ހޮލީވުޑް

ދެގަޑި އިރުގެ ރީޔޫނިއަން ޝޯއަކަށް "ފްރެންޑްސް" އެނބުރި އަންނަނީ

މަޝްހޫރު ކޮމެޑީ ސީރީސް "ފްރެންޑްސް" ގެ ދެގަޑިއިރުގެ ރީޔޫނިއަން އެޕިސޯޑެއް އަންނަ މަހު ދައްކާނެ ކަމަށް އެންބީސީ އިން ބުނެފި އެވެ.

ފެރެންޑްސްގެ ތަރިން އެއް ތަނަކުން ފެންނާނެ ކަމުގެ އުންމީދުގައި ފޭންސް އިން ތިބޭތާ 12 އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު އެންބީސީ އިން ފްރެންޑްސްގެ ރީޔޫނިއަން އެޕިސޯޑެއް އެއް އަންނާނެ ކަން އިއުލާންކުރީ މިދިޔަ ބުދަ ދުވަހު އޮތް ޓެލެވިޝަން ކްރިޓިކްސް އެސޯސިއޭޝަންގެ ޕްރެސް ޓުއާއެއްގަ އެވެ.

އެންބީސީ އިން ބުނީ އަންނަ މަހު 21 ގައި ރޭޗަލް، މޮނިކާ، ފީބީއާއި ޖޯއި، ރޮސް އަދި ޗެންޑްލާ އެއް ތަނަކުން ފެންނާނެ ރީޔޫނިއަން އެޕިސޯޑަކީ ކޮމެޑީ ޑިރެކްޓަރު ޖޭމްސް ބަރޯސްއަށް ޓްރިބިއުޓެއް ގޮތުގައި ދައްކައި އެޕިސޯޑެއް ކަމަށެވެ. ޗިއާސް، ދަ ބޮބް ނިއު ހާޓް އަދި ޓެކްސީ ފަދަ ކޮމެޑީތަށް އުފެއްދުމުގައި އުޅުން ބަރޯސް ވަނީ ފްރެންޑްސްގެ 15 އެޕިސޯޑެއް ޑިރެކްޓްކޮށްދީފަ އެވެ. އަދި ދާދި ފަހުން ޖޭމްސް ބަރޯސް ވަނީ އޭނާގެ ޓީވީ ކެރިއަރުގައި ޑިރެކްޓްކުރި 1،000 ވަނަ އެޕިސޯޑް ނިންމާލާފަ އެވެ.

ނަވާރަސްތޭކަ ނުވަދިހަ ހަތަރަކުން ފެށިގެން 2004 ވަނަ އަހަރާއި ހަމަޔަށް 10 ސީޒަނަށް އެކުެވޭ ފްރެންޑްސް އަކީ އޭރުގެ އެންމެ މަގްބޫލު ކޮމިޑީ ސީރީސް އެވެ. އެގޮތުން އެ ސީރީސްގެ އެންމެ ފަހުން ނިކުތް އެޕިސޯޑު ވެސް ވަނީ 52.5 މިލިއަން މީހުން ބަލައިފައިވެއެވެ.