ލިވާތުގެ ކުށާއި ސިހާގުގެ ކުށް ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމަނަން ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. ނުފެންނަ ކަމަށް 25 މެންބަރުން ވޯޓު ދެއްވި އެވެ.
ލިވާތުގެ ކުށާއި ސިހާގުގެ ކުށް ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމެނުމަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.
ގާސިމް ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނަކީ މުޖުތަމައަށް ނުރައްކާތެރި ބައެއް ކަމަށެވެ. އެފަދަ މީހުންގެ ވަސްވާސް އެމީހާގެ އަމިއްލަ އާއިލާއާއި މުޅި މުޖުތަމައަށް ފޯރުމުގެ ކުރިން މުޖުތަމައުން އެކަހެރި ކުރަން ޖެހޭ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބޮޑެތި ކުށްތަކެއް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މި ކުށް ހިމެނިފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ އެ އިސްލާހު ފާސްކޮށްދެއްވާ މި ދެ ކުށް ޖިނާއީ ބޮޑެތި ކުށުގެ ތެރޭގައި ހިމަނަން ވަނީ ހުށަހަޅުއްވާފަ އެވެ.
ގާސިމް މިފަދަ އިސްލާހެއް ހުށަހެޅުއްވިއިރު ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެ ބައެއް މީހުންނަށް ވަނީ ހުކުމްކޮށްފަ އެވެ.