އެމްއެންޑީއެފް

މިންހާޖު ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުން ދިޔަ ސ. ހިތަދޫ، މިންހާ, މުހައްމަދު މިންހާޖު ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓާލައިފި އެވެ.

މިންހާޖު ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓާލީ ހަތަރު ދުވަސް ވަންދެން އޭނާ ހޯދުމުގެ މަސައްކަތް ކުރުމަށްފަހު އެވެ. މިމުއްދަތުގެ ތެރޭގައި ވައިގެ މަގުން 2،000 އަކަނޯޓިކަލް މޭލު އަދި ކަނޑުމަގުން 665 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ސިފައިން ބަލާފައިވެ އެވެ.

ސިފައިން އޮޕަރޭޝަން ހުއްޓާލި ވަކި ސަބަބެއް އަދި ބުނެފައެއް ނުވެ އެވެ.

މިންހާޖު ހޯދުމަށް ފުލުހުންވެސް ގެންދަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން މިންހާޖު ހޯދުމަށްޓަކައި 8،573 މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އިއްޔެ ފުލުހުން ހިއްސާކުރި މައުލޫމާތުގައި ބުނެފައިވެ އެވެ. ފުލުހުންގެ އޮޕަރޭޝަން ހުއްޓާލި ކަމަކަށް އަދި ބުނެފައެއް ނުވެ އެވެ.

މިންހާޖާއި އިތުރު މީހަކު ތިބި ލޯންޗު މާލެ އިން އއ. އުކުޅަހަށް ދަތުރު ފެށީ މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާލުންނެވެ.

ފުލުހުން ބުނީ ގޮތުގައި މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 1:00 އިން ފެށިގެން މިންހާޖުގެ ހަބަރެއް އާއިލާއަކަށް ނުވެ އެވެ. އެކަމަކު އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ 8:50 ހާއިރު އެވެ.

މި ދެ މީހުން ދަތުރުކުރި ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން މިދިޔަ ހުކުރު ދުވަހު ވަނީ ފެނިފަ އެވެ. މިންހާޖުއާ އެކު ލޯންޗުގައި އިން ކަމަށް ބުނާ ދެވަނަ މީހާ ހުކުރު ދުވަހު ވަނީ އއ. ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފަ އެވެ. އަދި ފެރިދޫ ސިއްހީ މަރުކަޒުގައި އޭނާއަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ. އަދި ފަރުވާއަށްފަހު އިއްޔެ އޭނާ ވަނީ ދޫކޮށްލާފަ އެވެ.