ރައްޔިތުންގެ މަޖިލިސް

ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ބިލް ބަލައިގެންފި

ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އެވެ.

އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް މިއަދު ވޯޓު ދެއްވީ 39 މެންބަރުންނެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ މިއަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގަ އެވެ.

ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރުވެފައިވާ ނަމަ ޔުނިވާސިޓީގެ ދަރަޖަ ދޭން މި އިސްލާހުގައި ވަނީ ހުށަހަޅާފަ އެވެ.

ގާނޫނުގައި މިހާރު އޮތް ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ 20 އަހަރުވެފައިވާ ނަމަ އެވެ. ނުވަތަ ރާއްޖެއިން ބޭރުގައި ހިންގަމުން ދާތާ 10 އަހަރު ވެފައިވާނަމަ އެވެ.

މި އިސްލާހުގައި ވަނީ ފަސް ދާއިރާއެއް ހިމަނައި އޭގެ ތެރެއިން މަދުވެގެން ތިން ދާއިރާއިން ލެވެލް ހަތަކާއި ނުވައެއްގެ ޕްރޮގްރާމްތައް އެ ކޮލެޖަކުން ނުވަތަ ބޭރުގެ ޔުނިވާސީޓީއަކުން ހިންގަން ޖެހޭނެ ކަމަށް ހިމަނާފަ އެވެ. އެ ދާއިރާތަކަކީ އާޓްސް އެންޑް ހިއުމިނިޓީ، އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސް އެންޑް މެޑިސިން، ނެޗުރަލް ސައިންސް އަދި ސޯޝަލް ސައިންސް އެވެ.

މި ޕްރޮގްރާމްތަކުގައި ކިޔަވާ 500 ކުދިން ތިބި ކޮލެޖަކަށް އެ ކޮލެޖްވާން ޖެހޭ ގޮތަށް އިސްލާހުގައި ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން އެ ކޮލެޖެއްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން މަދުވެގެން 10 އިންސައްތަ މުވައްޒަފުންނަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށް ވާންޖެހޭނެ ކަމަށްވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.