ރާއްޖެއިން ފުރުން މަނާކޮށްފައި އޮތް އުޅަނދު -- އޮޑިސީން ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހޯކްސްއަށް ނުދައްކާ އޮތް 2.8 މިލިއަން ދައްކައިފި އެވެ.
ތެޔޮ ބިލަށް ފައިސާ ދެއްކި ކަމަށް މިއަދު ބުނީ އޮޑިސީ އޮޕަރޭޓް ކުރާ ކުންފުނި -- އޯޝަން ކޮންޒަވޭޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިޔުކޭޝަން ފައުންޑޭޝަން (އޯސީއީއީއެފް)ގެ ފަރާތުންނެވެ.
އޯސީއީއީއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮޑިސީ އަކީ އެ ކުންފުނީގެ އުޅަނދެއް ކަމަށާއި އޮޑިސީ ދުއްވަން ހޯކްސް އިން ގަނެފައިވާ ތެލުގެ ފައިސާ މިހާރު ދައްކާފައިވާ ކަމަށެވެ. އަދި އޮޑިސީ ފުރުން މަނާކޮށް ނެރުނު ކޯޓު އަމުރު މިހާރު ބާތިލުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
ތެލަށްވީ ފައިސާ ނުދައްކާ އޮތުމާއި ކޯޓު އަމުރުގެ ފުރިހަމަ ޒިންމާ އޯސީއީއީއެފް އިން ނަގާ ކަމަށާއި ނެކްޓަންގެ އެއްވެސް ޒިންމާއެއް މިކަމުގައި ނެތް ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ. އަދި ނެކްޓަންގެ ދަތުރު ވަނީ ކޯޓު އަމުރު ނެރުމުގެ ކުރިން 7 އޮކްޓޫބަރުގައި ނިމިފައި ކަމަށްވެސް ބަޔާނުގައިވެ އެވެ.
"މިކަމުގެ ސަބަބުން ދިމާވި ދަތިތަކަށާއި މައްސަލަތަކަށް ދިވެހިރާއްޖޭގެ ސަރުކާރާއި ނެކްޓަންގެ އިތުރުން [ނެކްޓަން މޯލްޑިވްސް މިޝަން]ގެ ޕާޓްނަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން." ބަޔާން ނިންމާލަމުން އޯސީއީއީއެފުން ބުނެފައިވެ އެވެ.
ރާއްޖޭގެ ކަނޑުތަކުގެ ފުން ސަރަހައްދުތައް ފުރަތަމަ ފަހަރަށް ދިރާސާކުރުމަށް ނެކްޓަން މޯލްޑިވްސް މިޝަންގެ ނަމުގައި ކުރިއަށް ގެންދިޔަ ދިރާސާގައި ބޭނުންކުރި އޮޑިސީ ރާއްޖެއިން ފުރުން މަނާކުރަން އަމުރު ނެރެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އޮޑިސީ ފުރުން މަނާކުރީ ރާއްޖޭގައި ތެޔޮ ވިއްކަމުންދާ އަމިއްލަ ކުންފުނި -- ހޯކްސް އަށް ދައްކަން ޖެހޭ 2.8 މިލިއަން ރުފިޔާ ނުދައްކާ އޮތުމުންނެވެ. މި ފައިސާ އަކީ އޮޑިސީ ދުއްވަން ހޯކްސް އިން ގަނެފައިވާ ތެލުގެ ފައިސާ އެވެ.
އޮޑިސީ ފުރުން މަނާކޮށް ސިވިލް ކޯޓުން އަމުރަކީ މި އުޅަނދު ރާއްޖެ އިން ފުރައިފިނަމަ ހޯކްސް އަށް ލިބެންޖެހޭ ފައިސާ ލިބުން ބަންދުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ ހޯކްސް ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައިގައި އުޅަނދު ފުރުން މަނާކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި އޮތުމުން ނެރުނު އަމުރެކެވެ.
ހޯކްސް އިން ކޯޓަށް ހުށަަހަޅާފައިވާ މައްސަލައިގައި ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް ދައްކަންޖެހޭ 2.8 މިލިއަން ރުފިޔާ އަކީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އެވެ.
ސިވިލް ކޯޓުގެ އަމުރާ ގުޅިގެން ނެކްޓަން މޯލްޑިވްސް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ތެލުގެ ބިލަށް ފައިސާ ދެއްކުމަކީ އޮޑިސީގެ ވެރިފަރާތް ކަމުގައިވާ އޯސީއީއީއެފް އިން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ނެކްޓަން އިން އުޅަނދު ކުއްޔަށް ނެގީ ދިރާސާގެ ބޭނުމަށް މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ނެކްޓަން އިން ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ ދައްކާފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތައް ކުރިއަށް ގެންދިޔައީ ދިވެހި ސަރުކާރާއި ނެކްޓަން ކުންފުނިން ގުޅިގެން ކުރި މަސައްކަތެއްގެ ގޮތުގަ އެވެ. ދިރާސާގެ މަސައްކަތް މިހާރު ވަނީ ނިންމާލާފަ އެވެ.