ބޮލީވުޑް

ނެޓްފްލިކްސްގައި އާމިރުގެ ފިލްމު ވަރަށް މަގުބޫލު

އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ސިނަމާތަކުގައި އެޅުވުމުން ބެލުންތެރިން އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުދިނެވެ.

ބޮޑު ބަޖެޓަކުން އުފެއްދި މި ފިލްމަށް ކުރި ޚަރަދުވެސް ސިނަމާތަކުން ލިބުނު ފައިސާއިން ފޫނުބެދުނެވެ. ނަމަވެސް އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ ނެޓްފްލިކްސް އިން ފިލްމު ރިލީޒްކުރުމާއެކު ފިލްމު ދެވަނަ ފަހަރަށް ދިރިއްޖެ އެވެ.

ނެޓްފްލިކްސް އިން މި ފިލްމު ބެލި މީހުން ވަނީ ފިލްމު މޮޅުކަމަށް ބުނެ ވަރަށް ތައުރީފުކޮށްފަ އެވެ. އަދި އާމިރުގެ ފިލްމު ބަލަން ސިނަމާއަށް ނުދިއުމުގެ ސަބަބުން ބޮކްސް އޮފީހުގައި އެ ފިލްމަށް ކުރިމަތިލާން ޖެހުނު ނާކާމިޔާބަށް ބައެއް މީހުން ވަނީ އާމިރުގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.

"ލާލް ސިންގް ޗައްޑާ އަކީ އާމިރުގެ ފިލްމީ ކެރިއަރުގައި ކުޅެފައިވާ އެންމެ މޮޅު އެއް ފިލްމު. އިންސާނުންގެ ހަޔާތުގައި ދިމާވާ ވަރަށް މުހިއްމު ކަންތައްތަކަކަށް މި ފިލްމުގައި އަލި އަޅުވާލާފައިވޭ. މިއީ ވަރަށް ލޯތްބާއެކު އާމިރު އުފައްދާފައިވާ އެ ފިލްމެއް ބަލާލުމުން ހިތްހަމަޖެހުން ލިބޭ ފިލްމެއް،" ނެޓްފްލިކްސް އިން ފިލްމު ބެލި މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

ދެވަނަ މީހަކު ލިޔެފައިވާ ގޮތުގައި ގިނަ ބަޔަކު ފިލްމު ބަލަން ސިނަމާތަކަށް ނުދިޔައީ ސޯޝަލް މީޑީއާގައި އެ ފިލްމަށް ފާޑުކިޔައި ލިޔެފައިވާ ރިވިއުތައް ކިޔާފަ އެވެ.

އާމިރު އަކީ ބޮލީވުޑާއި ސިނަމާ ރަނގަޅަށް ދަންނަ މީހަކަށް ވާތީ އޭނާގެ ފިލްމެއް ފީކަޅާ ނުވާނެ ކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށް އެ މީހާ ލިޔެފައި ވެއެވެ.

"ލާލް ސިންގް ޗައްޑާ"ގައި އާމިރު އާއެކު ބަތަލާގެ ބައި ކުޅެފައިވަނީ ކަރީނާ ކަޕޫރެވެ. އަދި މޯނާ ސިންގް މި ފިލްމުގައި ކުޅެފައިވަނީ އާމިރުގެ މަންމަގެ ރޯލެވެ.