އެމްއެންޑީއެފް

މިންހާޖު ހޯދަން 750 މޭލުގެ ސަރަހައްދެއް ބަލައިފި

Oct 9, 2022

ބަންޑުން ޖަހާލި ލޯންޗުން ގެއްލިފައިވާ ސ. ހިތަދޫ، މިންހާ, މުހައްމަދު މިންހާޖު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 750 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި އެވެ.

އެމްއެންޑީއެފް އިން މިރޭ ބުނީ ހޯދުމަށް އެމްއެންޑީއެފުން ކުރިއަށް ގެންދާ ސާޗް އޮޕަރޭޝަންގައި ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށެވެ. އެގޮތުން އެމްއެންޑީއެފް ޑޯނިއާ ފްލައިޓްގައި މުލަ 750 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށެވެ.

ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓާ ކުރާފްޓް "ހަކުރާ" އިން 270 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

މިންހާޖު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް ސިފައިންގެ އިން ބުނެ އެވެ.

މިންހާޖު ހޯދުމަށް ފުލުހުން ކަނޑުމަތީގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި 87.6 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ފުލުހުން ވެސް މިއަދު ބުނެފައިވެ އެވެ.

މިންހާޖުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް ސަލާމަތީ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިންހާޖާއި އިތުރު މީހަކު ތިބި ލޯންޗު މާލެ އިން އއ. އުކުޅަހަށް ދަތުރު ފެށީ މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާލުންނެވެ.

ފުލުހުން ބުނީ ގޮތުގައި މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 1:00 އިން ފެށިގެން މިންހާޖުގެ ހަބަރެއް އާއިލާއަކަށް ނުވެ އެވެ. އެކަމަކު އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ 8:50 ހާއިރު އެވެ.

މި ދެ މީހުން ދަތުރުކުރި ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން ހުކުރު ދުވަހު ވަނީ ފެނިފަ އެވެ. މިންހާޖުއާ އެކު ލޯންޗުގައި އިން ކަމަށް ބުނާ ދެވަނަ މީހާ ހުކުރު ދުވަހު ވަނީ އއ. ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފަ އެވެ. އަދި ފެރިދޫ ސިއްހީ މަރުކަޒުގައި އޭނާއަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި ފަރުވާއަށް ފަހު މިއަދު އޭނާ ވަނީ ދޫކޮށްލާފަ އެވެ.