ވާހަކަ

އިޙްސާސްވޭ

( 9 އޮކްޓޯބަރ 2022 އާ ގުޅޭ )

"ކިހިނެއްވީ؟. ހެދުން ވެސް ބަދަލުނުކުރަންތަ." އެނދުގައި މައިރާ އޮށޯވެލިތަން ފެނި ރަޒާ އަހާލިއެވެ.

"އިރުކޮޅަކުން." މައިރާ މިހެންބުނެ ލޯ މަރާލީއެވެ. ރަޒާއާ ވެސް ވާހަކަދައްކަން މިވަގުތު އޭނާ ބޭނުންނޫނީއެވެ.

ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ރަޒާ ހެދުން ބަދަލުކޮށްލިއެވެ. މަޢްރިބު ނަމާދަށް ގޮވިއިރު ހުރެވުނީ ގޭގައި ކަމަށްވާތީ އޭނާ ގެއިން ނުކުންނަން ގަސްދުކުރީ ވުޟޫކޮށްލައިގެންނެވެ. މިސްކިތަށް ދާން ކޮޓަރިން ނުކުތުމުގެ ކުރީން އެނދުގައި އޮތް މައިރާއަށް ރަޒާ ގޮވާލިއެވެ. ހިތްވަރެއްލާފައި ތެދުވެ ނަމާދުކޮށްލައިގެން އޮންނަން މައިރާ ގާތު ބުންޏެވެ. ނަމަވެސް އޭނާ މިސްކިތަށް ގޮސްފައި އައިއިރު މައިރާއަށް އޮތީ ނިދިފައެވެ. ހެދުން ވެސް ބަދަލުނުކޮށް އޮތުމުން މައިރާ ނުތެދުވަނީކަން ރަޒާއަށް އެނގުނެވެ.

ނިދިފައި އޮތް މައިރާ އަޑެއް ލައްވާހެން ރަޒާއަށް ހީވިއެވެ. ރަޒާ އިނީ އަނބިމީހާ ކައިރީ އެނދުގައެވެ. އޭނާ ފޯނުން ގޭމް ކުޅެނީއެވެ. މައިރާއާ ދިމާއަށް ބަލަން ރަޒާ އިނީ ޔަގީންނުވެއެވެ. މައިރާގެ އަޑު ކަންފަތުގައި ޖެހުނެވެ. އެއާއެކު މައިރާގެ ކޮނޑުގައި ރަޒާ އަތްޖައްސާލީ ގޮވާލާށެވެ. ނަމަވެސް ރަޒާގެ އަތްތިލަ މައިރާގެ ކޮނޑުގައި ޖައްސާލެވުނު ހިނދު އޭނާ ދިޔައީ ސިއްސައިގެންނެވެ.

"މައި..." ރަޒާ ގޮވާލިއެވެ. އެއާއެކު މައިރާ ބަލާލިއެވެ. އެ މޫނުމަތިން ހާސްކަން ފާޅުވޭވޭ ހުއްޓެވެ.

"އަހަންނަށް ނިދުނީތަ؟." މައިރާ އަހާލިއެވެ.

"އާން. އެހެންވެދާނެތީ އަހަރެން ދަމުން މައި ކައިރީ ތެދުވަން ބުނީ. ނަމާދު ވެސް ކެޓީނު. ކިހިނެއްވީ؟... ބިރުވެރި ހުވަފެނެއް ފެނުނީތަ؟." ރަޒާ ވާހަކަދެއްކިއެވެ. ނުތަނަވަސްކަން މޫނުމަތިން ފަރުދާކޮށްލަމުން ރަޒާ އެންމެފަހުން އެކުރި ސުވާލަށް މައިރާ ބޯހޫރާލިއެވެ.

"ނަމާދުނުކޮށް ނިދަންޏާ ބިރުވެރި ހުވަފެން ވެސް ފެންނާނެ." މައިރާ މިހެން ބުނެ އެނދުން ފޭބިއެވެ.

ހެދުން ބަދަލުކޮށްލައިގެން މައިރާ ވަނީ ފާޚާނާއަށެވެ. ފުރަތަމަ ކަމަކަށް ނަމާދު ކުރަން ގަސްދުކޮށްގެންނެވެ. ވުޟޫ ކުރަން ފެށުމުގެ ކުރީން އޭނާ މޫނުގައި ފެންފޮދެއް ހާކާލިއެވެ. ރަޒާ ކައިރީ ނުބުންޏަސް އޭނާއަށް ބިރުވެރި ހުވަފެނެއް ފެނިއްޖެއެވެ. ހުވަފެނުގައި އޭނާ އުޅުނީ ރަޒާއަށް ކާން ހަދާށެވެ. އެހެންނަމަވެސް ތެލިތަކުގެ މަތިނެގިއިރު އޭގައި ހުރި ލެޔެވެ. އޭގެ ތެރެއިން ކެކިއަރާ ފަދައިން ފައިބަންފެށީ ހަރުފައެވެ. އެކިވަރުގެ ހަރުފައެވެ. ބިރުން މައިރާއަށް ދުއްވައިގަނެވުނީއެވެ. އޭނާއަށް ވަދެވުނީ އިނާޔާގެ ކޮޓަރިއަށްކަން އެނގުނީ އެ ކޮޓަރި ތެރޭގައި ހުރެވުނުތަން ފެނުމުންނެވެ. އިތުރަށް ބިރުގަތީ ފާޚާނާގައި ރަޒާގެ ކޮއްކޮ މަރުވެފައި އޮއްވާ ފެނިފައެވެ. ކަޅުކުލައިގެ ސިފަވަކިނުވާ ދުންގަނޑެއް ފާޚާނާ ކައިރީ ހުރިތަން ފެނުނެވެ. މައިރާއަށް އެ ދުންގަނޑުން އަންހެނެއްހެން ހީވެއެވެ. އެކަމަކު ކާކުކަމެއް ނޭނގުނެވެ. އޭނާއާ ދިމާއަށް އެ ދުންގަނޑު އެނބުރުމުން މައިރާއަށް ހަޅޭލަވައިގަނެވުނެވެ. ރަޒާ އޭނާއަށް ގޮވީ ހަޅޭލަވަނިކޮށެވެ. މައިރާ ފުންނޭވާއެއް ލިއެވެ. ހުވަފެނުގެ ސަބަބުން ގަންފައި ހުރި ބިރު އަދިވެސް ފިލައިގެން ނުދެއެވެ. އޭނާ އަވަސްވެލީ އެހެން ނުހުރެ ވުޟޫ ކުރާށެވެ.

ސިޓިންރޫމު ސޯފާގައި އިރުފާ އިނެވެ. ދަރިފުޅު ގޮވައިގެން ކާންދޭން ކާމޭޒުދޮށުގައި ލިޔުޝާ އިނެވެ. މައިރާ ކޮޓަރިން ނުކުމެގެން އައިސް ބަދިގެއަށް ވަނެވެ. މޭޒުދޮށުގައި އިން ލިޔުޝާގެ ދަރިފުޅުގެ ކޮލުގައި އޭނާ ކޮއްޓާލިއެވެ.

"ރަޒާ ކޭތަ؟. ކީކޭ ބުނީ؟." މައިރާގެ އަތުގައި އޮތް ބޯތަށި ފެނި ލިޔުޝާ އަހާލިއެވެ.

"އަހަންނަށް ކާލެވުނީ." ހިނިއައިސްފަ ހުރެ މައިރާ ބުނެލިއެވެ. އޭނާ ކައިރިވެލީ ސިންކު ދޮށަށެވެ. ތަށި ދޮންނާށެވެ.

"މައި ކީއްވެ ކެއީ؟. ހުއްޓޭ ދެ މީހުންނަށް ވާވަރަށް." ލިޔުޝާ ބުނެލިއެވެ.

"އޯކޭވާނެ. ރަޒާ ޝަކުވާއެއް ނުކުރޭ. އެހެންނޫނަސް އޭނާއަށް ކާން ވަގުތުވެގެންނު." މައިރާ ބުންޏެވެ.

"މަވެސް މީރުކަމުން ގަތީ. މަންމަ އަންނައިރެއް އެނގިއްޖެތަ؟." ލިޔުޝާ އަހާލިއެވެ.

"ނޭނގޭ. ރަޒާ ވެސް މިހާރު ނޫޅޭ މަންމަގެ ޚަބަރެއްވޭތޯ. ކޮންއިރަކުން ކަނީ؟ އަހަންނާއި ރަޒާ ކާންވެގެން މިއުޅެނީ." މައިރާ ބުންޏެވެ.

"ފަހުން. އިރުފާ އަދި ނުކައި، އޭނާ އުޅެނީ ހުން އައިސްގެންކަން އެނގޭތަ؟." އިރުފާ އިން ދިމާއަށް ބަލާލާފައި ލިޔުޝާ ވާހަކަ ދެއްކީ ނިކަން މަޑުންނެވެ.

"ނޭނގޭ... ބޭސް ކައިފިތަ؟. ޑަކްޓަރަށް ދާން ދޮންބެދައްތަ ބުނިންތަ؟." މައިރާ ނިކަން އަވަހަށް އަހާލިއެވެ.

"އެއީ ދެވަނަ މަންމަ. ހިތަށް އަރައިފިއްޔާ މަށާ ރީތިކޮށް ވާހަކަދައްކާނީ. އެކަމަކު މައިއާ ވާހަކަދައްކަފާނެ. އަހަރެން ދުށީން ފަސްޓްއެއިޑް ފޮށިން ޕެރެސެޓަމޯލް ކާޑު ނަގައިގެން ދަނިކޮށް. އަޅެ މައި ގޮސް އަހާލަބަލަ." ލިޔުޝާ ބުންޏެވެ.

އިރުފާގެ މޫނުމަތިން ވެސް އޭނާ ބަލިފާޑު ޖަހައެވެ. ކައިރީގަ މައިރާ ހުއްޓިލުމުން އޭނާ އިސްއުފުލައި ބަލާލިއެވެ. އިރުފާ ގާތު ބަލީތޯ މައިރާ އަހާލުމާއެކު އޭނާ ނިކަން އަވަހަށް ބޯޖަހާލިއެވެ. ޑަކްޓަރަށް ދާން މައިރާ ލަފާ ދިނުމުން މިފަހަރު އިރުފާ ދެކޮޅެއް ނުހެދިއެވެ. އޭނާގެ ހާލު ވަރަށް ގޯސްވީކަން ނަގައިގަންނަން މައިރާއަށް އެނގުނީ އެހެންވެއެވެ. އިރުފާ ކައިރީ ތައްޔާރުވެލައިގެން ނުކުންނަން ބުނެފައި މައިރާ ވެސް އަވަސްވެލީ އިރުފާ ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ. އެހެންވެ އޭނާ އެނބުރި އައިސް ކޮޓަރިއަށް ވަނެވެ. އެނދުމަތީ އޮތް ރަޒާގެ ގާތުގައި އިރުފާގެ ވާހަކަ ބުންޏެވެ.

ދޮރޯށި ކައިރީ ރަޒާ ކާރު ނަގައިގެން އަންނަންދެން އިރުފާއާއެކު މައިރާ ހުއްޓެވެ. އެވަގުތު ދޮރުމައްޗަށް ޓެކްސީއެއް އައިސް މަޑުކޮށްލައިފިއެވެ. އޭގެ ފަހަތު ސީޓުގެ ދޮރު ހުޅުވާލައި ފޭބިތަން ފެނުނީ އިޔާނާއެވެ. ޑްރައިވަރު ކާރުން ފައިބައިގެން އައިސް އިނާޔާގެ ފޮށި ޑިކީއިން ބާލައި ދުވާރުމަތީ ބަހައްޓާލަ ދިނެވެ.

"ކީއްވެފަ ތިތިބީ؟." އިނާއަށް އަންހެންދަރިފުޅާއި ޅީދަރިފުޅު ފެނުމާއެކު ސުވާލުކޮށްލިއެވެ.

"ތިއްތަ ހުންއައިސްގެން މިދަނީ ހޮސްޕިޓަލަށް. ރަޒާ އެ އަންނަނީ ކާރު ނަގައިގެން." މައިރާ ބުންޏެވެ.

"ހޮސްޕިޓަލަށް ދާވަރުގެ ކަމެއްތަ އެއީ. ބޭސްގުޅައެއް ގޭގައި ނެތީތަ." އިނާޔާ ބުންޏެވެ.

މަންމަގެ ވާހަކައަށް އިރުފާ ބަލާލިއެވެ. ނަމަވެސް އޭނާ ހިމޭންވެ ހުރީއެވެ. މަންމައާ ޒުވާބުކުރާނޭ ވަރު އޭނާގެ ހަށިގަނޑުގައި ނެތީއެވެ. އެހެންނޫންނަމަ އޭނާ ވެސް މަންމައަށް ދުލެއް ނުކުރީހެވެ. މައިރާއަކީ އިނާޔާގެ ކުރިމަތީ އަޑު އުފުލާ ބަހެއް ކިޔާނެ އަންހެންކުއްޖެއްނޫންކަން އެ ޢާއިލާގެ އެންމެންނަށް އެނގޭނެއެވެ.

"ރަޒާ... އިހަށް އާދޭ މިފޮށި އެތެރެއަށް ވައްދަން." ކާރުގައި ރަޒާ އައިސް މަޑުކޮށްލުމުން އިނާޔާ ބުންޏެވެ. މައިރާ ބޯޖަހާލި ގޮތުން ރަޒާ ކާރުން ފޭބިއެވެ. އިނާޔާ ގޮވައިގެން ގޭތެރެއަށް ވަދެގެން އޭނާ ދިޔައެވެ.

* * * * *

މުޅިން އާ ދުވަހަކަށް ފުރުސަތު ދެމުން ރޭގަނޑުގެ އަނދިރިކަމުގެ މައްޗަށް އަލިކަން ފެތުރިފައި ވެއެވެ. ކޮލަޖަށްދާން ތައްޔާރުވަމުން ދިޔަ މަލަކްގެ ފޯނު ރިންގުވާން ފެށިއެވެ. އެ ގުޅަނީ ކާކުކަން އޭނާއަށް އެނގެއެވެ. އެގަޑީގައި ގުޅަން ހުންނާނީ ދައްޔާނެވެ.

"ރެޑީވަނީ." ފޯނުކޯލު ނެގި ގޮތަށް މަލަކް ބުންޏެވެ.

"ޖަވާބު ކޮބާ؟." ދައްޔާނު އަހާލިއެވެ.

"މިވަގުތަކުނޫން. އެއީ ހާދަ ބޮޑު ނިންމުމެކޭ... ޔާނު ހާދަ ކެތްނުލަވައޭ. ޔާނު ޕްލީޒް... މިގަޑީ އަހަރެން ރެޑީވަނީއޭ. ވަގުތެއްނެތް. ސައިބޮއެގެން ކިރިޔާ ދެން ދެވޭނީ. ފަހުން ގުޅާނަން އިނގޭ... ލަވް ޔޫ. ބާއި." މަލަކް ފޯނުކޯލު ކުރުކޮށްލީއެވެ. އަވަހަށް ތައްޔާރުވެލައިގެން އޭނާ ކޮޓަރިން ނުކުތެވެ.

ކާމޭޒުދޮށުގައި މަޒްހަރާއި މާޔަލް އިނެވެ. މަލަކް ހަލުވިކޮށް އައިސް މޭޒުދޮށުގައި އިށީނެވެ. އާމާލް ބިސްތަށި ހިފައިގެން އައިސް އިށީނެވެ. ހެނދުނަށް މަލަކް ބޭނުންވާނީ ފެނުކެއްކި ބިހެކެވެ. މަޒްހަރު ކާނީ ކުޑަކޮށް ރޯކޮށް ހުންނަވަރަށް ފިހެފައި އޮންނަ ބިސްގަނޑެކެވެ. މާޔަލްއާއި އާމާލްއަށް އަބަދުވެސް ކަމުދާނީ އެއްޗަކާ އެއްކުރެވި ރަނގަޅަށް ފިހެލާފައި އޮންނަ ބިސްގަނޑެކެވެ. މައިރާ ގޭގައި ހުރިނަމަ އެކުއްޖާ ވެސް ކާނީ އެ ދެމެއިން ފަދައިންނެވެ.

"މަލްއާ ވާހަކަދައްކަން ބޭނުންވެފަ މަންމަ މިއިންނަނީ." އާމާލް ބުނެލިއެވެ.

"އޯކޭ. އެކަމަކު މިގަޑިއަކުނޫން." ކެއުމައިގެން ކުރިޔަށް ދަމުން މަލަކް ބުނެލިއެވެ. އޭނާ ވެސް މަންމަމެންނާ ޚިއްޞާކުރަން ބޭނުންވާ ވާހަކައެއް އެބައޮތެވެ. ނުވިތާކަށް މައިރާއާއި މާޔަލްގެ ޚިޔާލަކަށް ވެސް އޭނާ ވަނީ ބޭނުންވެފައެވެ. ދައްޔާނުގެ ވާހަކަ ދައްތަމެން ގާތު ބުނަން މަލަކް ބޭނުމެވެ.

ދައްޔާނު މިހާރު ބޭނުމީ މަލަކްއާ ކައިވެނި ކުރާށެވެ. އެކަން އޭނާ ވަނީ ހާމަކޮށްފައެވެ. ނަމަވެސް މަލަކް ވަކި އެއްޗެއް ނުބުނެއެވެ. މަލަކްއަށް އަވަސްއަރުވާލާފައި ނިންމާ ކަހަލަ ނިންމުމަކަށް ކައިވެނި ނުވެއެވެ. އެއީ ދެމީހުން ވަރަށް ތައްޔާރުވެގެން ވަރަށް ވިސްނާފައި ނިންމަންޖެހޭނެ ނިންމުމެކެވެ. މަލަކް ހާސިލުކުރަން އެދޭ ލަނޑުދަނޑިތަކެއް އެބަހުއްޓެވެ. އަދި ކިޔެވުން ވެސް ނުނިމެއެވެ. އުމުރުން ވެސް ޅައެވެ. މިވަގުތު އޭނާ ކިޔަވަމުން އެ ދަނީ ޑިގުރީއެވެ. އެހިސާބުން ނިންމާލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ވަޒީފާ ވެސް އަދި އޮތީއެވެ. އެއީ ވެސް އޭނާ ފުރިހަމަކުރާން ގަސްދުކޮށްފައިވާ ހުވަފެނެކެވެ. މަތީ މަޤާމެއްގައި އޭނާ މަސައްކަތްކުރާނޭ ދުވަހެއް ދުށުމަށް މަލަކް އެދެއެވެ. ކައިވެންޏަކީ އޭނާ ހާސިލުކުރާން އެދޭ ކަންތައްތަކުގެ ލިސްޓުގެ ފުލަށް ޖައްސާލައިފަ އޮތް ކަމެކެވެ. އެކަމަކު ރާވާފައި ހުރި ކަންކަން އޮޅުންބޮޅުންވާން ފަށައިފިކަން މަލަކްއަށް އެނގެއެވެ. ދައްޔާނާ ގުޅުނު ހިސާބުންކަން ވެސް އެނގެއެވެ. މިހާތަނަށް ލޯބީގެ ގޮތުން އޭނާ އެތައް ފިރިހެން ކުދީންނަކާ ގުޅިއްޖެއެވެ. ކައިވެނީގެ ކުރީން އެއްވެސް ޒުވާނަކަށް އެ ހަށިގަނޑު ނުދޭނަންކަން މަލަކް ހުރީ ނިންމައިގެންނެވެ. އެކަމަކު އެ ނިންމުން ބަދަލުވެއްޖެއެވެ. މުޅި އުމުރު އެކުގައި އުޅޭނެކަމުގެ ޔަގީންކަމެއް ނެތެވެ. އެހެންވިޔަސް ކައިވެންޏާ ހަމައަށް ރައްކާތެރިކުރާން ޖެހޭނެ އޭނާގެ އެންމެ އަގުބޮޑު ރައުސުލްމާލު އެވަނީ ދައްޔާނަށް ހިތުން ރުހުމުން ދީފައެވެ. ދައްޔާނު ކައިރީ ފާޅުނުކުރި ނަމަވެސް އެއީ މަލަކް ކަންބޮޑުވާކަމެކެވެ. ދެމެދުގައި އޮތީ ހައްދުފަހަނައަޅާފައިވާ ގުޅުމަކަށްވާން މަލަކް ނޭދެއެވެ. އެހެންވިޔަސް ދައްޔާނު ހިފެހެއްޓުމުގައި މަލަކް ވަނީ ނާކާމިޔާބުވެފައެވެ.

* * * * *

"ސިރިއަސްލީ..." ލިބުނު ހައިރާންކަމާއެކު އައިތަންއަށް ބުނެވުނެވެ.

"ދެން އެހެންވީރު އެކަމުގެ ފަހަތުގައި މީހަކު ހުރީތަ؟." ވިސްނަންވީ ކިހިނެއްކަމެއް ނޭނގިފައި އިންފަދައަކުން އިސާކަށް ބުނެލިއެވެ.

"ޔަގީންކޮށް ބުނާކަށް ނޭނގޭ. ކާރުގެ ބުރެކީގަ މައްސަލައެއް އުޅެނިކޮށް މާޔާ ކާރަށް ނާރާނެކަން ޔަގީން. އަހަރެންގެ ކާރުގައި ޖެހުން އެއީ އިއްތިފާގެއް. މަންމާ... ބައްޕަ ވެސް އިންދާ މިބުނަނީ. އަހަރެން މާޔާއާ މެރީ ކުރަން ގަސްދުކޮށްފިން." އައިރިކް ބުންޏެވެ.

"ވޯއް!... ބްރޯ!..." ދިމާކުރާ ފަދަ ރާގެއްގައި އައިތަން ބުންޏެވެ. ކޮއްކޮގެ ހަރަކާތްތަކުން އައިރިކް އޭނާއަށް ލޯ އަޅާލިއެވެ.

"އަހަންނަކަށް ނޭނގޭ ކިހިނެއްކަމެއް ވާންވީ." ޝަބްނަމް އިނދެފައި ބުންޏެވެ. އެހިނދު އައިރިކް ތެދުވެގެން އައިސް މަންމަގެ ގާތުގައި އިށީނެވެ. މަންމަގެ އަތުގައި ހިފާލިއެވެ.

"ކުއްލިއަކަށް އައި އަންހެންކުއްޖެއްނޫން އެއީ. އަހަރެމެން އުޅުނީ ލޯބީގެ ގޮތުން ގުޅިގެން. މާޔާގެ ބެކްގްރައުންޑް ބަލަން މަންމަ ބޭނުންނަމަ ބެލިޔަސް އަހަންނަށް އޯކޭ. އެ ފެމެލީއަކީ ރަނގަޅު ފެމެލީއެއް. މާޔާއަކީ ރަނގަޅު އަންހެންކުއްޖެއް. މަންމައަށް މާޔާ ކަމުނުދަނީތަ؟." އައިރިކް އަހާލިއެވެ.

"ދެޓްސް ޓްރޫ މަންމާ. މާޔަލްއަކީ ރަނގަޅު ކުއްޖެއް. އައި ލައިކް ހާ." އައިތަން ބުންޏެވެ.

"މާޔާ ކަމުނުދާ ވާހަކައެއް މަންމަ ނުބުނަމޭ. ރިކް އެދޭ ކުއްޖަކާ ކައިވެނި ކުރުމުގެ އިޚްތިޔާރު ވެސް އެބައޮތް. އެކަމަކު އެހާ އަވަސްއަރުވާނުލާ. އިހަށް މިކަންވެފައި އޮތްގޮތެއް ބެލުން މާ މުހިންމެއްނު. މަރުވާވަރުގެ އެކްސިޑެންޓެއް އެއީ. މީހަކު އެކުއްޖާއަށް ބޮނޑިއެއްދޭން އުޅެނީކަމެއް ވެސް ނޭނގޭ. އެކަމުގެ ހަޤީޤަތް ބަލަންވީ." ޝަބްނަމް ބުންޏެވެ. އެ ވާހަކައަށް އިސާކު ބޯޖަހާލިއެވެ.

އައިރިކް ވެސް މަންމަގެ ވާހަކަ ޤަބޫލުކުރެއެވެ. ހެނދުނު ވެސް މާޔަލްއާ އޭނާ ވާހަކަދެއްކިއެވެ. ބައްދަލުކުރާ ހިތުން އައިރިކް މޮޔަވާވަރުވެފައި ވެއެވެ. އެހެންވިޔަސް މާޔަލް އެދުނީ ހުރިހާ ކަމެއް އޭނާގެ މައިންބަފައިންނަށް ކިޔާދެވެންދެން ދެ މީހުން އިހަށް ބައްދަލުނުވުމަށެވެ. އެކަމާ އެއްބަސްވީ ނަމަވެސް އައިރިކްއަށް ކެތްކުރެވޭނެހެން ޚުދު އޭނާއަކަށް ވެސް ޔަގީނެއްނޫނެވެ. މިހާރު ވެސް އޭނާގެ ސިކުނޑީގައި ހިނގަނީ މާޔަލް ހޯދަން އެ ގެއަށް ދާނޭ ބަހަނާއެކެވެ. އެކްސިޑެންޓާ މެދު މާޔަލް ނުވިސްނިޔަސް އައިރިކް އެކަން ހިނގަން މެދުވެރިވީ ކިހިނެއްތޯ އޮޅުންފިލުވަން ބޭނުމެވެ. އެ ސުވާލުތައް ކުރެވޭނީ ވެސް މާޔަލްއާ ދިމާވެގެންނެވެ. އެއީ ކައިރީގަ ހުރެގެންނޫނީ ދެއްކޭނޭ ފަދަ ވާހަކައެއްނޫންކަން އައިރިކްގެ ޟަމީރު ބުނެއެވެ.

އިސާކާއި ޝަބްނަމްގެ ކައިރިން ތެދުވި އައިރިކް މިސްރާބު ޖެހީ ގެއިން ނުކުންނާށެވެ. އޭނާގެ ފަހަތުން އައިތަން އައެވެ. ޕޯޓިކޯގެ ހަރުފަތްތަކުން ފައިބައިގެން އައިރިކް ހިނގައިގަތީ ކާރު އޮތް ދިމާއަށެވެ.

"މާޔަލްގެ ބޯއިފްރެންޑެއް ހުންނަކަން ދޮންބެއަށް އެނގޭތަ." އިވާންގެ ވާހަކަ އައިތަން ހާމަކުރިއެވެ.

"އެއީ ނިމިފަ އޮތްކަމެއް." އައިރިކް ނިކަން އަވަހަށް ބުނެލިއެވެ.

"އެ ދެމީހުން މެރީކުރަން އުޅޭ ވާހަކަ މާޔަލް ބުނި." އައިތަން އަނެއްކާ ވެސް އޭނާއަށް އެނގިފައި އޮތް ކަމެއް ހާމަކޮށްލިއެވެ.

"ދެ ފިރިހެނުންނާ އަންހެނަކަށް ނީނދެވޭނެ. މާޔާ އިންނާނީ އަހަންނާ." އައިރިކް ބުނެލީ ނިކަން ޔަގީންކަމާއެކުއެވެ. ހެވިފައި ބޭބެއަށް ބަލަން އައިތަން ހުއްޓެވެ. އައިރިކް އެރީ ކާރަށެވެ.

* * * * *

"ކޯއްޗެއް؟." ބިދޭސީއަކު މަލަކްގެ ކައިރިއަށް އައިސް ސިޓީއުރައެއް ދިއްކޮށްލިއެވެ.

މަލަކް ކޮލެޖު ނިންމާފައި މެންދުރު ގެއަށް އައި ވަގުތެވެ. ސައިކަލު ޕާކުކޮށްލާފައި ނުފޭބެނީސް ކައިރީގަ މަޑުކޮށްލީ ބިދޭސީ ފިރިހެނެކެވެ. އޭނާ ވާހަކައެއް ދެއްކުމެއްނެތި ހިމަދިގު ސިޓީއުރައެއް މަލަކްއަށް ދިއްކޮށްލައިގެން ހުރީއެވެ. މަލަކް ސުވާލުކުރުމުން އޭނާ ދެކޮނޑު އަރުވާލީ ނޭނގެއޭ ބުނާ ފަދައިންނެވެ.

"ކާކު ދިން އެއްޗެއް." މަލަކް އަނެއްކާ ވެސް ސުވާލު ކުރިއެވެ.

"އަހަރެން ނޭނގެނީ އެމީހާ. ތިކުއްޖާ ފޮޓޯދައްކަނީ... މިތާ މަޑުކުރަނީ. މީތި ދޭށޭ ބުނަނީ." ޒުވާންފުރައިގެ އެ ބިދޭސީ މީހާ ކޮށިގޮތަކަށް ދިވެހިބަހުން ބުންޏެވެ.

މަލަކް ސިޓީއުރައިގެ ހިފުމާއެކު އޭނާ ހިނގައިގަތީއެވެ. ސައިކަލުން ފައިބައިގެން އެޕާޓްމެންޓް ހުރި އިމާރާތުގެ ތެރެއަށް މަލަކް އައިސް ވަނެވެ. ލިފްޓަށް އަރައި އޭގެ ދޮރު ލެއްޕުމުން މަލަކް އަތުގައި އޮތް ސިޓީއުރައަށް ބަލާލިއެވެ. ބަންދުކޮށްފައި އޮތް ސިޓީއުރައިގެ ތެރޭ އޮތީ ހަރުކޮށް އޮތް ކުޑަ އެއްޗެއްކަން އެނގުނެވެ. އޭނާ އެ ސިޓީއުރައިގެ ކޮޅުން އިރާލިއެވެ. ލޮލާ ކައިރިކޮށް އެތެރެ ބަލާލިއިރު އޮތީ ފެންޑްރައިވެކެވެ.

(ނުނިމޭ)