އެޖެންޓަކީ އަލްފާ + މައިކް ސާވިސަސް ޕްރައިވެޓް ލިމިޓެޑް އެވެ.

ނެކްޓަން އިން އުޅަނދު ކުއްޔަށް ނެގީ ދިރާސާގެ ބޭނުމަށް މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ނެކްޓަން އިން ދައްކަންޖެހޭ ފައިސާއެއް ނަމަ ދައްކާފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތައް ކުރިއަށް ގެންދިޔައީ ދިވެހި ސަރުކާރާއި ނެކްޓަން ކުންފުނިން ގުޅިގެން ކުރި މަސައްކަތެއްގެ ގޮތުގަ އެވެ. ދިރާސާގެ މަސައްކަތް މިހާރު ވަނީ ނިންމާލާފަ އެވެ.