އެޗްޑީސީ

ހަފްލާތަކަށް ފަރުކޮޅުފުށި އަލުން ކުއްޔަށް ދޫކުރަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ގުޅާލާފައިވާ ކުރީގެ ރިސޯޓް -- ފަރުކޮޅުފުށީގައި ހަފްލާތައް ބޭއްވުމަށް އެ ރަށް ކުއްޔަށް ދޫކުރަން ފަށައިފި އެވެ.

ފަރުކޮޅު ފުށި ބަލަހައްޓާ ކުންފުނި -- އެޗްޑީސީން ބުނީ ކައިވެނި ހަފްލާތަކާއި އުފަން ދުވަހުގެ ޕާޓީތަކުގެ އިތުރުން ރަސްމީ ޖަލްސާ އަދި ކުދިކުދި އެއްވެއްތައް ބާއްވަން ފަރުކޮޅުފުށި މިހާރު ކުއްޔަށް ދޫކުރަން ފަށާފައިވާ ކަމަށެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ފަރުކޮޅުފުށި ކުއްޔަށް ދޫކުރާނީ ކުއްޔަށް ނަގާ ވަގުތަށް ބަލައިގެން އަގު ކިޔާ ގޮތަށް ކަމަށެވެ. އެގޮތުން ހަ ގަޑިއިރު 12 ގަޑިއިރު އަދި 24 ގަޑިއިރުގެ ޕެކޭޖްތައް އެޗްޑީސީން ވަނީ ތައްޔާރުކޮށްފަ އެވެ.

ހަ ގަޑިއިރަށް ވުރެ މަދު ވަގުތުކޮޅަކަށް ފަރުކޮޅުފުށި ކުއްޔަށް ދޫކުރަނީ ފޮޓޯ ޝޫޓެއް ބޭއްވުމަށް ދެ ގަޑިއިރަށް ކަމަށްވެސް ވިދާޅުވި އެވެ.

ފަރުކޮޅުފުށި ބަލާލަން ބޭނުންވާ އާންމުންނަށް އެތަން ބަލާލަން އާންމުކޮށް ހުޅުވާލުމުގެ ވިސްނުން ނެތް ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީން ވަނީ ކޮވިޑް 19އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިންވެސް ފަރުކޮޅުފުށި ކުއްޔަށް ދޫކޮށްފަ އެވެ.