ހައްޖުގެ އަޅުކަން މިއަހަރު އަދާކުރި ހައްޖުވެރިން ސައުދި އަރަބިއްޔާ އަށް ފުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަންޖެހިގެން އަމިއްލަ ކުންފުންޏެއް ކަމަށްވާ މެޑިފްލެކްސް ލެބޯރެޓްރީއާ ހަވާލުކުރީ އާންމުކޮށް އިއުލާންކޮށްގެން އެކަމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އައިޖީއެމްއެޗްގެ ކޮވިޑް ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖެހިފައިވަނިކޮށް އަމިއްލަ ކުންފުންޏަކަށް ހައްޖުވެރިންގެ ޕީސީއާރް ޓެސްޓް ހެދުމަށް ހަވާލުކުރި ސަބަބު އޮޅުންފިލުއްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.
މިނިސްޓަރު ލިޔުމުން ފޮނުވި ޖަވާބުގެ ގޮތުގައި އަމީންއާންމު މަޖިލީހަށް އިއްވި ޖަވާބުގައި ވިދާޅުވީ ހައްޖުވެރިންގެ ޕީސީއާރް ޓެސްޓް މެޑިފްލެކްސްގައި ހެދީ އައިޖީއެމްއެޗަށް ވުރެ އަގު ހެޔޮކޮށް އެ ކުންފުނިން ޓެސްޓް ހަދައިދޭތީ ކަމަށެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އެންމެންވެސް ހައްޖަށް ދިޔައީ ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާ އޮތް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ ޕީސީއާރް ޓެސްޓް ހަދައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން އިއުލާންކުރުމުން އައިޖީއެމްއެޗުން ހުށަހެޅީ ބޮލަކަށް 700 ރުފިޔާ ކަމަށެވެ. ނަމަވެސް މެޑިފްލެކްސް އިން ހުށަހެޅީ 200 ރުފިޔާ ކަމަށެވެ. އެހެންކަމުން އުސޫލާ ހިލާފަށް މިކަމުގައި އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވެވި އެވެ.
ޒާހިރު ވިދާޅުވީ ހައްޖުވެރިންގެ ޕީސީއާރް ޓެސްޓް ފުލުހުންނާ ގުޅިގެން ހެދުމަށް ކުރެވުނު މަސައްކަތް ކާމިޔާބު ނުވީ ފުލުހުންގެ އަތުގައި ކަމާ ގުޅޭ ކެމިކަލް ނެތިގެން އެޗްޕީއޭ އާއި މެދުވެރިކޮށް ކެމިކަލް ލިބޭތޯ ކުރި މަސައްކަތުން ކެމިކަލް ނުލިބުމުން ކަމަށެވެ.
ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި ހައްޖަށް ދިއުމަށް އަދާލަތު ޕާޓީގެ މެންބަރުންނަށާއި އިސްލާމިކް މިނިސްޓްރީގެ ވަކި މުވައްޒަފުންތަކަކަށް ފުރުސަތު ދިން ކަމަށް އިބްރާހީމް ރަޝީދު ތުހުމަތުކުރައްވާފައިވާތީ އެކަންވެސް މިނިސްޓަރު ވަނީ އޮޅުން ފިލުއްވައިދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ހައްޖުވެރިންނަށް އެހީވުމަށް ފޮނުވި އެންމެންނަކީ ވެސް އާންމު އިއުލާނެއް ކޮށްގެން ކުރިމަތިލީ މީހުންގެ ތެރެއިން އިންޓަވިއު އެއްވެސް ކޮށްގެން މާކްސް ދީގެން ނެގި ބައެއް ކަމަށެވެ. ހައްޖުވެރިންނަށް އެހީވުމަށް ސައުދި އަރަބިއްޔާއަށް ދިޔައީ މިނިސްޓްރީގެ އެންމެ މުވައްޒަފެއް ކަމުގައިވެސް ވިދާޅުވި އެވެ.