( 6 އޮކްޓޯވަރ 2022 އާ ގުޅޭ )
"އިވާން... އަހަރެންގެ ހަނދާންތައް އަތުވެއްޖޭ ބުނީމެންނު." މާޔަލް ބުންޏެވެ.
"އެހެންވީމަ." ގޮތްދޫނުކުރާ ރާގެއް އިވާންގެ އަޑުގައި ވިއެވެ.
"އިވާން ހަނދާންނެތުނީތަ؟. އަހަރެމެން ބްރޭކަޕްވިތާ ކޮންދުވަހެއް." މާޔަލް ބުންޏެވެ.
އެއްޗެއް ބުނަން ބޭނުންނުވެފައި އިން ފަދައަކުން އިވާން އިސް އޮބައިލައިގެން އިނެވެ. އޭނާގެ އެ ހިމޭންކަން މިއަދު ބަލައިގަންނަން މާޔަލް ނޭދެއެވެ. ހަމަޖެހިފައި އޮތް ކައިވެންޏަކީ މާޔަލްގެ ހަޤީޤީ ނިންމުމެއްނޫނެވެ. އިވާންއާ ދެމެދުގައި އޮތް ގުޅުން ކަނޑާލުމަށްފަހު އޭނާއާ ކައިވެނި ކުރުމަކީ މާޔަލް ހަމަހޭގައި ހުރެ ނިންމާނޭ ނިންމުމެއްނޫނެވެ. މާޔަލް ހަނދާންނެތުމުން އެކަމުގެ ފައިދާ އެ ނެގީ އިވާނެވެ.
"މަންމަމެންނަށް އަހަރެން ކިޔާދޭނަން. އެމީހުންނަށް އެނގެން ޖެހޭނެ." މާޔަލް ބުންޏެވެ.
"މައްޔު އަހަންނަށް ޗީޓު ކުރީ. ރިކްއާއެކީ... އެހެންވެތަ އަހަރެންނާ ކްލޯޒްވާން ބޭނުންނުވަނީ. ނޫނީ އަހަންނާއެކީ އެހެން އުޅެފިނަމަ މައްޔުގެ ސިއްރު ފަޅާއަރާނެތީ ދޯ. އެހެންނޫނަސް ހަނދާންނެތިފަ ހުރި މީހަކު އެނބުރި އޭނާގެ ލޯބިވެރިޔާ ކައިރިޔަށް ދާން އެނގުނީ ކިހިނެއް؟. އޮފީހަށޭ ކިޔާފަ ގޮސް ރިކްއާއެކީ އޭނާގެ ގޭގައި އުޅެއުޅެފައި ތިއަންނަނީ. އެންމެން ހީކުރަނީ... އަހަރެން ވެސް ހީކުރީ މައްޔު އޮފީހެއްގައޭ އުޅެނީ. އޮޅުވާލައިގެން އަހަންނާ ރައްޓެހިވެގެން ހުރެމެ އެހެން ފިރިހެނެއް ކައިރިޔަށް މައްޔު ދިޔައީ. ކިހާކަމެއް އެގޮތަށް އަހަންނަށް އޮޅުވާލިންތަ؟. ކިތައް ދޮގު މައްޔު ހަދާފަ އޮންނާނެ." ދަތްކުނޑިވިކާލައިގެން އިން އިވާންގެ އަޑުން އޭނާ ނުރުހިފައި އިންކަން ސާފުކޮށް ދޭހަވެއެވެ.
"އާން! ރިކްއާ އަހަރެން ރައްޓެހިވެގެން އުޅެނީ. އެކަމަކު ބުނަން. އޮޅުވާލައި ދޮގުހެދީއޭ އިވާން ނުކިޔާ. އަންހެން ރައްޓެހިން އިވާންގެ ވެސް ތިބޭ. އަހަންނަށްވުރެ އިވާންގެ ރައްޓެހިން ވެސް ގިނަ. ދުވަހަކުވެސް އެއިން މީހަކާ ގުޅުވާ އެއްޗެއް ނުބުނަން. އަހަރެން ކުރަމުން އައި ޓްރަސްޓް ގެއްލުވާލީ އިވާން އަމިއްލައަށް. އެކަން ހަނދާންނެތުނީތަ؟. އަހަންނަށް ހުރިހާކަމެއް އެނގުނީމަ އިވާން އެއްބަސް ވެސް ވީމެންނު. އިރުއިރުކޮޅާ އިވާންއާ ދިމާއަށް އެ ވާހަކަތައް ގޮވަން އަހަރެން ބޭނުންނުވީ. ކޮންމެ މީހަކަށް ވެސް މިސްޓޭކެއް ހެދިދާނެ. އަހަރެން އިވާންއަށް ފޮގިވް ކުރީން. ރިކްއާއެކީ ރިލޭޝަންޝިޕަކަށް ދާން އަހަރެން އެއްބަސްވީ އިވާންއާ ދުރަށް ދިއުމަށްފަހު. ޓްރުތް އިޒް... އަހަރެން އިވާންއާ ވަކިވީ އިވާނަށް މިސްޓޭކެއް ހެދިގެންނެއްނޫން. އަހަންނަށް އިވާންދެކެ ލޯބިނުވެވުނީ. އިވާން އަހަރެންދެކެ ލޯބިވާވަރު އެނގޭ އެކަމަކު އަހަންނަށް އޭގެ ބަދަލެއް ނުދެވޭ. އަހަރެމެންގެ ދެމެދުގައި މައްސަލަ ޖެހެނީ އަހަރެންގެ ސަބަބުން. އިވާންއާއެކީ ތަންތަނަށް ދާހިތްނުވަނީ. އިވާންއަށް އެނގޭނެ އަހަންނާ ރައްޓެހިވާން އިވާން އުޅުނު ގޮތް. ރިލޭޝަންޝިޕްއަކަށް އަހަރެން އެއްބަސްވީ އެއްވެސް ވަރަކަށް ރެޑީވެގެންނެއްނޫން. ފަހުން ރިއަލައިޒްވީ އެހެންއެވަނީ އަހަންނަށް އިވާންދެކެ ލޯބިނުވެވޭތީކަން. އީކުއަލް ގިވް އެންޑް ޓޭކް އޮވެގެން ނޫނީ ރިލޭޝަންޝިޕެއް ވޯކްއެއް ނުކުރާނެ. އަބަދު މައްސަލަ ޖެހުމަކީ ހެލްތީ ރިލޭޝަންޝިޕެއްގެ ސިފައެއްނޫން. ޓްރައި ޓު އަންޑަސްޓޭންޑް. އެކަހަލަ ގުޅުމެއް ކިހާ ދުވަހަކު ދެމިއޮންނާނީ. މެރީ ކުރިޔަސް ދެމީހުން ތިބޭނީ އުފަލުންނެއްނޫން. ޔަގީނުން ވެސް އަހަރެންނަށް އަބަދުވެސް ކަމެއް އުނިވާކަމުގެ އިޙްސާސް ކުރެވޭނެ. ފަހުން ވިޔަސް... ކައިވެނިކޮށްގެން ތިއްބަސް... ދެމީހުން ދުރަށްދާނޭ ވަގުތު އަންނާނެ. އިޙްސާސްތައް ފޮރުވައި އިވާންއާއެކު އުފަލުގައި އުޅޭކަން ދައްކަން މަސައްކަތް ކުރިޔަސް، އެ ދެއްކުންތެރިކަން ނިމުމަކަށް އަންނާނެ. އިތުރަށް ކެތްކުރާން ދަތިވެގެން ވަކިވާން ނިންމާއިރު، ދިރިއުޅުމުގެ ހަޤީޤީ ހިތްހަމަޖެހުން ދެމީހުންކުރެ އެކަކަށް ވެސް ނުލިބޭނެ. އެހިސާބަށް ކަންތައް ދާއިރު މެރީއޭޖަށް ދަރީންތަކެއް ލިބިފައިނޫންކަމެއް ނޭނގެ ތިބޭނީ. އަހަރެން ބޭނުމެއްނޫން އެހިސާބަށް އަހަރެމެން ދާކަށް. އަހަންނަށް ޔަގީނުން ވެސް އިވާންދެކެ ލޯބިނުވެވޭކަން އެނގިހުރެ އިވާންއާއެކު ދިރިއުޅުމެއް ފަށާކަށް ބޭނުމެއްނޫން." މާޔަލް އެއްފަހަރު ވެސް ރުޅިއެއް ނާދެއެވެ.
"ރިކްދެކެ މައްޔު ލޯބިވޭތަ." އިވާން ބަލަން އިންއިރު އެ ދެ ލޮލުގައިވާ ރިހުން މާޔަލް ދުށްޓެވެ. އޭނާ އިވާނަށް ބަލަން އިނދެ ބޯޖަހާލީއެވެ.
"ރިކްދެކެ ލޯބިވެވުނީ. އިވާން އަހަރެންދެކެ ވާ ލޯބި އިޙްސާސް ކުރެވުނީ ދެން. ފުރަތަމަ ފެނިލުމުން އަހަންނާމެދު ޝައުގުވެރިކަން އުފެދުނީއޭ އިވާން ބުނި ބަހުގެ ތެދުކަން އަހަންނަށް ވިސްނުނީ އެހާތަނުން. ރިކްއާ ބައްދަލުވުމުން. އަހަރެންނާއި ރިކް ފުރަތަމަ ފަހަރަށް ދިމާވީ ޒިލްގެ ވެޑިންގަ. އޭގެ މަސް ދުވަސްފަހުން އަހަރެމެންގެ މެދުގައި އެކުވެރިކަމެއް ފެށުނީ. އަހަންނަށް ނިދިން ހޭލެވުނު ކަހަލަ. ކުރީން ނޭނގޭ އެތައް ޖަޒުބާތަކަށް ނަފްސު ހޭލައިގަތް. ހިތް އަވަސްވުމާއި ކެތްތެރިކަން ކުޑަވުމާއި ބޭނުންވުމަކީ ކޮބާކަން އިޙްސާސް ކުރެވުނު. ވަށައިގެން ހިނގާ ކަންކަމާއި މުޅި ދުނިޔެއާ މެދު ވެސް އާ ނަޒަރަކުން ބެލެން ފެށުނު. އެ އިޙްސާސްތަކާމެދު އަހަރެން ނުހަނު ބޮޑަށް ގިލްޓީވި. ބަޓް އައި ކާންޓް ހެލްޕް އިޓް. އިވާންއާމެދު އެގޮތަށް ނުދެކެވެންވީ ކީއްވެތޯ އަހަރެންގެ އަމިއްލަ ނަފްސާ ސުވާލުކޮށްކޮށް އަހަރެން ވަރުބަލިވީއިރު ވެސް ޖަވާބެއް ނުލިބުނު. އަހަރެން ގަސްދުގައި އިވާންދެކެ ލޯބިނުވީއެއްނޫން. ހިތުގައި އިޚްތިޔާރަކާއި ނުލާ އުފެދޭ ޖަޒުބާތާއި އެ ކުރެވޭ އިޙްސާސްތައް ކުށްވެރި ކުރާނީ ކިހިނެއް! އަހަރެންގެ ހިތް ރިކް ޚިޔާރުކުރީ. އެކަމާ ދެކޮޅު ހަދާނޭ ބާރެއް ހިތަށް ލިބައިނުވާ ކަހަލަ. ވެން އިޓްސް އަބައުޓް ހިމް... އައި ޖަސްޓް ކާންޓް ހެލްޕް އިޓް. އިޓްސް ނޮޓް އެން އެކްސިއުޒް." އިވާންގެ ކުރިމަތީ މާޔަލް ހަޤީޤަތް ހާމަކުރިއެވެ. އޭނާގެ ހިތުގެ މިލްކުވެރިޔާއަކީ އައިރިކް އެވެ. އެ ހިތް އިތުރު މީހަކަށް ބޭނުމެއް ނުވެއެވެ.
"މައްޔު." އިވާން ގޮވާލީ މަޑުންނެވެ. އޭނާ ގޮނޑިން ތެދުވިއެވެ. ލަސް ބަރު ފިޔަވަޅުތަކެއް އަޅަމުން އައިސް މާޔަލްގެ ކުރިމަތީ ކުޑަކަކޫ ޖަހާލިއެވެ. މާޔަލްގެ އުނގުގައި ޖޯޑުކޮށްލެވިފައިވި ދެ އަތްތިލައިގަ އިވާން ހިފާލިއެވެ. އޭނާގެ ބޯތިރިކޮށް އެ ދެއަތުގައި ނިތްކުރި ޖައްސާލިއެވެ. އެއާއެކު އިވާނުގެ ނަމުން މާޔަލް ގޮވާލައިފިއެވެ. ވަގުތުކޮޅަކަށް ހަރަކާތެއްނުކޮށް ހިމޭންކަމުގައި އިވާން އިނެވެ. އޭނާ ބޯހިއްލާލައި މާޔަލްއަށް ބަލާލިއެވެ. ނަޒަރު ސީދާކޮށްލެވިފައިވާއިރު އިވާންގެ ދެ ލޯ ކަރުނުން ފުރެމުން ދިޔައެވެ.
"ޕްލީޒް... ޕްލީޒް ޑޯންޓް ޑޫ ދިސް ޓު މީ." އިވާން އާދޭހާއެކު ބުންޏެވެ.
"އައި ކާންޓް... އައި އޭމް ސޮރި..." ދެ ފަރާތަށް މަޑުމަޑުން ބޯހޫރަމުން މާޔަލް ބުނެލިއެވެ.
"މައްޔުއާ މެރީ ކުރަން ބޭނުމީ. ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. އޭރު ހެދުނު ކަހަލަ މިސްޓޭކެއް ދުވަހަކުވެސް... ދެން ދުވަހަކުވެސް މުޅި އުމުރުގަ ނުވާނެ. މައްޔު ޗޭންޖުވެގެން ތިއުޅެނީ އޭގެ ފަހުންކަން އެނގޭ. ޔޫ ކޭން ބްލޭމްވީ. ސްޓޭ އެންގްރީ... އެހެންވިޔަސް ސްޓޭ ވިތް މީ. ވަކިވާ ވާހަކަނުދައްކާ. މެރީ ކުރީމަ މައްޔު ހީކުރާ ގޮތް ބަދަލުވާނެކަން އަހަންނަށް އެނގޭ. މައްޔުއަށް ކަމެއް އުނިނުވާވަރަށް ލޯބި ދޭނަން. ސޯ ޕްލީޒް... ޕްލީޒް ބޭބީ... މައްޔު ޕްލީޒް. އަހަންނާ މެރީ ކުރާނަމޭ ބުނޭ. ރަން ކިޔާފަ އޮތްއިރު މައްޔު ތިއިނީ އަހަރެންގެ މީހެއްގެ ގޮތުގައި. އަހަރެމެންގެ ފެމެލީ ވެސް ކިހާ ގުޅޭ. އަހަރެންގެ ފެމެލީވަނީ މައްޔު ބަލައިގެންފަ. އެމީހުން އެ ތިބެނީ މައްޔު އަހަރެންގެ އަނތްބަކަށް ވެގެން އަންނާނޭ ދުވަހަކަށް އިންތިޒާރުކޮށްކޮށް. މައްޔު ދެކެ އަހަންނަށްވުރެ ބޮޑަށް ލޯބިވާނޭ މީހަކު ނުލިބޭނެ. މައްޔުއަށް ހީވަނީ އަހަރެމެންގެ ރިލޭޝަންޝިޕް ވޯކެއް ނުކުރާނޭ. އިޓްސް ނޮޓް ޓްރޫ... ޓްރައި ނުކޮށް ކިހިނެއް އެނގޭނީ. މައްޔު އަހަންނަށް ޗާންސެއް ދީބާ..."
"އިވާން..." މާޔަލް ވާހަކަދައްކަން އުޅުމުން އިވާން އޭނާ ހުއްޓުވިއެވެ.
"ނޯ... ނޯ... މައްޔު ޕްލީޒް... ލިސެން... ލިސެން ބޭބީ... އެވްރިތިންގް ވިލް ވޯކްއައުޓް ޖަސްޓް ފައިން. ސްޓޮޕް ވޮރީއިން، ޑޯންޓް ބީ އެފްރެއިޑް، ވީ ކެން ޑޫ އިޓް. އަހަރެން ދުވަހަކުވެސް މައްޔު ދޫކޮށްލާކަށް ބޭނުމެއްނޫން. އުމުރު ހުސްކޮށްލަން އެދެނީ މައްޔުއާއެކީ. މެރީކުރީމަ ހުރިހާކަމެއް ބަދަލުވާނެ. އަހަރެމެން އުޅޭނީ ހަމަޖެހޭ އުފާވެރި ދިރިއުޅެމެއް. އަހަރެމެންނަށް ލިބޭ ދަރީން ސަފާކުރާކަށް ނުޖެހޭނެ. އެކުދީން ކައިރީ އަހަރެމެން ދެ މީހުން ވެސް ތިބޭނެ. އެކުދީން ބޮޑުވާނީ އަހަރެމެން ދެމީހުންގެ ވެސް ލޯބި ލިބިގެން. އަހަރެން އަބަދުވެސް މައްޔުއާއެކީ ހުންނާނަން. އަހަރެމެންގެ މުސްތަޤްބަލް ކުރިޔަށް އޮތީ. ސޯ ޖަސްޓް ޓޭކް އަ ލީޕް އޮފް ފެއިތް އެންޑް ބީ ވިތް މީ. އައި ވިލް ޕްރޫވް ޔޫ އެވްރިތިންގް. ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަން. ޕްލީޒް މައްޔު." އިވާންގެ އަޑު ކުރެހުނެވެ. ލޮލަށް ބޮނޑިވަމުން އައި ކަރުނަ ނުހިފެއްޓި އޭނާގެ ކޯތާފަތުން ތިރިއަށް ރޮނގެއްހެން ފައިބަން ފެށިއެވެ. އިވާންގެ އަތުގައި ތެރެއިން މާޔަލްގެ ކަނާއަތް މިނިވަންކޮށްލިއެވެ. އަދި އިވާންގެ ކަރުނަތައް މާޔަލް ފުހެލާ ދިނެވެ.
"އަހަރެން މިހުރިހާ ވާހަކައެއް މިދެއްކީ ކޮންމަޤްޞަދެއްގައިކަން އިވާންއަށް އެނގެއެއްނު. އެންމެ ރަނގަޅު އަހަންނަކީ ސެލްފިޝް މީހެކޭ ބުންޏަސް. އަހަރެން ޗީޓުކުރީއޭ ބުންޏަސް. އެ ނޫނަސް ބްލޭމް ކުރެވެން އޮތް ގޮތަކަށް ބްލޭމް ކުރަންވީ... ގިނަ ފަހަރު ތެދު ހާމަކުރިޔަސް އެ އަޑު އަހަން ބޭނުންނުވަނީ އެ ހަޤީޤަތް ޤަބޫލުކުރުމުން ތަކުލީފު ލިބޭތީ. އެހެންވިޔަސް ދުރަށް ވިސްނާނަމަ އޮޅުމެއްގައި މީހާ ހުރުމަށްވުރެ ވީހާ ވެސް އަވަހަކަށް ކަމެއްގެ ހަޤީޤަތް އެނގުން މާ މުހިންމު. އަހަރެން ލޯބިވަނީ ރިކްދެކެ. ކޮންމެ ހާލެއްގައި އުޅޭންވިޔަސް އަހަރެން ބޭނުމީ ރިކް. އަހަރެންގެ މުސްތަޤްބަލްގެ ތަސައްވުރުގައިވަނީ ވެސް ހަމައެކަނި ރިކް. ކެނޑިފައި އޮތް ވާފަށެއް އަލުން އިހު އޮތްހެން ނުވާނެ. އަހަންނަށް އެ ވާހަކަ އެއްވެސް މީހެއްކައިރީ ނުބުނެވި އޮއްވާ އެކްސިޑެންޓްވެ ހަނދާންތައް ފުހެވުނީ. އެހެންވެ އިވާން ހީކުރީ އަހަންނާއެކު ކުރީން އޮތް ގުޅުން ކުރިޔަށް ގެންދެވިދާނޭ. މެރީކުރަން ޕްރެޝާކުރީ ވެސް އެހެންވެ. އެކަމަކު އެޔެއްނޫނެއްނު އަހަރެމެން ދެމެދުގައި ކަންތައްވެފައި އޮތް ގޮތަކީ. އަހަރެން އިވާންއާ ވާހަކަދެއްކުން ވެސް ހުއްޓާލާފަ އޮތީ." މާޔަލް ބުންޏެވެ. އިވާންގެ ކަރުނައަށް ހިތުގައި ހަމްދަރުދީވިޔަސް އެކަން މާޔަލް ފާޅުނުކުރީ ގަސްދުގައެވެ. އޭނާގެ ހަމްދަރުދީގެ މާނަ އިވާން އޮޅުވާލަފާނޭ ހީވާތީއެވެ.
އެއްޗެކޭ ނުބުނެ މާޔަލްގެ ކަކުލުގައި ބޯ ޖައްސާލައިގެން އިވާން އިނެވެ. މާޔަލް ވެސް އިތުރު ވާހަކައެއް ނުދެއްކިއެވެ. އިވާންގެ ކަރުނަތައް ފުހެލީ އެގޮތުގައި ވަގުތުތަކެއް ވާންދެން އިނދެފައެވެ. ހަޤީޤަތާއި ކުރިމަތިލާނޭ ހިތްވަރު އޭނާއަށް ލިބުނީ ކަންނޭނގެއެވެ. މާޔަލްގެ ކައިރިން އޭނާ ތެދުވިއެވެ. މާޔަލްއާ ކުރިމަތިނުލާ އިވާން ގޮސް ވަނީ އެ ކޮޓަރީގައި ހުރި ފާޚާނާއަށެވެ. މޫނު ދޮވެލައިގެން އިވާން ނުކުތްއިރު އޭނާގެ ނިތްމަތިން އިސްތަށިގަނޑުގައި ފެނުގެ އަސަރު ހުއްޓެވެ. އޭނާ އެނބުރި އައިސް މާޔަލްގެ ކުރިމަތީ ހުއްޓުނެވެ.
"އަހަރެން މެރީ ކުރަން ބޭނުން. ވަރަށް ލޯބި ވެސް ވޭ. ކޮންމެ މީހަކު އެހިޔަސް އަހަރެން ބުނާނީ އެހެން. އެއްވެސް ކަމެއް އަހަރެން ނުހުއްޓުވާނަން." އިވާން ބުންޏެވެ. އޭނާ އެބުނި އެއްޗެއް މާޔަލްއަށް ދޭހަވިއެވެ. ކައިވެނި ހުއްޓުވަން ޖެހޭނީ ޚުދު މާޔަލްއެވެ.
"މަންމަމެން ކައިރީ ތެދަށް ކިޔާދޭނަން. އައިމީއަށް ވެސް ކިޔާދޭނަން." އިވާންގެ އަމާޒުކޮށްލެވިފައި ހުރި ދެ ލޮލަށް ބަލަން އިނދެ މާޔަލް ބުންޏެވެ.
"މައްޔު ދެރަވާނޭ ދުވަހެއް އަންނާނެ..." އިވާން ބުނަން އުޅުނު އެއްޗެއް ފުރިހަމަނުކޮށް ހުއްޓާލީ ކުއްލިއަކަށް މާޔަލް ތެދުވީމައެވެ. އެ މޫނުން ކުއްލިއަކަށް ރުޅިވެރިކަން އިވާނަށް ފެންނަން ފެށިއެވެ.
"ސްޓޮޕް ރައިޓް ދެއާ... އިތުރަށް އެއްވެސް އެއްޗެއް ބުނެފިނަމަ ދުވަހަކުވެސް... ދުވަހަކުވެސް އިވާނަށް އަހަރެން މަޢާފެއް ނުކުރާނަން. ތިމާ ލޯބިވާ މީހާ އެހެން މީހެއްދެކެ ލޯބިވާކަން އެނގުނީމަ އޭނާގެ މައްޗަށް ބަދުދުޢާ ކުރާ މީހާއަކީ ކަނޑައެޅިގެން ދޮގުވެރިއެއް. އެފަދަ މީހެއްގެ ރަނގަޅު އެއްވެސް ސިފައެއް ހުންނާނޭކަމަށް އަހަރެން ޤަބޫލެއް ނުކުރާނަން. އޭނާ ލޯބިވީނަމަ... އިންތިހާއަށް ލޯބިވި މީހާއަށް ގެއްލުމެއް ލިބުމަކަށް ހަޤީޤީ ލޯބި ތަނެއް ނުދޭނެ." މާޔަލް ބުންޏެވެ. އިވާނަށް ދަތްކުނޑިވިކާލެވުނެވެ. މާޔަލްގެ ވާހަކަ އޭނާގެ ޟަމީރަށް ޤަބޫލުކުރެވުނެވެ. އޭނާ މާޔަލްގެ މައްޗަށް ބަދުދުޢާއެއް ކުރާން ގަސްދުކުރީއެއް ނޫނެވެ. ނަމަވެސް ހިތަށް ލިބެމުންދިޔަ ކެތްކުރަން ދަތި ވޭނުގެ ސަބަބުން ދުލުން އެފަދަ ވިހަގަދަ ބަސްތަކެއް ބޭރުކޮށްލެވެން އުޅުނީ އިޚްތިޔާރަކާއި ނުލައެވެ. މާޔަލް އޭނާ ހުއްޓިވީތީ އިވާންއަށް ކުރެވެން އުޅުނު ކަންތައް ވިސްނިއްޖެއެވެ. ހަލުވި ފިޔަވަޅުގައި އިވާން އެ ކޮޓަރިން ނުކުތީއެވެ. ދުލުގެ ހިފެހެއްޓުން ގެއްލުނުހެން އޭނާގެ މުޅި ނަފްސު ވެސް ހަމައިން ނެއްޓިދާނޭ ހީކުރެވޭތީއެވެ.
ކޮޓަރިން މާޔަލް ނުކުމެގެން އައެވެ. މައި ދޮރުން އިވާން ނުކުމެ އެ ދޮރު ލައްޕާލަންދެން ދުރުގައި މާޔަލް ބަލަން ހުރީއެވެ. އިވާންއާއެކު ދޮރާ ހަމައަށް ނުކުމެލިޔަސް ނުބައި މެސެޖެއް ދެވިދާނޭކަމަށް މާޔަލް ހުރީ ސަމާލުވެއެވެ. ބޭނުންނުވާ ކަމެއްގައި އަނެކާއަށް ކުޑަ އުންމީދެއް ވެސް ދިނުމަކީ އޭނާއަށް ދެވޭ އަނިޔާއެކެވެ. އެކަން މާޔަލްއަށް ވިސްނެއެވެ. އިވާންއާ ދެމެދު އޮތް ގުޅުން ކަނޑާލި ދުވަހު ވެސް އޭނާއަށް ހުރެވުނީ މިއަދު ހުރި ފަދަ ހާލެއްގައެވެ. އިވާންގެ މައްޗަށް އެ ހިތް ހަމްދަރުދީއިން ފުރިފައެވެ. އޭނާގެ މަތިން ހަނދާންނެތޭނެހާ ލޯތްބާއި އަޅާލުން އިވާނަށް ދޭނޭ ބައިވެރިއަކު އެ ހަޔާތަށް އައުމަށް ހިތުގެ އަޑިން މާޔަލް އެ ދުވަހު ވެސް ދުޢާކުރިއެވެ. މިއަދު ވެސް އެ ހިތް އެދެނީ އިވާންއަށް ހުރިހާ އުފަލެއް ލިބުމަށެވެ.
"މައްޔު... ކީއްވެފަ ތިހުރީ." އެޕާޓްމެންޓުގެ މައިދޮރު ފެންނާނޭހެން ފާރުގައި ލެނގިލައިގެން ހުރި ދަރިފުޅު އާމާލްއަށް ފެނުނީ ކޮޓަރިން ނުކުމެގެން އައިތަނާއެވެ.
"އިވާން ދިޔައީތަ؟." މާޔަލްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަނެއްކާ ވެސް އާމާލް އަހާލިއެވެ.
"ދެންމެ އެދިޔައީ." މާޔަލް ބުނެލިއެވެ.
ސިޓިންރޫމު ސޯފާގައި އިށީން ގޮތަށް އާމާލް ޓީވީ ހުޅުވާލިއެވެ. އޭނާގެ ކައިރީ މާޔަލް އިނެވެ. މަލަކް ގޭގައި ނެތީތޯ އާމަލް އަހާލިއެވެ. މާޔަލްގެ ކޮޓަރިއަށް ކޮއްކޮ ބޯދިއްކޮށްލިކަން އޭނާ ބުންޏެވެ. ގޭގައި ނޫޅޭކަމެއް މާޔަލްއަކަށް ވެސް ނޭނގެއެވެ. އިރުއޮއްސޭ ވަގުތަށް މަލަކް ބޭރަށް ދިއުން އާދައަކަށް ހަދައިފިކަން އާމާލް ބުނެލީ އެކަމާ ގަޔާނުވެފައި އިނދެއެވެ. ބޭރަށް ދިއުން ގިނަވެފައިވާކަން ފާހަގަކުރެވި އެކަމާ މަލަކްއާ ވާހަކަދައްކަން ވެސް އާމަލް އިނީ ބޭނުންވެފައެވެ. އޭނާ ކުއްލިއަކަށް މާޔަލްއަށް ބަލާލީ ކަމެއް ހަނދާންވެގެންނެވެ.
"މަންމަ ބުނަން ހަނދާންނެތިފަ މިއިނީ. ދަރިފުޅު ހޮސްޕިޓަލްގަ އޮތިމަ ކަމެއްނުބޭއްވީ. މައިރް ބަނޑުބޮޑުވީމަ މާދަމާ ބޮނޑިބަތް ކައްކަން މިއުޅެނީ. މިއަދު ދެއްކި ބޮޑިބަތްކޮޅެއް ކާލަން ނުލިބޭތާ ހާދަ ދުވަހެއްވެއްޖެއޭ. އެހެންވެ މަންމަ ހިތަށް އެރީ. ބަނބުކެޔޮ ބޮނޑިބަތޭ ކަހިތްވަނީ ކީމަ ބަނބުކޭލެއް ލިބޭތޯ ބައްޕަ ފޮނުވައިގެން މިއުޅެނީ. އިރުކޮޅަކުން ބަންގި ގޮވާނެ. ގަސްދޮށަށް ގޮސް ބިނދެގެން ކަންނޭނގެ މައްޔުގެ ބައްޕަ އަންނަނީ." އާމާލް މިހެން ބުނެ ހީނލިއެވެ.
ހިނިތުންވުމެއް ދީގެން މާޔަލްއަށް މަންމަގެ މޫނަށް ބަލަން އިނދެވުނީއެވެ. އޭނާގެ ސިކުނޑީގައިވަނީ މަންމަ ކައިރީ އައިރިކްގެ ވާހަކަ ބުނުމުން ކަންތައްވާނޭ ގޮތުގެ ޚިޔާލުތަކެވެ. އިވާން ބަލައިގެންފައިވާ ދަރަޖައަށް އޭނާގެ ޢާއިލާއިން އައިރިކް ބަލައިގަނެދާނެ ހެއްޔެވެ. ނޫނީ އެމީހުން އިވާންއާ ގުޅެން ހިތްވަރުދިން ފަދައިން އޭނާއާ އިންނަން މާޔަލްއަށް ބާރު އަޅާނީ ހެއްޔެވެ.
* * * * *
ގެއަށް އައިސް ވަދެވުމާއެކު މައިރާގެ ބޮލަށް ބަރުވާންފެށިއެވެ. ބޮލުގައި ރިހެން ފެށީއެވެ. މިފަހަކަށް އައިސް އޭނާއަށްވާގޮތެއް ނޭނގެއެވެ. މަންމަގެ ގާތަށް ގޮސް އުޅޭއިރު އެއްވެސް ކަހަލަ އުނދަގޫތަކެއް ނުވެއެވެ. ނަމަވެސް އެނބުރި ރަޒާމެންގެ އެޕާޓްމެންޓަށް ވަނުމާއެކު މުޅި މީހާގެ ޠަބީޢަތަށް ވެސް ބަދަލު އަންނަ ކަހަލައެވެ. ބުނެދޭން ނޭނގޭ ފޫހިކަމެއް ހަފަރާތުން އައިސް އޭނާ ވަށާލާ ކަހަލައެވެ. އެއްވަރަކަށް ނުފިލާ ހުންނަ ބޮލުގައި ރިހުމެއް ކުރިމަތިވެއެވެ. ބޭސްގުޅައެއް ކާލައިގެން އެ ރިހުމަކަށް ބަދަލެއް ނާދެއެވެ.
"ހޯމޯންސްގެ ސަބަބުންތަ؟. އެކަމަކު ދެން ކީއްވެ މަންމަމެން ކައިރިޔަށް ދިޔައީމަ މިހެން ނުވަނީ." އަމިއްލަ ނަފްސާ މައިރާއަށް ސުވާލުކޮށްލެވުނެވެ.
"ކިހިނެއްވީ؟. ހެދުން ވެސް ބަދަލުނުކުރަންތަ." އެނދުގައި މައިރާ އޮށޯވެލިތަން ފެނި ރަޒާ އަހާލިއެވެ.
"އިރުކޮޅަކުން." މައިރާ މިހެންބުނެ ލޯ މަރާލީއެވެ. ރަޒާއާ ވެސް ވާހަކަދައްކަން މިވަގުތު އޭނާ ބޭނުންނޫނީއެވެ.
(ނުނިމޭ)