ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)އާ ބެހޭ ގޮތުން އިހަށް ދުވަހަކު އޮންލައިން ނޫހެއްގައި ޖަހާފައިވާ ލިޔުމުގެ ކޮމެންޓެއްގައި އޮތް ވާހަކަ އަށް ވިސްނާލީމެވެ. އޭގައިވާ އެއްވާހަކަ އަކީ ދަގަނޑޭ އަށް ރަނގަޅުވާނީ ބޫޓާން މެޗު ކަމަށާއި އެމެޗު ކުޅެން ވަރަށް ފޯރިހުންނާނެ ކަމަށެވެ.
ހަގީގަތުގައި ވެސް ގައުމީ ފުޓްބޯޅަ މެޗެއް ކުޅެން އުޅެފިނަމަ އެންމެހެން ނަގަނަގާފައި ދައްކާނީ ދަގަނޑޭގެ ވާހަކަ އެވެ. އޭނާގެ މޮޅު ވާހަކަ އާއި ޖެހި ގޯލުތަކުގެ ވާހަކަ އާއި އޭނާ ޖަހާނެ ކަމަށް ލަފާކުރާ ގޯލުތަކުގެ ވާހަކަ އެވެ. އެއުއްމީދުގައި ނަލަހެދިގެން ދަނޑަށްދާ ސަޕޯޓަރުންނަށް ޓީމު ބަލިވެއްޖެނަމަ ގޯސްވަނީ ކޮމެންޓޭޓަރުންނެވެ. ނޫސްވެރިންނާއި މެޗު އެނަލިސްޓުންނެވެ. ރެފްރީންނެވެ. އެކަމަކު މެޗުގެ ކުރިން ކުޅުންތެރިޔާގެ އުޅުން ހުރިގޮތާއި މެޗުގައި ގޯލު ނުޖެހިކަމާއި ދަނޑުމަތީގައި މަސައްކަތްނުކުރާ ކަމާއި ލިބުނު އެތައް ފުރުސަތެއް މިސްކޮށްލުމަކީ ގޯހަކަށް ނުވެ އެވެ. ވާނީވެސް އެހެންނެވެ. ދަގަނޑޭ ފަދަ މޮޅު ކުޅުންތެރިއަކު ރާއްޖެ މިހާތަނަށް ދެކެފައެއްނުވެ އެވެ. ގައުމަށާއި އޭނާގެ އަމިއްލަ ކުރިއެރުމަށް އޭނާ ވަނީ ބޮޑެތި ގުރުބާނީތަކެއް ވެފަ އެވެ. އެކަމުގެ އަގު ވަޒަންކުރަންޖެހޭނެ އެވެ. އެކަމަކު ސަރަހައްދީ ފޯވަޑުންނާ އަޅާބަލާއިރު އެބުނާހާ ދަގަނޑޭ މޮޅުހެއްޔެވެ؟ އޭނާގެ ވިދުވަރު ފެނިފެންދަނީ އެކޮމެންޓްގައިވާ ފަދައިން ބޫޓާން މެޗުގައި ހެއްޔެވެ؟
ދަގަނޑޭއާ އަޅާކިޔަން މިސާލަކަށް އިންޑިޔާގެ ކެޕްޓަން އަދި ފޯވަޑް ސުނިލް ޗެތްރީ ނަގަމާ ހެއްޔެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މި ދެ ކުޅުންތެރިން ދައްކާފައިވާ ކުޅުމުން ޗެތްރީ އާއި ދަގަނޑޭ އަޅާ ކިޔަމާ ހިނގާށެވެ.
ޖެހި ގޯލު:
ދަގަނޑޭ ވަނީ ސާފް ޗެމްޕިއަންޝިޕުގެ ހަ މުބާރާތެއްގައި ކުޅެފަ އެވެ. ޗެތްރީ ކުޅުނީ ހަތަރު މުބާރާތުގަ އެވެ. ހުރިހާ މުބާރާތުގައި ދަގަނޑޭ ވަނީ މިހާތަނަށް 24 ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ މި މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.
ޗެތްރީ ޖަހާފައިވަނީ 13 ގޯލެވެ. އިންޑިޔާގެ ކުރީގެ ކެޕްޓަން ބައިޗުން ބުޓިޔާ މުބާރާތުގައި ޖަހާފައިވާ 12 ގޯލުގެ ރެކޯޑް އޭނާ މުގުރާލީ މިމަހުގެ ކުރީކޮޅު ނިމުނު މުބާރާތުގެ ފައިނަލުގައި އަފްގާނިސްތާން ކޮޅަށް ޖެހި ގޯލުންނެވެ. ޗެތްރީގެ ގޯލުތަކަށް ބަލާއިރު މުބާރާތުގައި އޭނާ ގޯލެއް ނުޖަހަނީ ޕާކިސްތާން ކޮޅަށް އެކަންޏެވެ. އޭނާ ހުރެ މުބާރާތުގައި އިންޑިޔާ، ޕާކިސްތާނާ ދެކޮޅަށް ނުކުތީ ވެސް އެންމެ މެޗެއްގަ އެވެ. ޗެތްރީ ޖެހި 13 ގޯލުގެ ތެރެއިން އެންމެ ގިނައިން ގޯލު ޖަހާފައިވަނީ ރާއްޖެ އާއި އަފްގާނިސްތާން އަދި ބޫޓާން ކޮޅަށެވެ. މީގެ ތެރެއިން ކޮންމެ ގައުމެއް ކޮޅަށް ވެސް ތިން ގޯލު ޖަހާފައިވާއިރު ނޭޕާލް ކޮޅަށް ދެ ގޯލު އަދި ބަނގްލަދޭޝް އާއި ލަންކާ ކޮޅަށް ވެސް ގޯލެއް ޖަހާފައިވެ އެވެ.
މިއާ ހިލާފަށް ދަގަނޑޭ ޖަހާފައިވާ 24 ގޯލުގެ ތެރެއިން 17 ގޯލު ޖަހާފައިވަނީ ސަރަހައްދުގެ އެންމެ ބަލި ދެ ޓީމު ކަމަށްވާ ލަންކާ އާއި ބޫޓާން ކޮޅަށެވެ. ލަންކާ ކޮޅަށް ޖުމުލަ 12 ގޯލު ޖަހާފައިވާއިރު މީގެ ތެރެއިން ހަ ގޯލު ޖެހީ 2013 ވަނަ އަހަރު ރާއްޖެ އަތުން ލަންކާ 10-1އިން ބަލިވި މެޗުގަ އެވެ. މުބާރާތުގައި ދަގަނޑޭ ދުވަހަކުވެސް އިންޑިޔާ ކޮޅަށް ގޯލެއް ނުޖަހަ އެވެ. އަފްގާނިސްތާން ކޮޅަށް ޖަހާފައިވާ ހަތަރު ގޯލަކީ ވެސް އެ ގައުމު ސަރަހައްދުގެ ބަލި ޓީމެއްގެ ގޮތުގައި އޮއްވައި ޖެހި ހަތަރު ގޯލެވެ. އެއީ މުބާރާތުގައި އަފްގާނިސްތާން ދެ ވަނަ ފަހަރަށް ވާދަކުރި އަހަރު ކަމަށްވާ 2005 ވަނަ އަހަރު ޖެހި ދެ ގޯލާއި 2009ގައި ޖެހި ދެ ގޯލެވެ.
މުހިންމު ގޯލުތައް:
ސާފް ޗެމްޕިއަންޝިޕުގައި ވެސް އެންމެ މުހިންމު ހިސާބަކީ ސެމީ ފައިނަލާއި ފައިނަލް މެޗެވެ. މި މެޗުތަކަށް ބަލާއިރު ފައިނަލެއްގައި ދަގަނޑޭ ދުވަހަކު ގޯލެއް ނުޖަހަ އެވެ. ސެމީ ފައިނަލުގައި ހަ ފަހަރު ކުޅެފައިވާއިރު ގޯލެއް ޖެހީ އެންމެ ފަހަރަކު އެވެ. އެވެސް 2009 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ލަންކާ އަތުން ރާއްޖެ 5-1އިން މޮޅުވި މެޗުގައި އިބްރާހީމް ފަޒީލް (އޮއްޕޮ) އާއި އަހުމަދު ތޯރިގް (ޓޮމް) ތިން ގޯލު ޖަހާފައިވަނިކޮށް ޖެހި ގޯލެކެވެ.
ޗެތްރީ އަށް ބަލާއިރު އޭނާ ވަނީ ތިން މުބާރާތެއްގެ ސެމީ ފައިނަލުގަ އާއި ދެ މުބާރާތެއްގެ ފައިނަލުގައި ޖުމުލަ ފަސް ލަނޑު ޖަހައިފަ އެވެ. ސެމީގައި އޭނާ ލަނޑު ޖަހާފައިވަނީ 2008ގައި ބޫޓާންކޮޅަށް އަދި 2011 އާއި 2015ގައި ރާއްޖެ ކޮޅަށެވެ. ފައިނަލުގައި ލަނޑު ޖެހީ 2011 އާއި 2015ގައި އަފްގާނިސްތާން ކޮޅަށެވެ.
މުބާރާތުގެ ކާމިޔާބީ:
ސާފް ޗެމްޕިއަންޝިޕުގައި ދަގަނޑޭ ވަނީ 2008 ވަނަ އަހަރު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ޗެތްރީ ވަނީ 2011 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ދަގަނޑޭ ހޯދީ 2013 ވަނަ އަހަރު ލަންކާ އާއި ބޫޓާންކޮށް ކޮޅަށް ޖެހި 14 ގޯލާއެކުގަ އެވެ. ޗެތްރީ މި މަގާމު ހޯދީ 2011 ވަނަ އަހަރުގެ މުބާރާތުގައި ހަތް ގޯލު ޖަހައިގެންނެވެ.
ހަ ފަހަރު މުބާރާތުގައި ކުޅެގެން ދަގަނޑޭ އަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވުނީ 2008 ވަނަ އަހަރު އެކަންޏެވެ. އޭނާ ހުރެ ރާއްޖެ ދެ ފައިނަލް ކުޅެފައިވާއިރު 2009 ވަނަ އަހަރު ބަލިވީ އިންޑިޔާގެ 23 އަހަރުން ދަށުގެ ޓީމު އަތުންނެވެ.
ޗެތްރީ ވަނީ ހަތަރު ފަހަރު މުބާރާތުގައި ކުޅެ ތިން ފަހަރު ފައިނަލް ކުޅެ، ދެ ފަހަރު ތަށި ހޯދައިފަ އެވެ.
ގޯލު ޖަހަން އެހީތެރިވުން:
މި ދެ ކުޅުންތެރިންނަކީ ވެސް ގޯލު ޖަހަން އެހެން ކުޅުންތެރިންނަށް އެހީތެރިވާ ދެ ކުޅުންތެރިންނެވެ. އެކަމަކު މުހިންމު މެޗުތަކުގައި އެކަން ކާމިޔާބުކޮށް ފައިވަނީ ޗެތްރީ އެވެ. އެންމެ ފަހުން ނިމިގެންދިޔަ މުބާރާތުގައި ވެސް އިންޑިޔާ ގިނަ ގޯލުތައް ޖަހަން މަގުފަހިކޮށްދިނީ އޭނާ އެވެ.
ކެޕްޓަންގެ ޒިންމާ:
ސުނިލް ޗެތްރީ އަކީ ނަމޫނާ ކުޅުންތެރިއެކެވެ. އަހުލާގީ މައްސަލަތަކެއްނެތެވެ. އެންމެ ފަހުގެ މުބާރާތުގެ އޯޕަނިން ޕްރެސް ކޮންފަރެންސަށް ވެސް އޭނާ އައީ ޓީމުގެ ޒުވާން ކުޅުންތެރިއަކާއެކުގަ އެވެ. ނޫސްވެރިން ސުވާލުކުރުމުން އޭނާއާއެކު ގެނައި ކުޅުންތެރިޔާ ނޫސްވެރިންނަށް ތައާރަފްކޮށް، ކުޅުންތެރިޔާ އަށް ވެސް ހިތްވަރުދިނެވެ. އޭގެ ފަހުން ބުނީ ޓީމުގެ ކުރިމަގަކީ ޒުވާން ކުޅުންތެރިން ކަމަށާއި އޭނާއެކޭ އެއްފަދައިން އެކުޅުންތެރިންނަށް ވެސް ސަމާލުކަން ދިނުމަށެވެ.
ނޫސްވެރިންނާ ޗެތްރީ ރަހުމަތްތެރި ގުޅުމެއް ބޭއްވި އެވެ. ކޮންމެ ގައުމެއްގެ ނޫހަކުން ގޮވާލިޔަސް މަރުހަބާކިޔަ އެވެ. ޕްރެސް ކޮންފަރެންސަށް ދާންޖެހިދާތީ އާއި ނޫސްވެރިން ސުވާލުކޮށްފާނެތީވެ ބޮޑާހާލައި ނުހަދަ އެވެ. ޕްރެކްޓިސް ކުރާތަނަށް ދިއުމުން އޭނާގެ ކިބައިން ފެނުނީ ހަރުދަނާކަމާއި ބޭކާރު އުޅުންތަކުން ދުރުވެ ހުރިތަނެވެ. ޕްރެކްޓިސް ނިންމާފައި ސިނގިރޭޓެއް ހޯދަން ނުދުވެ އެވެ. ތިމަންނަ ބޭނުންވާ ކަމެއް ނުވިޔަސް ޓީމުގެ އެކުވެރިކަން ބަދަހިކޮށްދެ އެވެ.
ޗެތްރީގެ ފަރާތުން މިފެނުނު ރަނގަޅު ކަންކަން ދަގަނޑޭގެ ފަރާތުން ނުފެނެ އެވެ.
ގައުމީ ޓީމާއި ބޮޑެތި ކާމިޔާބީ:
ދަގަނޑޭ އަކީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު އަދި ރަންބޫޓު ހަތް ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ. ޗެތްރީ ވަނީ އިންޑިޔާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދައި ނެހުރޫ ކަޕުގެ ރަންބޫޓު ވެސް ހޯދައިފަ އެވެ.
ނެހުރޫ ކަޕް އޭނާ ތިން ފަހަރު އިންޑިޔާ އަށް ކާމިޔާބުކޮށްދިނެވެ. ޗެލެންޖް ކަޕް އެއްފަހަރު ކާމިޔާބުކޮށްދިނެވެ. ވަރުގަދަ އޭޝިއަން ކަޕުގައި ކުޅެ ބަހުރޭނާއި ދެކުނު ކޮރެޔާ ކޮޅަށް ގޯލު ޖެހި އެވެ. ޗެލެންޖް ކަޕް 2008ގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ.
ޗެލެންޖް ކަޕާއި ނެހުރޫ ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިން އާއި ވޯލްޑްކަޕް ކޮލިފައިން ފަދަ މުބާރާތްތަކުގައި ކުޅެފައިވީ ނަމަވެސް މިފަދަ ކާމިޔާބީ އެއް ގައުމީ ޓީމުގައި ދަގަނޑޭ އަށް ހޯދިފައިނުވެ އެވެ.
ގައުމީ ޓީމަށް ދަގަނޑޭ ކުޅެދިނީ 73 މެޗެވެ. ޖަހާފައިވަނީ 46 ގޯލެވެ. ޗެތްރީ ވަނީ އިންޑިޔާ އަށް 88 މެޗު ކުޅެދީ 50 ގޯލު ޖަހާފައިވެ އެވެ.
މިހެންވެ މިހުރިހާ ކަމަކަށް ބަލާއިރު އުމުރުން މިހާރު 31 އަހަރަށް އެޅިފައިވާ ދެ ކުޅުންތެރިން އަޅާކިޔާއިރު ހުރިހާ ގޮތަކުން ޗެތްރީ އުޅެނީ ކުރީގައި ކަމަށް ނިންމަންޖެހެ އެވެ. ކޮމެންޓް ފޮނުވި ބޭފުޅާގެ ވާހަކަ ގޯހެއްނޫނެވެ.