ވޯލްޑް ބޭންކް

"ފަހި ދިރިއުޅުން ކޯޕަރޭޝަން ބޭކާރު ކުންފުންޏެއް"

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގައި ބިން ކުއްޔަށް ދިނުމާއި މުދާ ވިއްކުން ފަދަ ކަމެއް ކޮށްގެން އާމްދަނީ ލިބޭނެ އެއްވެސް ގޮތެެއް ނެތުމުން އެ ކުންފުނީގެ ބޭނުމެއް ނެތް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން މި މަހުގެ ހަވަނަ ދުވަހު އާންމުކޮށްފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވާ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީއާ) ހިލާފަށް، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފިޔަވައި އާމްދަނީ ލިބޭނެ ގޮތްތަކެއް (އެފްޑީސީ) އަކަށް ނެތެވެ. އެފްޑީސީން ކުރަންޖެހޭ ހަރަދުތައް ކުރުމުގައި އެ ކުންފުނިން ބަރޯސާވާންޖެހެނީ ސަރުކާރުން ދޭ ފައިސާ އަކަށް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން އުފެއްދީ 2019 ވަނަ އަހަރު ރާއްޖޭގެ އިޖުތިމާއީ ބޯހިޔާވަހިކަން ތަރައްގީކޮށް ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ ބޮޑު ބައެއް ހާސިލްކުރުމުގެ ގޮތުންނެވެ. ނަމަވެސް، އެފްޑީސީގެ ސަބަބުން ހައުސިން މަޝްރޫއުތަކުގެ ބުރަ ސަރުކާރަށް އިތުރަށް ބޮޑުވެގެންދާނެ ކަމަށް ރިޕޯޓްގައިވެ އެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި އެފްޑީސީން 4،000 ހައުސިން ޔުނިޓް އެޅުމަށް ރާއްޖޭން ބޭރުން ނަގަން ނިންމާފައިވާ ލޯނުގެ ސަބަބުން ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހަރަދާއި މާލީ ނުރައްކާތައް އިތުރުވާނެ އެވެ.

ފަހި ދިރިއުޅުމާ ހަވާލުކޮށްގެން އަޅަން ނިންމާފައިވާ 4،000 ފްލެޓް މަޝްރޫއަށް އެކަނިވެސް 226.5 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖޭން ބޭރުން ނަގަން ޖެހޭއިރު މި ކޯޕަރޭޝަނަކީ ލޯނު ދެއްކުމުގެ ގާބިލްކަން ހުރި ކުންފުންޏެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިވަގުތު ނަގާ ކޮންމެ ލޯނެއްގެ ބުރަ ރާއްޖޭގެ ފިނޭންސް މިނިސްޓްރީން އުފުލަންޖެހޭނެ އެވެ. މިހާރުވެސް ދިވެހިރާއްޖޭގެ ސަރުކާރުން އެފްޑީސީއަށް ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރަމުންދާ ކަން ފާހަގަކޮށްފައިވެ އެވެ.

މިގޮތުން 2018 ވަނަ އަހަރާއި 2020 ވަނަ އަހަރާއި ދެމެދުގައި ރާއްޖޭގެ ސަރުކާރުން އެފްޑީސީއަށް 0.8 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ. އަދި މި އަަހަރުގެ ބަޖެޓުން ވެސް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 26.9 މިލިއަން ރުފިޔާ ކެޕިޓަލްގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.