ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އެއްބަސްވުން އާކޮށްފި އެވެ.
އިޓަލީ އަށް އުފަން އުމުރުން 53 އަހަރުގެ މޮރިއޭރޯގެ އެއްބަސްވުން އާކުރިކަން އެފްއޭއެމުން އިއުލާން ކުރީ އިއްޔެ އެވެ. އެކަމަކު އެއްބަސްވުމުގެ މުއްދަތު ހާމަކޮށްފައެއްނުވެ އެވެ.
މޮރިއޭރޯ ގައުމީ ޓީމުގެ ކޯޗުކަމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެފަހަރު ސޮއިކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް އިރުޝާދުދިނީ ކޯޗު އަލީ ސުޒޭން އެވެ. އެ މުބާރާތަށް ފަހު މޮރިއޭރޯ ކޯޗުކަމަށް ހަމަޖައްސައި ސުޒޭނަށް ދިނީ އެސިސްޓެންޓް ކޯޗުކަމުގެ މަގާމެވެ.
މޮރިއޭރޯގެ ކޯޗުކަމުގައި މިދިޔަ އަހަރު ގައުމީ ޓީމު ނުކުތީ ސްރީ ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕަށެވެ. އެ މުބާރާތުގައި ވާދަކުރި ބަންގްލަދޭޝް އަތުން ބަލިވިއިރު ސީޝެލްސް އާއި ސްރީ ލަންކާ މެޗު އެއްވަރުވީ އެވެ. އެ މުބާރާތުގެ ތަށި ކާމިޔާބު ނުކުރެވުމުން މޮރިއޭރޯ އަށް ޕްރެޝަރު ކުރިމަތިވި އެވެ.
އޭގެފަހުން ގައުމީ ޓީމު ވަނީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖާއި އެކުވެރިކަމުގެ ތިން މެޗު ކުޅެފަ އެވެ. މިއަހަރު ކުޅުނު އެކުވެރިކަމުގެ ތިން މެޗުގައި ބަންގްލަދޭޝް އާއި ބްރޫނާއީ އަދި ލާއޯސް އަތުން ރާއްޖެ ވަނީ މޮޅުވެފަ އެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި މޮޅުވީ ހަމައެކަނި ލަންކާ އަތުންނެވެ. ތައިލެންޑާއި އުޒްބެކިސްތާން އަތުން ބަލިވެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓި އެވެ.
މޮރިއޭރޯގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ ހަތަރު މެޗުންނެވެ. ދެ މެޗު އެއްވަރުވިއިރު ބަލިވީ ތިން މެޗުންނެވެ.
ގައުމީ ޓީމާ ހަވާލުވެ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ މޮރިއޭރޯ އަންނަނީ ޓީމެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިޓަލީގެ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅެފައިވާ މޮރިއޭރޯ ގައުމީ ޓީމާ މިދިޔަ އަހަރު ހަވާލުވުމަށް ފަހު ބުނީ އޭނާ އަކީ ޖާދޫހަދާ މީހެން ނޫންކަމަށާއި އެހާ އަވަހަށް ހުރިހާ ކަމެއް ބަދަލުކޮށްލަން އުނދަގޫވާނެ ކަމަށެވެ.
އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުން މޮޅުވުމާ އެކު ރާއްޖެ އަށް މިހާރު ވަނީ ރޭންކިންގައި ދެ ދަރަޖައިގެ ކުރިއެރުމެއް ލިބިފަ އެވެ. ކުރިން 156 ވަނައިގައި އޮތްއިރު އެންމެ ފަހުން ނެރުނު ރޭންކިންގައި ރާއްޖެ އޮތީ 154 ވަނައިގަ އެވެ.