ފުވައްމުލައް

ހުކުރު ނުކުރަން ފުވައްމުލަކު ތިން އަވަށެއްގެ ކައުންސިލް ނިންމައިފި!

Jan 14, 2016
6
  • މިނިސްޓްރީން ދަނީ ހުކުރު ކުރެވޭނެ ގޮތް ހަމަޖައްސަމުން
  • ހުކުރު ނުކުރަން ތިން އަވަށެއްގެ ކައުންސިލުން ނިންމި
  • އެހެން ނިންމާ ކައުންސިލްތަކަށް ހަރުކަށި ފިޔަވަޅު އަޅާނަން: އުމަރު

ފުވައްމުލަކުގެ ބައެއް އަވަށްތަކުގެ މިސްކިތްތަކުގައި މާދަމާ ހުކުރު ނުކުރަން އެ އަވަށްތަކުގެ ކައުންސިލްތަކުން ނިންމައިފި އެވެ. އެ ނިންމުމާ ގުޅިގެން އެ އަވަށްތަކުގައި ހުކުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ.

ހުކުރު ނުކުރަން ނިންމައިގެން އުޅޭ އަވަށް ތަކަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތައް އޮންނަ އަވަށްތަކެކެވެ.

ފުވައްމަލުކުގެ އަތޮޅު ކައުންސިލްގެ މެންބަރަކު މިރޭ ވިދާޅުވީ، މާދަމާ ހުކުރު ނުކުރަން ނިންމާފައި ވަނީ ދިގުވާޑާއި ހޯދަޑު އަދި މާދަޑުގެ މިސްކިތްތަކުގައި ކަމަށެވެ. އަދި އެގޮތަށް ނިންމީ މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން އުފެދުނު ހިޔާލުތަފާތުވުމެއްގެ ތެރެއިން ކަމަށެވެ. އަދި އެކަމަކީ މިހާރު ކައުންސިލުން ހަމަޖައްސަން ޖެހޭ ކަމެއް ނޫން ކަމަށް އެ ކައުންސިލްތަކުން ބުނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުކުރު ކުރުމުގެ ކަންކަން ކައުންސިލުން ހަމަޖެއްސީމާ ސިވިލްސާވިސް އިން އެއްބާރުލުން ނުދެއްވައޭ ކައުންސިލްތަކުން މި ބުނަނީ. އެހެން ވީމައޭ މިކަންކަން މި ކުރަނީ،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.

މީގެ ދެ ހަފްތާ ކުރިން، ފުނާޑުގެ މިސްކިތުގައި ވެސް މި މައްސަލަ ޖެހި ހުކުރުކޮށްފައެއް ނުވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު މިރޭ މިއަަދު ވިދާޅުވީ، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން، މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުވުމުން ބައެއް ކަންކަމުގައި މިނިސްޓްރީއަސް އެއްބާރުލުންދޭން ބައެއް ކައުންސިލްތަކުން ބޭނުން ނުވަނީ ކަމަށާއި ނަމަވެސް އެފަދަ ކަންކަން ކުރިމަތިވެ ދީނީ ކަމަކަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި، ފުވައްމުލަކުގައި ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ކައުންސިލްތަކާ ވެސް އެކި ފަހަރު މަޝްވަރާކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މިހާތަނަށް ހައްލެއް ނުލިބުނެވެ. އެހެންވެ، އެ މިސްކިތްތަކުގައި ހުކުރު ކުރެވޭނެ ގޮތްތަކެއް ސީދާ މިނިސްޓްރީ އިން ރާވައިގެން މިހާރު ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު އެ ރަށުގެ މިސްކިތްތަކުގެ އިމާމުންނާ ގުޅައިގެން ހުކުރު ކުރަން ނުކުންނަން ވާނީ އަންގާފައި. އަދި ކައުންސިލުން ހުތުބާ ނުދޭ ނަމަ އަޅުގަނޑުމެން ކޮންމެވެސް ގޮތަކުން ހުތުބާ ވެސް ފޯރުކޮށްދެވޭނެ ގޮތް ރާވާނަން. ހުކުރު ކުރެވޭނެ ގޮތް އަޅުގަނޑުމެން ހަނދާނަން،" ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް، އުމަރު ނަސީރު ވިދާޅުވީ އެއިން ކައުންސިލަކުން އެގޮތަށް ރަސްމީ ކޮށް ނިންމި ކަން އަދި އެނގިވަައިގެންފައި ނުވާ ކަމަށާއި ނަމަވެސް މި މައުލޫމާތު ލިބި ވަޑައިގަތުމާއެކު ހުކުރު ކުރުވުމަށާއި އެކަންކަމަށް ދޭންޖެހޭ އެއްބާރުލުންދޭން އެ ކައުންސިލްތަކަކަށް އަންގާފައިވާނެ ކަމަށާއި އެގޮތަކަށް އަމަލު ނުކޮށްފިނަމަ، އަދި ހުކުރު ނުކުރަން ރަސްމީކޮށް ގަރާރެއް ފާސްކޮށްފިނަމަ އެ ކައުންސިލަކާމެދު އެންމެ ހަރުކަށިފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އަޅުގަނޑު އޮންނާނީ އިސްލާމިކް މިނިސްޓްރީގައި ދަންނަވާފައި އެ ކައުންސިލްތަކަށް އަންގަން ހުކުރު ކުރުވަން، އަދި އެ އިންތިޒާމް ހަމަޖައްސަން، އަދި މިކަމާ ގުޅިގެން އެ ކައުންސިލްތަކަށް ވެސް މިއަދު އޮންނާނީ ލިޔުމުން އެ އެންގުން އަންގަފައި. އެއާހިލާފަށް ހުކުރު ކުރިޔަށް ނުދީ، އަދި އެގޮތަށް ގަރާރު ފާސްކޮށްފިނަމަ ފިޔަވަޅު އަޅާނަން އެ ފިޔަވަޅު ވާނީ އަޅާ އެންމެ ހަރުކަށި ފިޔަވަޅަށް،" އުމަރު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 12،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އަދި ދީނީ މައްސަލަތައް މަދު އެއްފަހަށް އޮންނަ ހަމައެކަނި އަތޮޅުގައި ދިމާވި މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަހުމަދު ޒިޔާދު ބާގިރު ވާހަކަފުޅެއް ނުދައްކަވަ އެވެ.