ފިނިޕޭޖް

ޝަކީރާގެ ހިތް ހަލާކުވެފައި

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ހިތް ހަލާކުވެފައިވާ ކަމަށް ދޭހަވާފަދަ އިންސްތަގްރާމް ޕޯސްޓްތަކެއް ކޮށްފި އެވެ.

ފައިން ހިތަށް އަރައިގެން ހުންނަ ވީޑިއޯއެއް ޕޯސްޓްކުރަމުން ޝަކީރާ ސްޕެނިޝް ބަހުން ލިޔެފައިވެ އެވެެ.

"އަހަރެން އެއްވެސް އެއްޗެކޭ ނުބުނަން، އެކަމަކު ވަރަށް ދެރަވި. އަހަރެންނަށް އެނގޭ އެހެންވާނެކަން".

ޝަކީރާ އާއި ކުރީގެ ލޯބިވެރިޔާ ކަމުގައިވާ ސްޕެއިންގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭ ވަނީ 10 އަހަރު ދުވަހުގެ ގުޅުމަކަށްފަހު ވަކިވެފަ އެވެ. މި ދެ މީހުންގެ ގުޅުމަށް ދެ ކުދިން ލިބިފައިވެ އެވެ.

ދެ މީހުން ވަކިވުމަށްފަހު ޝަކީރާ ވަނީ ކުރިން އެއީ އޭނާގެ ހަޔާތުގައި އެންމެ ކަޅު އަނދިރި އަދި އުނދަގޫ ދުވަސްތައް ކަމުގައި ބުނެ އޭނާގެ އެންމެ ފަހު ލަވައިގެ ލިރިކްސްގެ ތަންކޮޅެއް ޕޯސްޓްކޮށްފަ އެވެ.

މިމަހު 19ގައި ޝަކީރާ އާއި އޮޒޫނާގެ އާ ލަވަ "މޮނޮޓޯނިއާ" ނެރެން ހަމަޖެހިފައިވާއިރު މި ލަވައިންވެސް ދޭހަކޮށްދެނީ އެފަދަ މެސެޖެކެވެ. މި ލަވައިގެ ޕްރޮމޯގައި ފެންނަނީ ހިތަކަށް ކަނޑިއެއް ހަރާފައި މެދުގައި "މޮނޮޓޯނިއާ" ޖަހާފައި ވަނިކޮށެވެ.

ފައިން ހިތަށް އަރައިގެން ހުންނަ ޕޯސްޓަކީ ޝަކީރާގެ އާ ލަވައިގެ ޕްރޮމޯޝަނެއް ކަމުގައިވެސް ވެދާނެ އެވެ.

ޕީކޭ އޭނާގެ އާ ލޯބިވެރިޔާ އާ އެކު ވެޑިން އެއްގައި ވަގުތު ހޭދަކުރާ ތަނުގެ ފޮޓޯތައް ވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އަދި މީގެ އިތުރުން ސްޕެއިންގެ ސަރުކާރުން ޝަކީރާއަށް ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާވެސް ކުރަމުން އެބަދެ އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ މިއީ ލަވައިގެ ޕްރޮމޯޝަންގެ އިތުރުން ޝަކީރާ ހިތުގެ ޝުއޫރުތައް ކަމުގައެވެ.