މީރާ

ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [މީރާ] އަށް ޓެކްސް ބަޔާން ހުށަނާޅާ އަދި ޓެކްސްގެ ފައިސާ ނުދައްކާ 396 ފަރާތެއްގެ ނަން އެ އޮތޯރިޓީން އާންމުކޮށްފި އެވެ.

މީރާއިން ނަން އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ޓެކްސް ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން އެ އިދާރާއަށް ހުށަނާޅާ ފަރާތްތަކުގެ ނަންތަކެވެ. މިއީ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތްހޯލްޑިން ޓެކްސްގެ ބަޔާން ހުށަނާޅާ އަދި ފައިސާ ދައްކާފައި ނުވާ ފަރާތް ތަކެވެ.

މި ފަރާތްތަކުގެ ތެރޭގައި ޓެކްސްގެ ބަޔާން ހުށަނާޅާ 256 ފަރާތަކާއި ޓެކްސްގެ ފައިސާ ނުދައްކާ 138 ފަރާތެއްގެ ނަން ހިމެނެ އެވެ.

ނަންތައް ހާމަކުރީ ޓެކްސް ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން ހުށަނާޅާ މީހުންގެ ނަން ހާމަ ކުރާ އުސޫލުން މީރާއަށް ލިބޭ ބާރުގެ ދަށުން ނެވެ.

މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ދައްކާ ހަލާސްކޮށް އަދި ބަޔާން ހުށަހަޅާ ފަރާތްތަކުގެ ނަން މި ލިސްޓުން ނެގޭނެ ކަމަށެވެ. އަދި ހާމަކޮށްފައިވާ މުއްދަތުގައި އެފަރާތްތަކުން ދައްކަން ޖެހޭ އަދަދު އެއްފަހަރާ ދައްކާ ހަލާސް ނުކުރެވޭނަމަ މީރާއިން ހަމަޖައްސާ އިންސްޓޯލްމަންޓް ޕްލޭންއެއްގެ ދަށުން އެ އަދަދު ބަހައިލައިގެން ދެއްކޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މީރާއިން ކުރި އިއުލާނެއްގައިވާ ގޮތުން ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ ހޯދުމުގެ ގޮތުން އެ އޮތޯރިޓީގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އިތުރު ފިޔާވަޅުތަކެއް އަޅަން ފަށާފައިވާކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.

ޓެކްސްގެ ފައިސާ ނުދައްކާ އަދި ޓެކްސްގެ ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ޓެކްސްގެ ފައިސާ ދައްކާ ހަލާސްކޮށް ބަޔާން ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.