ފިނިޕޭޖް

ޖަސްޓިން ބީބާގެ ސިއްހަތާ ގުޅިގެން ބައެއް ޝޯތައް ކެންސަލްކޮށްފި

އެމެރިކާގައި ދިރިއުޅޭ ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އޭނާގެ ސިއްހީ ހާލަތާ ގުޅިގެން ޖަސްޓިސް ވޯލްޑް ޓުއާގެ ބާކީ ޝޯތައް ކެންސަލްކޮށްފި އެވެ.

ކެންސަލް ކުރުމުގެ ކުރިން ޓުއާގެ އެންމެ ފަހު ޝޯ ބޭއްވީ ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯގަ އެވެ.

ކުރިން 2020 ގައި ފެށުމަށް ހަމަޖެއްސި މި ޓުއާ ކޯވިޑް-19 އާ ގުޅިގެން ފަސްކުރެވި، ފަށާފައިވަނީ މިއަހަރުގެ ފެބްރުވަރީ މަހު އެވެ.

ނަމަވެސް ޖަސްޓިންގެ ސިއްހީ ހާލަތާ ގުޅިގެން ބައެއް ޝޯތައް މެދުކަނޑާލުމަށްފަހު އަދި ބައެއް ޝޯތަކުގެ ދުވަސްތައް ފަސްކުރަމުން ގޮސް އިއްޔެގައި ޖަސްޓިން ވަނީ އޭނާގެ އިންސްތަގްރާމް އެކައުންޓްގައި ޓުއާ ކެންސަލްކުރާ ވާހަކަ ވީޑިއޯއަކުން އިއުލާންކޮށްފަ އެވެ.

ޖަސްޓިން ބީބާއަށް ރަމްސޭ ހަންޓް ސިންޑްރޮމް ޖެހިފައިވާކަން ކުރިން ހާމަކޮށްފައިވެ އެވެ. މި ބަލީގެ ސަބަބުން ޖަސްޓިންގެ މޫނުގެ އެއްފަޅި ބައެއް ވަގުތު ޕެރަލައިޒްވެ އެވެ.

އިޓަލީގައި ޝޯ ބޭއްވުމަށްފަހު ކުރީ ހަފްތާ ބަންދުގައި ބޭއްވި ރޮކް އިން ރިއޯ ޝޯތަކުގައި ޕަފޯމްކުރި ފަހުން ޖަސްޓިންގެ ސިއްހަތަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ކުރިއަށް އޮތް ޝޯތަކަށް ޓިކެޓް ގަނެފައިވާ މީހުންނަށް އަޕްޑޭޓެއް ދޭނެ ކަމަށް އަންގާފައިވެ އެވެ.