އަންނަ މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ "ފިތޫރް"ގެ އަޑު މިވަނީ ވަރަށް ގަދަވެފަ އެވެ. ފިލްމުގެ ޓްރެއިލާ އާއި މިހާރު އާންމުކޮށްފައިވާ ލަވަތަކަށް ބެލުންތެރިންގެ ތައުރީފު އަންނަނީ އޮއްސަމުންނެވެ.
މިފިލްމުގެ އުފައްދަން ނިންމައި، ފިލްމުގެ ލީޑްރޯލުން ފެނިގެންދާ ތަރިން ހަމަޖެއްސުމުގެ މަސައްކަތުގައި އުޅެނިކޮށް، މިފލްމުގެ ބަތަލާގެ ރޯލު ކުޅެން ބޭނުންކަމަށް ބުނެ، އެރޯލަށް އެދި އޭނާ ކައިރިއަށް އައިސްފައިވަނީ ކެޓްރީނާ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު ބުނެފި އެވެ.
ކަޝްމީރުގައި ހިނގާ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މިފިލްމަކީ ޗާލްސް ޑިކެންސްގެ ވާހަކަ ''ދަ ގްރޭޓް އެކްސްޕެކްޓޭޝަން'' ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
މިފިލްމު ކުޅެން ބޭނުންވެގެން ކެޓްރީނާ އޭނާއާ ބައްދަލުކޮށްފައިވަނީ މިވާހަކައިގެ މައްޗަށް ފިލްމެއް އުފައްދަން އުޅޭ ކަމުގެ އަޑުއިވިގެން ކަމަށެވެ. އަދި އޭރު މިފިލްމު އުފައްދަން އޭނާ ނިންމާފައިވިޔަސް، ފިލްމުގައި ފެނިގެންދާނެ ތަރިން ހަމަނުޖައްސާ ކަމަށެވެ.
"ކެޓްރީނާ ވަނީ މިވާހަކަ އޭނާ ސްކޫލްގައި އުޅުނުއިރު ކިޔާފައި. އޭނާ ބޭނުންވީ މިފިލްމުގެ ބަތަލާގެ ރޯލު ކުޅެން. އަދި އަހަންނަށްވެސް ގަބޫލުކުރެވުނު ކެޓްރީނާ އަކީ މިރޯލަށް އެންމެ އެކަށީގެންވާ ބަތަލާ ކަމަށް" މިފިލްމުގެ ބަތަލާގެ ރޯލު އޭނާ ކެޓްރީނާ ހުށަނާޅާ ކަމަށް ބުނަމުން އަބީޝެކް ބުނެފައިވެ އެވެ.
އިތުރަށް އަބީޝެކް ވަނީ މީގެކުރިން ކެޓްރީނާ މިވައްތަރުގެ ފިލްމެއް ކުޅެފައިނުވާތީ އޭނާ މިފިލްމުގައި ޑައިރެކްޓްކުރުން ވެގެން ދިޔައީ ވަރަށް ބޮޑު ޗެލެންޖަކަށް ކަމަށެވެ. ނަމަވެސް ފިލްމުގެ އަނެއް މުހިންމު ދެތަރިން ކަމަށްވާ އަދިތްޔަ ރޯއި ކަޕޫރާއި ތާބޫ އަދި ކެޓްރީނާގެ ބުރަ މަސައްކަތުން ވަރަށް ފުރިހަމައަށް މިފިލްމު ނިންމާލެވުނު ކަމަށް ވަނީ ބުނެފަ އެވެ.
ދެހާސް އަށްވަނަ އަހަރު ނިކުތް "ރޮކް އޮން" އިން ޑައިރެކްޝަން އަށް ނިކުތް އަބީޝެކްގެ "ފިތޫރް" އަކީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އަބީޝެކް އުފައްދާފައިވާ ފިލްމެކެވެ.
މީގެއިތުރުން އަބީޝެކް ވަނީ މިވާހަކައިގެ އަސްލަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށާއި ނަމަވެސް ފިލްމުގައި ބައެއް ރަހަތައް ވާނީ އޯޑިއަންސާއި ގުޅޭ ގޮތަށް ބަދަލުކޮށްފައި ކަމަށެވެ.
"ފިތޫރް" އަކީ ކުޑައިރުއްސުރެ ލޯބިވެގެން އުޅޭ ދެލޯބިވެރިއެއްގެ އަސަރުގަދަ ލޯބީގެ ވާހަކަ އެވެ. މިފިލްމުގައި ކެޓްރީނާގެ މަންމަގެ ރޯލުން ފެނިގެންދާ ތާބޫގެ ނުފޫޒުން މަކަރުވެރިކަމުން އިންތިހާއަށް ލޯބިވާ އަދިތްޔަ އާއި ކެޓްރީނާ ބައިތިއްބަ އެވެ.
މިފިލްމުގެ މުހިންމު ރޯލުން ލާރާ ދައްތާ އާއި ރާހުލް ބަޓް އަދި އަދިތީ ރާއޯ ހައިދްރީ ވެސް ފެނިގެންދެ އެވެ.