ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ -- މުފްތީ މެންކްގެ ދީނީ ދަރުހެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން [އެޗްޑީސީ] އާއި އިސްލާމިކް މިނިސްޓްރީއާއި ދެމެދު އެއްބަސް ވުމެއްގައި ސޮއި ކޮށްފި އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ. އިސްލާމިކް މިނިސްޓަރީގެ ފަރާތުން މިނިސްޓަރު އަހުމަދު ޒާހިރު އެވެ.
އެޗްޑީސީން ބުނީ މި ދަރުސް އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގެ ސިންތެޓިކް ޓްރެކުގައި ކަމަށެވެ.
ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 28 އިން 31 އަށެވެ.

މުފްތީ މެންކްގެ ދަތުރާ ބެހޭ އެއްވެސް މައުލޫމާތެއް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެ އެވެ.
މުފްތީ މެންކް ވަނީ 2015 އާއި 2016 އަދި 2020 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން ދީނީ ދަރުސް ދެއްވާފަ އެވެ.
އެފްރިކާގެ ގައުމެއް ކަމަށްވާ ޒިމްބާބްވޭއަށް ނިސްބަތްވާ މުފްތީ މެންކް އަކީ ދިވެހިންގެ މެދުގައި ވެސް އަދި ދުނިޔޭގެ މުސްލިމުންގެ މެދުގައި ވެސް ވަރަށް ބޮޑު އިހްތިރާމަކާއި ލޯތްބެއް އޮތް ބޭފުޅެކެވެ.