ބޮލީވުޑް

ދަރިފުޅު އާރްޔަން ތަމްރީނުކުރަން ޝާހް ހޯދީ އިޒްރޭލް މީހެއް

ޝާހް ރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ބޮލީވުޑަށް ތައާރަފްވާނެ ދުވަހަކަށް އޭނާގެ ފޭނުން ކެތްތެރިކަމެއް ނެތި ދަނީ އިންތިޒާރު ކުރަމުންނެވެ. ނަމަވެސް ޝާހް ރުކްގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ބައްޕަ ކަހަލަ އެކްޓަރަކަށް ވާކަށް އާރްޔަން ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ފިލްމުގެ ސްކްރިޕްޓާއި ވާހަކަ ލިޔެ ފިލްމު ޑައިރެކްޓް ކުރާށެވެ.

އާރްޔަން ވަނީ ފިލްމު އުފެއްދުމުގެ ރޮނގުން އެމެރިކާގެ ފިލްމު އެކަޑަމީ އެއްގައި ތައުލީމު ހާސިލުކޮށްފަ އެވެ. ނަމަވެސް އެވަރުން ވެސް އަދި ޝާހް ހިތްހަމައެއް ނުޖެހުނެވެ. އޭނާއަށް އިތުރު ތަމްރީނުދީ ފުރަތަމަ ޕްރޮޖެކްޓް ލިޔެ އުފެއްދުމުގައި އެހީތެރިވުމަށް އިޒްރޭލްގެ ވަރަށް މަޝްހޫރު ފިލްމު ޑައިރެކްޓަރެއް ޝާހް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ބައްޕަގެ ރެޑް ޗިލީޒް ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން އާރްޔަން އުފައްދާ ފުރަތަމަ ވެބް ސީރީޒްގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަސައްކަތް އާރްޔަން މިހާރު ކުރަމުންދާއިރު މި ޕްރޮޖެކްޓުގައި އާރްޔަނަށް އެހީތެރިކަން ފޯރުކޮށްދޭން އިޒްރޭލްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ލިއޯރް ރާޒް ވަނީ ހަމަޖައްސާފަ އެވެ.

ލިއޯރް ރާޒް އަކީ "ފައުދާ" ކިޔާ ޕޮލިޓިކަލް ތުރިލާ ސީރީޒްއެއް އުފައްދައިގެން ގިނަ ބަޔެއްގެ ތައުރީފު ލިބިފައިވާ މޮޅު ޑައިރެކްޓަރެކެވެ.

މި މަޝްހޫރު ސީރީޒްއަށް ބައިނަލްއަގުވާމީ ހަ އެވޯޑެއް ލިބިފައިވެ އެވެ. އަދި 2017ގައި ދެއްކި މި ސީރީޒް އަކީ އެންމެ މޮޅު ބައިނަލްއަގުވާމީ ޝޯ ކަމަށް 'ދަ ނިއު ޔޯކް ޓައިމްސް' އިން ބުނެފައި ވެއެވެ.

"އާރްޔަން އުފައްދާ ފިލްމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް އެބަދޭ. މި އަހަރު ނިމޭ ހިސާބުގައި އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިހާރު ބެލެވޭ. އާރްޔަން ބޭނުންވަނީ ލިޔުންތެރިއެއްގެ ގޮތުގައި ކެރިއަރު ފަށަން. އޭގެ ފަހުން ޑައިރެކްޝަން އަށް ދާން،" އިންޑިއާގެ މީޑީއާއަކަށް ދިން އިންޓަވިއު އެއްގައި ޝާހް ރުކްގެ ގާތް މީހަކު ބުނެފައި ވެއެވެ.

މި ވެބް ސީރީޒް އަށް އެކްޓަރުން ހޯދުމަށް ބާއްވާ އޮޑިޝަންތައް ވެސް މިހާރު ފަށައިގެން ކުރިއަށް އެބަ ދެއެވެ. އަދި މިހާތަނަށް ވަރަށް މަޝްހޫރު އެކްޓަރުންތަކެއް އޮޑިޝަން ދީފިވެސް މެއެވެ.