ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވި ބައެއް ބޭފުޅުން މާލެ ސިޓީކައުންސިލަށް ކޮންސަލްޓަންޓުންގެ ގޮތުގައި ހަމަަޖައްސާފައި ތިބީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލަށް ކޮންސަލްޓެންޓުން ނަގާފައިވަނީ ތަނަށް ބޭނުންވާ މުހިއްމު މަސައްކަތްތައް ކުރުމަށް ގާނޫނާއި އެއްގޮތަށް ކަމަށެވެ.
"ތަނެއް ރަނގަޅަށް ހިންގަން ބޭނުންވާނަމަ އެތަނެއްގެ ކެޕޭސިޓީއާ އެއްގޮތަށް އެކި ދާއިރާ ތަކުން އެކްސްޕާޓުން ބޭނުންވާނެ. މިސާލަކަށް ފައިނޭޝަލް ދާއިރާގެ އެކްސްޕަޓީސް ނެތިއްޔާ، އެ އެކްސްޕަޓީސް ހޯދަންޖެހޭ. އެގޮތަށް ހުރިހާ ދާއިރާއަކުން ވެސް ހަމަ އެކްސްޕަޓީސް ހޯދާފައިވާނީ. އެގޮތުން ހަމަ އާންމުކޮށް އިއުލާންކޮށްގެން ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްގެން މީހުން ހޯދާފައިވާނީވެސް،" މުއިއްޒު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލަށް ކޮންސަލްޓެންޓުން ނެގީ ވަކި ސިޔާސީ ޕާޓިއަކަށް ނިސްބަތްވާ ގޮތަށް ބަލައިގެން ނުވަތަ ވަކި ސިޔާސީ ބޭފުޅުން ތަކަކަށް ބަލައިގެން ސިޔާސީ ބޭނުމެއްގައި ނޫން ކަމަށްވެސް ވެސް މޭޔަރު ވިދާޅުވި އެވެ.
"އޭސީސީއިން ވެސް އާދެ. ދޭތެރެ ދޭތެރެއިން އަޅުގަނޑުމެން މައުލޫމާތުވެސް ދެން. އަދި ނިންމާފައި މައްސަލައެއް ނެތް ކަމަށްވެސް ކޭސް ކްލޯސް ކުރޭ. އަޅުގަނޑުމެން ޔަގީންކަންދެން ކައުންސިލުން އެއްވެސް މީހަކު ނުނަގާނެއޭ ގަވާއިދާ ހިލާފަށް،" މުއިއްޒު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލަށް ކޮންސަލްޓެންޓުންގެ ގޮތުގައި ނަގާފައިވާ ބޭފުޅުންގެ ތެރޭގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ކުރީގެ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ކުރީ ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި އަހްމަދު މަމްދޫހް (މަންޑޭ) ހިމެނޭ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.