އެޗްޑީސީ

ހިޔާ ޓަވަރުން ކަރަންޓް ކެނޑުނު މައްސަލައިގައި ފިޔަވަޅު އަޅަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުން އިއްޔެ ކަރަންޓު ކެނޑުނު މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑުނީ އެ ސަރަހައްދުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރަމުންދާ މަޝްރޫއެއްގެ މަގު ކޮނުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.

މަގު ކޮނުމުގެ މަސައްކަތް ކޮށްފައިވަނީ ނަގަންޖެހޭ ހުއްދަތައް ނުނަގައި ގަވައިދާ ހިލާފަށް ކަމަށް އެޗްޑީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި މަގުކޮނެގެން އެއްވެސް މަސައްކަތެއް ކުރާނަމަ އެޗްޑީސީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ހުއްދަ ނެގުމަށްވެސް އެޗްޑީސީން ހަނދާންކޮށްދީފައިވެ އެވެ.

ހިޔާ ޓަވަރުގެ ހުރިހާ ފްލެޓަކުން ކަރަންޓު ކެނޑިފައިވަނީ އިއްޔެ ހެނދުނު 11:25 ހާއިރު އެވެ. އަދި ޓަވަރުތަކަށް ކަރަންޓު އަނބުރާ ދީފައިވަނީ އިއްޔެ މެންދުރުފަހު 3:02 ހާއިރު އެވެ.

ކަރަންޓު ނުލިބި ތިން ގަޑިއިރަށް ވުރެ ގިނައިރު ވެގެން ދިޔައިރު، އެތަނުގައި އުޅޭ ބައެއް އާންމުން ވަނީ އެކަމާ ހިތްހަމަނުޖެހިގެން ވަރަށް ބޮޑަށް ޝަކުވާ ކޮށްފަ އެވެ. އާންމުންގެ އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓް ކަނޑައިގެންދާ ހާލަތުގައި ހިޔާ ފްލެޓްތައް ފަދަ އުސް އިމާރާތްތަކަށް ކަރަންޓް ދޭނެ ބެކަޕް ސިސްޓަމެއް ގާއިމުކޮށްފައި ނެތުމެވެ.

މިއީ ހިޔާ ޓަވަރުތަކުގެ ހުރިހާ ޓަވަރަކުން އެއްފަހަރާ ކަރަންޓު ދިޔަ ފުރަތަމަ ފަހަރެވެ.