ޓީޗަރުންނަށް ލައިސަންސް ދިނުމާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް ނިންމުމަށްފަހު ގެޒެޓް ކުރަން ތައްޔާރުވެއްޖެ އެވެ.
ތައުލީމުގެ ގާނޫނުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ޓީޗަރުންނަށް ލައިސަންސް ދޫކުރަންޖެހެ އެވެ. އޭގެފަހުން ލައިސަންސް ނެތި ޓީޗަރެއްގެ ގޮތުގައި މަސައްކަތެއް ނުކުރެވޭނެ އެވެ.
މިކަމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގެ ރަޖިސްޓްރާ އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު ވިދާޅުވީ ޓީޗަރުންނަށް ލައިސަންސް ދިނުމާ ގުޅޭ ގިނަ މަސައްކަތްތަކެއް މިހާރު ހުރީ ނިމިފައި ކަމަށެވެ. ކަމާ ގުޅޭ ގަވައިދުތަކާއި އުސޫލުތައް މިހާރު ވަނީ ރައީސް އޮފީހަށް ފޮނުވާފައި ކަމަށްވެސް ވިދާޅުވި އެވެ.
"ގާނޫނުގައިވާ ގޮތަށް އަންނަ އަހަރުގެ އޮގަސްޓް 10 ގައި ފަށާ ދިރާސީ އާ އަހަރުގެ ކުރިން ޓިޗަރުންނަށް ލައިސަންސް ދޫކުރުމާ ގުޅޭ ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ހުރިހާ ޓީޗަރުންނަށް ލައިސަންސް ދޫކުރެވޭނެ،" އާތިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީޗަރުންނަށް ލައިސަންސް ދޫކުރާނީ ވަކި މުއްދަތަކަށް ކަމަށާއި މުއްދަތު ހަމަވުމުން ޓީޗަރުންގެ ފެންވަރާއި ގާބިލިއްޔަތުކަން އިތުރަށް ބެލުމަށްފަހު ލައިސަންސް އާކޮށްދޭނެ ކަމަށެވެ. ޓީޗަރުންނަށް ލައިސަންސް ދޫކުރާނީ ކިހާ މުއްދަތަކަށްކަމާއި ލައިސަންސް ދޫކުރަން ފަށާނެ ތާރީހް ފަހުން ހާމަކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މީގެ ދެ އަހަރު ކުރިން 2020 ވަނަ އަހަރު އެކުލަވާލި ތައުލީމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" އެކުލަވާލައި އެ ބޯޑަށް މެމްބަރުން އައްޔަންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ތައުލީމުގެ ގާނޫނުގައިވާ ގޮތުން ޓީޗަރުންނަށް ލައިސަންސް ދޭނެ އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަންޖެހޭ ފަރާތަކީ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑެވެ.
ތައުލީމުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ ގާނޫނަށް އަމަލުކުރަން ފަށާއިރު ހިދުމަތުގައި ތިބި މުދައްރިސުން މި ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގައި ރަޖިސްޓްރީކޮށް، ލައިސަންސް ހޯދަން ވާނެ ކަމަށެވެ.