ޕީޕީއެމް

މަސްވެރިންގެ ހައްގުގައި އިދިކޮޅު ކޯލިޝަނުން މުޒާހަރާކޮށްފި

Oct 10, 2022

މަަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މުޒާހަރާކޮށްފި އެވެ.

މާލޭގެ މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ގޮވާލީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަސްވެރިންނަށްވީ ވައުދުތައް ފުއްދައިދިނުމަށެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީގެ އިސްވެރިންނާއި އެ ދެ ޕާޓީއަށް ނިސްބަތްވާ ބައެއް އާންމުން މިއަދުގެ މުޒާހަރާ ކުރިއަށް ގެންދިޔައީ "ލޭނާރު"ގެ ނަމުގަ އެވެ.

ކަރުދާސްތަކެއްގައި ޝުއޫރުތައް ލިޔެފައި ހުރިއިރު މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދިނުމާއި މަސްވެރިން ބާނާ މަސް ކިރުވޭނެ ގޮތެއް މިސަރުކާރަށް ހަމަޖައްސައިދެވިފައި ނުވުމެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ މަސް ކަނޑުތައް ބޭރުގެ ފަރާތްތަކަށް ވިއްކާލައި މަސްވެރިންނަށް ހިޔާނާތްތެރިވަމުންދާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން މިއަދު ވަނީ މަސް މާރުކޭޓް ސަރަހައްދުގައި މުޒާހަރާ ފެށުމަށްފަހު ޖުމްހޫރީ މައިދާނާ ދިމާލަށް ދިއުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން މުޒާހަރާގެ ބައިވެރިންނަށް އެ ސަރަހައްދަށް ވަދެވޭ ގޮތެއް ނުވި އެވެ.

މުޒާހަރާގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އެއްވެސް މީހަކު ހައްޔަރުކުރި ކަމަަކަށް ފުލުހުން ނުބުނެ އެވެ.