މާލޭ ސިޓީ ކައުންސިލް

ޖަނަވާރު ބޭތިއްބުމަށް ހަދާ ފެސިލީޓިގެ މަސައްކަތް ޖެނުއަރީގައި ފަށަނީ

އާންމުންނަށް އުނދަގޫވާ ގޮތަށް މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކާއި އެހެން ބައެއް ޖަނަވާރުތައް ވެސް ބޭތިއްބުމަށް ހަދާ އެނިމަލް ފެސިލިޓީގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ދިރޭތަކެތި ބޭތިއްބުމަށް ހަދާ އެނިމަލް ފެސިލިޓީގެ ޑިޒައިންތައް ތައްޔާރުކޮށް، ކުރަންޖެހޭ ޓެކްނިކަލް މަަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"އަދި އަންނަ ޖެނުއަރީ މަހު އެތަން ހެދުމުގެ އަމަލީ މަސައްކަތް ފަށައި، އޭޕްރީލް ހިސާބުގައި ނިންމޭ ވަރުވާނެ ކަމަށް ބެލެވޭ،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އެނިމަލް ފެސިލިޓީ އަކީ ބުޅަލުގެ އިތުރުން އެހެން ޖަނަވާރުތަކަށް ވެސް ރައްކާތެރި މާހައުލަކަށް ވާނެ ކަމަށާއި އެތަނުގައި ވެޓްގެ ހިދުމަތްވެސް ލިބެން ހުންނާނެ ކަމަށެވެ.

މާލޭގެ މަގުތަކުގައި އުޅޭ ބުޅަލުގެ ނަޖިހުގެ ސަބަބުން އާންމުންނަށް އުނދަގޫވާތީ ގިނަ ޝަކުވާތަކެެއް ކައުންސިލަށް ހުށަހެޅޭ ކަމަށްވެސް މުއިއްޒު ފާހަގަކުރެއްވި އެވެ. ޖަނަވާރުގެ ނަޖިހުގެ ސަބަބުން އިންސާނުން ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ގެއްލި ބަލިމަޑުކަމަކަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.

"އެކަމަކު މިކަމާ މެދު ހެލްތް މިނިސްޓްރީންނާއި އެޗްޕީއޭ އަދި ފިޝަރީޒް މިނިސްޓްރީންވެސް އެއްވެސް ކަމެއް ނުކުރޭ،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ބުޅާތައް ބަލަހައްޓާނެ ހާއްސަ ތަނެއް ގާއިމުކުރަން ބޭނުންވީ ކަމަށާއި މިކަން ފެށުން ލަސްވެގެން ދިޔައީ ސިޔާސީ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

އެނިމަލް ފެސިލިޓީ ހެދުމުގެ މަޝްރޫއަކީ މާލެސިޓީ ކައުންސިލްގެ ނިމިދިޔަ ދައުރުގައިވެސް ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫއެކެވެ. އެއިރު އެޗްޑީސީއާއި އެކު އެމަސައްކަތް ކުރަން ހަމަޖެހުނު ނަމަވެސް އެކަން ފަހުން ވަނީ ހުއްޓި އެވެ.

އެނިމަލް ފެސިލިޓީއެއް ހަދަން ނިންމާ އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން މީގެކުރިން ތަކުރާރުކޮށް އިއުލާންކޮށްފައިވެ އެވެ. ނަމަވެސް އެނިމަލް ފެސިލީޓީގެ މަސައްކަތް މިހާރު ކުރިއަށް ގެންދަން ނިންމާފައިވަނީ ސިޓީ ކައުންސިލްގެ ބަޖެޓުންނެެވެ.