ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ނާޒިމުގެ އަދަބު ކުޑަވެގެން މައްސަލަ އިސްތިއުނާފްކޮށްފި

Oct 9, 2022

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލުތަކެއް ހިންގި ކަމަށް އިއުތިރާފްވުމުން ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އަދަބުގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ނާޒިމުގެ އަދަބުގެ ބައި އިސްތިއުނާފް ކުރަން ދައުލަތުން ހައިކޯޓަށް ހުށަަހެޅީ މިއަދު އެވެ. މައްސަލަ އަދި ބަލައިގެންކަމެއް އެނގިފައެއް ނުވެ އެވެ.

ކޯޓުން ކުރާ އަދަބާ މެދު ހިތްހަމަނުޖެހޭނަމަ އެބައި އިސްތިއުނާފް ކުރަން ކޯޓަށް ހުށަހެޅުމަކީ ގާނޫނުލްއުގޫބާތުގައި ދީފައި އޮންނަ ފުރުސަތެކެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލުތަކެއް ހިންގި ކަމަށް އިއުތިރާފްވުމުން ނާޒިމުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާއަށް ހުކުމް ކުރީ މިދިޔަ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ.

ދައުލަތުން ނާޒިމުގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން ނާޒިމުގެ މައްޗަށް ސާބިތުވާ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.

ކްރިމިނަލް ކޯޓުން ނާޒިމަށް ލުއި އަދަބެއް ދިނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި ކުށަށް އިއުތިރާފްވެ ތައުބާވެފައިވާތީ އެވެ. އެގޮތުން އިއްވީ އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ޖަލު ހުކުމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުމާ ގުޅިގެން ކޯޓުން ނިންމީ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފްވުމާ ގުޅިގެން ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވާ އަދަބުގެ ބައިވެސް ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނާޒިމުގެ އަދަބު އިސްތިއުނާފް ކުރީ އަދަބު ކުޑަވެގެންނެވެ. އަބްދުއްރަހްމާންގެ އަދަބު އިސްތިއުނާފް ކުރީ އަދަބު ބޮޑުވެގެންނެވެ

އެއްޖިންސުން ގުޅުން ހިންގި ކަން ސާބިތުވުމާ ގުޅިގެން އަލަމްގީރް ހަތް މަހަށް ޖަލަށްލުމަށާއި ގުޅުން ހިންގި މަންޒަރުތައް ވީޑިއޯކޮށް އޮރިޔާން ކާޑު ހެދުމުގެ ކުށުގައި ލަމްގީރުގެ މައްޗަށް އުފުލި 40 ދައުވާ ވެސް ސާބިތުވެ އޭނާ ދެ އަހަރާ ނުވަ މަހަށް ޖަލަށްލުމަށްވެސް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.