ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީގައި ބޮޑުފޮޅުދޫ ސްކޫލަށް ސާފު ބޯފެން

Oct 9, 2022

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެން ކަމުގައި ހެދުމަށްޓަކައި ރަށު ސްކޫލުގައި އާރްއޯ މެޝިނެއް ބަހައްޓައިފި އެވެ.

މި މަޝްރޫއުގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ރައްކާތެރި ފެން ފޯރުކޮށްދިނުމާއި އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމެވެ. މިގޮތުނ އިންޑަސްޓްރިއަލް އާރްއޯ މެޝިނެއް ބަހައްޓައި އެ މެޝިނުން އުފައްދާ ފެން ރައްކާކުރެވި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ބޯން ލިބޭނެހެން ސްކޫލުގައި ވަނީ ދެ ވޯޓާ ޑިސްޕެންސަރު ވެސް ބަހައްޓާފަ އެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަންގެ ފަރާތުން މުސްތަފާ އަހްމަދު ވިދާޅުވީ މިމަޝްރޫއުގެ ސަބަބުން ރަށު ސްކޫލުގައި ކިޔަވަމުންދާ 186 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ މީހުންނަށް ރައްކާތެރި ބޯފެން ފަސޭހަ އިން ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ މިކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިޔުން." މުސްތަފާ ވިދާޅުވި އެވެ.

މިމަޝްރޫއުގެ ދަށުން ކޮލަމާ ޖަމިއްޔާގެ ފަރާތުން ވަނީ ކޮންމެ ދަރިވަރަކަށާއި މުވައްޒަފަކަށް ރިޔޫސަބަލް ފުޅިއެއް ހަދިޔާކޮށް ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ތިމާވެއްޓާއި ރައްޓެހި ގޮތް ހިޔާރުކުރުމަށްޓަކައި އަޒުމު ކަނޑައަޅާފަ އެވެ. އަދި މި މަޝްރޫއަކީ ދެމެހެއްޓެނެވި ކާމިޔާބު މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށްޓަކައި ރިވޮލިއުޝަނަރީ ޖަމިއްޔާގެ ފަރާތުން ބަހައްޓާފައިވާ ޕްލާންޓާއި ފިލްޓަރު އަދި ޑިސްޕެންސަރުތަކަށް ބޭނުންވާނެ މެއިންޓަނަންސް މަސައްކަތްކުރަމުން ގެންދާނެ އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.