ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ބިލު ބަލައިގަންނަން ފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 25 މެންބަރުން ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.
ގާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައެޅުމަށެވެ. ގާނޫނު އަސާސީގެ ޖަދުވަލު ދޭއްގައި ހިމެނޭ އިދާރީ ދާއިރާތަކުގެ ތެރޭގައި 87 އިންތިހާބީ ދާއިރާ ކަނޑައެޅުމަށްފަހު އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެންބަރު އިންތިހާބު ކުރުމަށް ގާސިމް އިބްރާހީމް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ.
އިސްލާހާއި ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ 2008 ވަނަ އަހަރުގެ ފަހުން މިހާތަނަށް ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި މެންބަރުންގެ އަދަދު އިތުރުވަމުން ގޮސްފައިވާ ކަމަށެވެ. އެގޮތުން 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 77 ކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ 2014 ވަނަ އަހަރު އެ އަދަދު 85 އިތުރުވެ، މިހާރު އެ އަދަދު 87 އަށް އިތުރުވެފައިވާ ކަމަށެވެ.
"އާބަދީ އިތުރުވަމުން އަންނަ ނިސްބަތުން އެ އަދަދު އަންނަނީ ހުއްޓުމެއްނެތި އިތުރުވަމުން. މިއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް،" މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ގާސިމް ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް މެންބަރަކު އިންތިހާބު ކުރަންޖެހެ އެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ 5000 އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް އިންތިހާބު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމަށް އަމާޒުކޮށްގެން ހުށަހެޅި އިސްލާހަށް މަޖިލީހުގައި ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް ތާއީދު ކުރެއްވި އެވެ. ނަމަވެސް ގާސިމް ހުށަހެޅުއްވި ގޮތަށް އެ އަދަދަކީ 87 މެންބަރުންތޯ ބައެއް މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އޭރުވެސް ހުއްޓެވެ. އެހެންކަމުން ބިލް ބޭރުކޮށްލީ އަދަދާ މެދު އޮތް ހިޔާލުތަފާތުވުމަކާ ގުޅިގެން ކަމަށް ބެލެވެ އެވެ.